logo

ރާއްޖޭގެ ހުރިހާ އަތޮޅަކުން އައިޑީކާޑު ލިބޭ ގޮތް ހަދައިދޭނަން: މިނިސްޓަރ އާދަމް ޝަރީފް

profile

ޝުރުފާ މުހަންމަދު - 20 ސެޕްޓެމްބަރު 2024 - 17:25

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު---

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު---

ރާއްޖޭގެ ހުރިހާ އަތޮޅަކުން އައިޑީކާޑު ޕްރިންޓްކޮށް ރައްޔިތުންނަށް ދޫކުރުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ދެއްވައިފިއެވެ.

ޒަމާންތަކެއް ވަންދެން މާލެ ސަރަހައްދުގައި އެކަނި ދެމުން އައި އައިޑީކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް އަތޮޅުތެރޭގެ ރަށެއްގައި އަލަށް ފެށީ އިއްޔެއެވެ. އެ ޚިދުމަތް ފަށާފައި ވަނީ ގއ. ވިލިނގިލީގައެވެ.

އެކަމާ ގުޅޭގޮތުން މިނިސްޓަރ އާދަމް ޝަރީފް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އައިޑީކާޑާއި ޕާސްޕޯޓް ހެދުން ފަދަ ބައެއް ޚިދުމަތްތަކަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާ ގާތުން ލިބޭނެ ޚިދުމަތްތަކަށް ހައްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ދެއްވާފައިވާ ކަމަށެވެ.

އެ ވައުދުފުޅާ އެއްގޮތަށް ގއ. ވިލިނގިލީގައި އެ ޚިދުމަތް މިހާރު ފަށާފައިވާއިރު، އެއީ އެމަނިކުފާނުގެ ވައުދުފުޅު ފުއްދަވާނެކަމާއި އެމަނިކުފާނުގެ ޒައާމަތުގައި ކައުންސިލްތައް ބާރުވެރިކުރުވާނެ ކަމުގެ ހެއްކެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

މިހިނގާ ފަސް އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން ވެސް މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވާދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރ އެރުވިއެވެ.

ID card aai Passport hedhun fadha, Male’ gai dhemundhaa baeh khidhumaiy, laamarukazee nizaamuge therein rayyithunnaa gaathun dhevvaane kamah vevadaigennevi vaudhu @MMuizzu gendhavanee fudhdhavamun. GA. Villingili gai ID card hedhumuge khidhumaiy feshumakee eyge heki.
Marukazu…

— Adam Shareef Umar (@Adamshareefz) September 20, 2024 " target="_blank"

ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މަޢުލޫމާތު އެއްކޮށް އެއްތަނަކުން ބެލެހެއްޓުމުގެ މަސައްކަތް 1984 ވަނަ އަހަރު ފެށީ އައިޑެންޓިޓީ ކާޑު ޔުނިޓުންނެވެ. އެއަށް ފަހު އެ އޮފީހުގެ ނަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އަށް ބަދަލުކުރީ 11 ނޮވެމްބަރު 1993 ގައެވެ.

ޑީއެންއާރުގެ 174 ކަލެކްޓިން ސެންޓަރު ގާއިމު ކޮށްފައިވާއިރު ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަަސައްކަތް ކޮވިޑާ ގުޅިގެން 2021 ގައެވެ. އަދި ކުރިން ބޭނުން ކުރަމުން އައި އޮންލައިން ޕޯޓަލްގެ ބަދަލުގައި ޑީއެންއާރު އޮންލައިން ޕޯޓަލްއެއް ގާއިމުކުރެވި، އަމިއްލައަށް ކާޑަށް ހުށަހެޅޭގޮތް ހަމަޖެހުނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އަދި ކާޑު ޕްރިންޓުކުރުމަށް ފަހު، ޑީއެންއާރުން އެ މީހަކު ހުރި ރަށެއްގެ ކައުންސިލަށް ކާޑު ފޮނުވައެވެ.

އުމުރުން 10 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންގެ އައިޑީ ކާޑުގެ މުއްދަަތަކީ ފަސް އަހަރެވެ. އަދި 40 އަހަރުން މަތީގެ މީހުންގެ ކާޑުގެ މުއްދަތަކީ 10 އަހަރެވެ. އުމުރުން 65 އަހަރުން މަތީގެ މީހުންގެ އައިޑީކާޑުގެ މުއްދަތު ހަމަނުވާނެ ގޮތަށް ބަދަލުކުރުމުގެ މަސައްކަތް ޑީއެންއާރުން އަންނަނީ ކުރަމުންނެވެ.

tel:+9607331319