
ޢީދުގެ އުފާ ފާޅުކުރުމުގައި ޝަރުއީ މިންގަނޑުގައި ހިފަހައްޓަން ޚުތުބާގައި ހަނދާންކޮށްދީފި

ޝަހްޒާ މުޙައްމަދު - 20 މާރިޗު 2026 - 07:22
ފިޠުރު ޢީދުގެ އުފާ ފާޅުކުރުމުގައި ޝަރުޢީ މިންގަނޑުގައި ހިފަހައްޓާން ހަނދާންކޮށްދީ، އިސްލާމީ ސަގާފަތާ ބީރައްޓެހި ކުޅިވަރުތަކަށް ޢީދުތަކުގައި ޖާގަ ނުދިނުމަށް މިއަދުގެ ފިޠުރު ޢީދު ޚުތުބާގައި ގޮވާލައިފިއެވެ.
މުޅި ރާއްޖޭގައި މިއަދު އިއްވެވި ޢީދު ޚުތުބާގައި ވިދާޅުވީ ފިޠުރު ޢީދު ދުވަހަކީ އަޅުގަނޑުމެންނަށް ހިދާޔަތްދެއްވިކަމަށްޓަކައި، މާތް اللهއަށް ޝުކުރުކޮށް، އުފާފާޅުކޮށް، މާތް ﷲގެ މަތިވެރިކަން ބަޔާންކޮށް، ތަކުބީރުގެ އަޑު އުފުލާންވީ ދުސް ކަމަށެވެ. އަދި މުސްލިމުންގެ ޢީދު ޒީނަތްތެރިކުރާންވީ ތަކުބީރުން ކަމަށްވެސް ޚުތުބާގައި ބުންޏެވެ.
އީދު ދުވަހު މާތް الله ދެއްވައިފައިވާ ގިނަގުނަ ނިޢުމަތްތަކުގެ މަތީން ހަނދުމަކުރުމަށް އީދު ޚުތުބާގައި ގޮވާލާފައިވެއެވެ. އަދި އެ ކަލާނގެ އަޅަމެންނަށް ދެއްވައިފައިވާ އެންމެ މަތިވެރި ނިޢުމަތަކީ އިސްލާމްދީން ކަމަށާއި ދީންމަތީގައި ސާބިތުވެ ތިބުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
މުސްލިމުންގެ ޢީދުން ފެންނަނީ، އެއްބައިވަންތަކަން ފާހަގޮށް ޚުތުބާގައި ވަނީ ހަސަދަވެރިކަމާއި ބައިބައިވުމާ ދުރުހެލިވެ، އެކުވެރިވުމަށް ގޮވާލާފައެވެ. އަދި ކޮންމެ މީހަކު ވެސް، އަނެކާގެ ޙައްޤުތައް އަދާކުރަން ޖެހޭއިރު މުސްލިމުން ފުރަތަމަ އަދާކުރާންވީ މާތް اللهގެ ހައްޤުތައް ކަމަށާއި އެއީ ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރުންކަން ޚުތުބާގައި ފާހަގަކުރިއެވެ.
ޚުތުބާގައި ވަނީ ރޯދައިގެ އަޅުކަން އަދާކުރެވުނީތީއާއި، މާތްﷲ އިސްލާމްދީނުގެ މަތިވެރި ނިޢުމަތުގައި އަހަރެމެން ލެހެއްޓެވިކަމަށްޓަކައި، ގިނަގިނައިން އެކަލާނގެ ހަނދުމަކޮށް ތަކުބީރުކިޔަން އެދިފައެވެ.
މުސްލިމުންގެ ޢީދުން ފެންނަނީ، އެބައިމީހުންގެ އެއްބައިވަންތަކަމާއި، ކުޑަކުދީންނާއި ބޮޑެތިމީހުންނާއި، އަންހެނުންނާއި، ފިރިހެނުންގެ މެދުގައިވާ ގުޅުމާއި، ފަގީރުންނާއި މުއްސަދީންގެ މެދުގައިވާ ރަޙުމަތްތެރިކަން ކަމަށް ޚުތުބާގައި ބުންޏެވެ. އަދި މާތްﷲ އަށް ޙަމްދުކޮށް، ސަނާދަންނަވައި، އެކަލާނގެ މަތިވެރިކޮށް، ތަކުބީރުކިޔާ މަންޒަރުކަން ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ މާތްﷲ ގެ ހައްގުތައް އަދާކުރުމަށް އެންގެވި ބަސްފުޅާ ވިދިގެން، މައިންބަފައިންގެ ހައްގުތައް އަދާކުރުމަށް އަމުރުކުރެއްވި ކަމަށެވެ. އަދި ދެން އޮތީ ރަޙިމުގެ ގުޅުންތައް ދެމެހެއްޓުން ކަމަށް ޚުތުބާގައި ބުންޏެވެ.
ޢީދު ދުވަހު ތިބާގެ މޫނުމަތީން ވެސް އުފާވެރިކަން ފާޅުކޮށް، ލޯތްބާއި ކުލުނާއި އަޚުވަންތަކަމުގެ ޝުޢޫރުތަކުން ހަދިޔާ ބަދަލުކުރުމަށް ޚުތުބާގައި ގޮވައިލިއެވެ. އަދި މިއަދަކީ ރޯދައިގެ އަޅުކަން އަދާކުރެވުނުކަމަށްޓަކައި ޝުކުރުކޮށް، ދީލަތިވުމުގެ ދުވަސް ކަމަށް ޚުތުބާގައި ބުންޏެވެ.
ހަމައެއާއެކު އިސްލާމީ ޢީދުތައް ފެށެނީ، އިޖުތިމާޢީ ބޮޑު ބައްދަލުވުމަކުން ކަމަށާއި، މާތްﷲ އަށް ޝުކުރުދެންނެވުމަށްޓަކައި ކުރާ، ޢީދު ނަމާދުން ކަމަށް ޚުތުބާގައި ބުންޏެވެ. މި ނަމާދުގެ ސަބަބުން އެއް ބަޔަކު އަނެއް ބަޔަކާ ބައްދަލުވެ، ސަލާމްކޮށް، ތަހުނިޔާ ބަދަލުކުރެވެއެވެ. އިސްލާމީ ޢީދަކީ އެ ކަމުގައި އެންމެން ބައިވެރިކުރާން ޖެހޭ އިޙުތިފާލެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެހެން ނަސްލުތަކުގެ މުސްލިމުން ވެސް ޢީދުގެ އުފަލުގައި ބައިވެރިކުރާންވާނެ ކަމަށެވެ.
ޢީދުގެ ކުރީން މުއްސަނދީން ފިޠުރު ޒަކާތް ނެރެ، ފަޤީރުންނާއި މިސްކީނުން، މި އުފަލުގައި ބައިވެރިވާން މަގުފަހިކޮށްދޭ ކަމަށް ޚުތުބާގައި ބުންޏެވެ. އަދި ޢީދު ނަމާދުގެ ކުރީން ފިޠުރު ޒަކާތް ނެރުމަށް އަންގަވައިފައި ވަނީ، މި ސަބަބަށް ޓަކައި ކަމަށް ޚުތުބާގައި ބުންޏެވެ.
ފިޠުރު ޢީދު ދުވަހުގެ ޚުތުބާ ނިންމައިލީ ޝައްވާލުމަހު ހިފާ ސުންނަތް ހަރޯދަ ހިފުމުން ނަސޭހަތްތެރިވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ހޯރަފުށީގެ ބޮޑެތި މަޝްރޫއުތަކެއް އެމްޓީސީސީ އިން ކުރިއަށްގެންދަނީ
3 ގަޑިއިރު ކުރިން

ރައީސްގެ ޢީދު ސަލާމްކުރެއްވުމަށް ބޮޑު ތަރުހީބެއް
3 ގަޑިއިރު ކުރިން

ރައީސް، އިސްލާމީ ޤައުމުތަކާއި ޖަމާޢަތްތަކުގެ ވެރިންނަށް، އީދުގެ ތަހުނިޔާ ފޮނުއްވައިފި
3 ގަޑިއިރު ކުރިން

ފިތުރު ޒަކާތުގެ ގޮތުގައި 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ބަލައިގަނެފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)