"ސީއެޗްއެސްއީ މާލެ" އަލުން ހުޅުވުމަކީ ގާތުން ތަޢުލީމު ދިނުމުގެ ސިޔާސަތުގެ ދަށުން ނިންމެވި ނިންމެވުމަށް ކަމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މާލޭގައި ސެންޓަރ ފޯރ ހަޔަރ އެޑިއުކޭޝަން (ސީއެޗްއެސްއީ މާލެ)، ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ދަރިވަރުންނާ ވީހާވެސް ގާތުން ތައުލީމު ފޯރުކޮށްދިނުން ކަމަށެވެ.
ސަރުކާރުގެ އެންމެ ބޮޑު މަތީ ސާނަވީ ފޯރުކޮށްދޭ ސްކޫލް އަލުން ހުޅުވުމަކީ ވަރަށް ގިނަ ބެލެނިވެރިންނާއި ދަރިވަރުންގެ އެދުމުގެމަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި މުހިއްމު ނިންމެވުމެއް ކަމަަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ސީއެސްއެސްއީ ހުޅުމާލެއަށް ބަދަލުކޮށް ކިޔަވައިދޭން ފެށުމުން ގިނަ ބެލެނިވެރިންނާއި ދަރިވަރުންގެ ކަންބޮޑުވުންތަކާއި ގުޅިފައިވާ އެތައް ސިޓީއެއް އެމަނިކުފާނަށް ލިބިވަޑައިގަތް ކަމަށެވެ. އެގޮތުން ވާރޭވެހި ބްރިޖްގައި ދަތުރުކުރުން ދަތިވާ ދުވަސްތަކުގައި ހުޅުމާލެއަށް ދަތުރުކުރަން ޖެހުމުން ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
"ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ކަންފަތްޕުޅަށް މި ޝަކުވާތައް ދިޔުމުން މާލޭގައި ސީއެޗްއެސްއީ އަލުން ހުޅުވައި ގާތުން ތަޢުލީމު ދިނުމުގެ ސިޔާސަތު ކަށަވަރު ކުރެއްވުމަށް އެކަނިކުފާނު ނިންމެވި ނިންމެވުމަކީ އަޅުގަނޑުގެ ހިތުން ތަޢުލީމީ ދާއިރާގެ އެންމެހާ ބޭފުޅުން ޝުކުރުވެރިކަމާއެކު ފާހަގަކުރާކަމެއް."
މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ސީއެޗްއެސްއީއަކީ މުހިއްމު ބިނާއެއް ކަމަށާއި އަލަށް ގެނެވުނު ބަދަލާއެކު ގިނަ ދަރިވަރުންނަށް ފުރުސަތުތަކެއް ފަހިވެގެންދިޔަ ކަމަށެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ތަޢުލީމީ ނިޒާމު އިތުރަށް ފުޅާކޮށް އެއްވެސް ކުއްޖަކު ބާކީ ނުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަށްވެސް އަލިއަޅުއްވާލައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ ވަކި ކްރައިޓީރިއާއެއް ހަދައިގެން ވަކި ކުދިންތަކެއް ބާކީ ކުރުމުގެ މުސްކުޅި ވިސްނުން ދޫކޮށްލަންޖެހޭ ކަމަށެވެ. މިގޮތުން ސަރުކާރުން އޭލެވެލްގެ ފުރުސަތު އިތުރު ކުދިންނަށް ފަހިކޮށްދިނުމަށް ފެށްޓެވި މަސައްކަތާއެކު 800 އަށްވުރެ ގިނަ ދަރިވަރުންނަށް ފުރުސަތު ލިބިގެންދިޔަކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އޯލެވެލް ނިންމާ ދަރިވަރުންނަށް އިތުރު ގޮތްތައް ފަހިކުރުމަށްވެސް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އޭގެ ސަބަބުން ކުދިން މަގުމަތިވުމުން ދުރުވެގެންދާނެ ކަމަށެވެ.