logo

ކެފޭތަކެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ 3 ބިދޭސީއަކު ހައްޔަރުކޮށްފި

profile

އައިޝަތު އިނާޝާ - 28 ނޮވެމްބަރު 2024 - 15:30

އިމިގްރޭޝަނުން ހިންގާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން (ފޮޓޯ/ އިމިގްރޭޝަން)

އިމިގްރޭޝަނުން ހިންގާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން (ފޮޓޯ/ އިމިގްރޭޝަން)

މާލޭ ސަރަހައްދުގައި ކުރިއަށްގެންދިޔަ ރެއިޑެއްގައި 8 ކެފޭއެއް ބަލައި ފާސްކޮށް 3 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޮސްޓެއްގައި ބުނީ އިއްޔެ ހިންގި ރެއިޑް އޮޕަރޭޝަންގައި މާލޭގައި ހިންގަމުންދާ 8 ކެފޭއެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް މި ތަންތަނުގައި މަސައްކަތް ކުރަމުންދިއަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ނޮވެންބަރު މަހާ ހަމަޔަށް ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު 5000 އަށް ވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުންގެ ޤައުމަށް ފޮނުވާލާފައެވެ. އެގޮތުން އެންމެ ގިނަ އަދަދެއްގެ ބިދޭސީން ފޮނުވާލާފައިވަނީ މިއަހަރުގެ ޖޫން މަހުގައެވެ.

އިމިގްރޭޝަނުން ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ޤަވާއިދާއި ހިލާފަށް ވިޔަފާރިކުރާ މީހުންނާއި، ލިޔެކިޔުން ފުރިހަމަނުކޮށް އުޅޭ މީހުން ގިނަ އަދަދަކަށް ހިމެނެއެވެ.

ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް ވަނީ ފަށާފައެވެ.

މި އޮޕަރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.

https://int.etukuri.mv/
tel:+9607331319