logo

ކައުންސިލުތައް ޖަވާބުދާރީކުރުމުގެ ބާރު ބޭނުންކުރަން ގޮވާލައިފި

profile

އާމިނަތު ޝަފާ - 04 ޖުލައި 2024 - 11:12

މިނިސްޓަރ އާދަމް ޝަރީފް އުމަރު

މިނިސްޓަރ އާދަމް ޝަރީފް އުމަރު

ކައުންސިލުތައް ޖަވާބުދާރީކުރުމުގެ ބާރު ރައްޔިތުންނަށް ލިބިފައިވާތީ އެ ބާރު ރައްޔިތުން ބޭނުންކުރެއްވުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު އެދިވަޑައިގެންފިއެވެ.

އެ މަނިކުފާނު މި ގޮތަށް އެދިވަޑައިގަތީ ރ.ކިނޮޅަހު ކައުންސިލުގެ ފަރާތުން މާލޭގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރުމަށް ރޭ ޢިމާދުއްދީނު ސުކޫލުގައި ބޭއްވި ޙަފްލާ ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. މިނިސްޓަރ ވިދާޅުވީ ޙަޤީޤީ މާނައިގައި ވެސް ކައުންސިލުތައް ފުރިހަމަ ގޮތުގައި މަސައްކަތްކުރުމުގެ ރޫޚު އާލާވެގެން ދަނީ ރައްޔިތުންގެ ފަރާތުން ކައުންސިލުތަކުން ކުރާ ކަންތައްތަކުގައި ބައިވެރިވެ، އެ ފަރާތްތަކުގެ އެއްބާރުލުން ދިނުމުގެ އިތުރުން ޤާނޫން އަސާސީން ރައްޔިތުންނަށް ދެއްވައިފައިވާ ބާރު އެންމެ ފުރިހަމަ ގޮތުގައި ކައުންސިލުތައް ޖަވާބުދާރީކުރުމަށް ބޭނުންކުރެއްވުމުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޙަޤީޤީ މާނާގައި ލާމަރުކަޒީ ހުރިހާ ބާރެއް ރަނގަޅުކުރުމުގެ ފުރުޞަތު ލިބިފައިވަނީ ރައްޔިތުންނަށް، ޤާނޫން އަސާސީގެ ހަތަރުވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ ވެރިކަން ކުރުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، އެ ވެރިކަން ދެމެހެއްޓުމުގެ ބާރު ރައްޔަތުންގެ އަތްޕުޅުގައި އޮންނައިރު މިއަދު އަޅުގަނޑު ރައްޔިތުންނަށް ކުރާ އިލްތިމާސަކީ ކައުންސިލުތައް ޖަވާބުދާރީ ކުރުމުގައި، ކައުންސިލުތައް ހަމަމަގަށް އެޅުވުމުގައި، ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ބާރުގެ ވާޖިބު އަދާކުރުމުގެ ބޭނުން، ހުރިހައި ބޭފުޅުން ވެސް ރަނގަޅަށް އަދާކުރައްވައިގެން މަސައްކަތް ކުރެއްވުން.

މިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ދުވަސްވަރަކީ ލާމަރުކަޒީ ނިޒާމާއި، ކައުންސިލުތަކާ ގުޅޭގޮތުން އެކި ކަހަލަ ވާހަކަދެކެވޭ ދުވަސްވަރެއް ކަމަށް ވުމާއެކު ކޮންމެ ނިޒާމެއްގައި ވެސް ރަނގަޅު ކުރަންޖެހޭ ކަންކަން ހުރިކަމަށާ، އެ ކަންކަން ރަނގަޅު ނުވެ ހުރި ސަބަބު ވިސްނާ ފިކުރު ކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި ވިދާޅުވީ ލާމަރުކަޒީ ނިޒާމު އިތުރަށް ފުރިހަމަ ކުރެއްވުމަށް ވެސް ގިނަގުނަ ބަދަލުތައް ގެނެވިދާނެ ކަމުގައެވެ.

ލާމަރުކަޒީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ޓަކައި ޤައުމީ ޔުނިވަރސިޓީން ހަދާ ރިސާޗާއި، ރައްޔިތުންގެ މަޖިލީހާއި، އާއްމުންގެ ޚިޔާލާއި، ތަޖުރިބާކާރުންގެ ލަފައި ހޯއްދަވައިގެން ޤާނޫނަށް އިޞްލާޙް ހުށައެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.


tel:+9607331319