
އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން ކަމާއި ހަވާލުވާން ރައީސް ނަޝީދު ތައްޔާރުވެއްޖެ

މުޙައްމަދު ފަޟްލޫން - 02 މޭ 2026 - 08:25
އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން ކަމުގެ މަގާމާއި ހަވާލްުވާން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބު މި ހިނގާ މެއި މަހުގެ 12 ވަނަ ދުވަހު ބާއްވަން ނިންމާފައިވަނިކޮށް ވަގުތީ ޗެއަރޕާސަން އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ ވަނީ އިންތިހާބު ފަސްކޮށް ވަގުތީ ޗެއަރޕާސަނެއް ކަނޑައަޅަން ހުށަހަޅުއްވާފައެވެ.
ގަފޫރުގެ ހުށަހެޅުމާއި ގުޅިގެން ރައީސް ނަޝީދު ވަނީ ވަގުތީ ޗެއަރޕާސަން ކަމުގެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ގަފޫރު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އިންތިހާބު ފަސްކުރުމަށްފަހު އިންޓަރިމް އެރޭންޖްމެންޓެއް ހަމަޖައްސަން ގައުމީ މަޖިލީހުން ފާސްކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.
ގަފޫރުގެ ހުށަހެޅުމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރާއީ ވަނީ ތާއީދުކޮށް ރިޔާސީ ޕްރައިމަރީއާ ހަމައަށް ޗެއަރޕާސަން ކަމާއި ރައީސް ނަޝީދު ހަވާލުވާން ހުށަހެޅުވާފައެވެ.
ރާއީގެ ހުށަހެޅުމަށް އިޖާބަ ދެއްވައި ރައީސް ނަޝީދު ވިދާޅުވީ ގައުމީ މަޖިލީހުން އެދޭނަމަ އެމަނިކުފާނު ވަގުތީ ޗެއަރޕާސަން ކަމާއި ހަވާލުވާން ތައްޔާރަށް ހުންނެވި ކަމަށެވެ.
އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބަށް ކުރިމަތިލައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް އެވެ.
މީކާއިލް ވަނީ އިންތިހާބު ފަސްކުރުމަށް ހުށަހެޅުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މިފަހަރު ޗެއަރޕާސަން އިންތިހާބު ފަސްކޮށްފިނަމަ މިއީ މި އިންތިހާބު ފަސްކުރާ ދެވަނަ ފަހަރެވެ.
މީގެކުރިން ޑިސެމްބަރު މަހުގައި ޗެއަރޕާސަން އިންތިހާބު ބާއްވަން ނިންމިއެވެ. ނަމަވެސް އެފަހަރުވެސް އިންތިހާބު ފަސްކުރިއެވެ.
އެމްޑީޕީގެ ފަރާތުން ދެން އެންމެ އަވަހަށް ބާއްވާ ގައުމީ މަޖިލީހުން ޗެއަރޕާސަން އިންތިހާބާއި މެދު ގޮތެއް ނިންމާނެ ކަމަށް އުއްމީދު ކުރެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ނ. އަތޮޅުން ދެމީހުން ހައްޔަރުކޮށްފި
ގަޑިއިރެއް ކުރިން

ށ މިލަންދޫ ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ
2 ގަޑިއިރު ކުރިން

ޕީއެންސީގެ ތަރުޖަމާނަކަށް ފިރުޒުލް އައްޔަނުކޮށްފި
3 ގަޑިއިރު ކުރިން

އެމްޕީއެލް ބޯޑުގެ އެގްޒެކްޓިވް މެންބަރަކަށް ލަމްޢާން ހަމަޖައްސައިފި
ދުވަހެއް ކުރިން


.gif&w=3840&q=75)