.webp&w=3840&q=75)
ޑިމާންޑް ދަށްވުމުގެ ސަބަބުން އީރާނުގެ ފިހާރަވެރިން ބަނގުރޫޓުވުމުގެ މަގުމަތީގައި

އާމިނަތު ޝަޒްލާ - 11 އޮކްޓޯބަރު 2026 - 11:00
މުދަލަށް އޮތް ޑިމާންޑް އިންތިހާއަށް ދަށްވެ، ތަކެތީގެ އަގު އުފުލުމުގެ ސަބަބުން އީރާނުގެ ވެރިރަށް ތެހެރާންގެ ވިޔަފާރިވެރިން ބަނގުރޫޓުވުމުގެ ބިރު ބޮޑުވެ، ވިޔަފާރިތައް ހުއްޓުމަކާ ދިމާލަށް ދާން ފަށައިފިއެވެ.
އެމެރިކާއާއި އިސްރާއީލުން ދެމުންދާ ހަމަލާތަކާއި، އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް ވަމުންދާއިރު، ތެހެރާންގެ އުތުރުގައި އޮންނަ ތާރީޚީ ތަޖްރިޝް މައިދާނުގެ ބާޒާރު މިހާރު ފެންނަނީ ވަރަށް ބޮޑަށް ފަޅުވެފައިވާ ތަނެއްގެ ގޮތުގައެވެ. މީރުވަސްދުވާ ފަތްޕިލާވެއްޔާއި ހަވާދުގެ މީރުވަހުން ކުރިން ކާހިތްކުރުވާ އަދި އަބަދުވެސް ހަލަބޮލި މި ބާޒާރުގެ ހަނި ގޯޅިތަކުން ހިނގާބިނގާވެ އުޅޭ މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.
އެ ބާޒާރުގައި ޑްރައި ފުރުޓާއި މޭވާ ވިއްކާ އުމުރުން 61 އަހަރުގެ ވިޔަފާރިވެރިއެއް ކަމަށްވާ ނާޞިރު ބުނި ގޮތުގައި، ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވުމުން ވިޔަފާރި ދެމެހެއްޓުމަށް މިހާރު ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައިވާކަމީ އެންމެންނަށްވެސް އެނގޭ ހަގީގަތެއްކަން ފާހަގަކުރައްވައި ނާޞިރު ވިދާޅުވީ، ކުރިން ދެ ކިލޯ ނުވަތަ ފަސް ކިލޯ ގަންނަމުންދިޔަ މީހުން މިހާރު ގަންނަނީ އެންމެ ކިލޯއެއް ނުވަތަ ބައި ކިލޯ ކަމަށެވެ. އަދި އެކަން އެނޫން ގޮތަކަށް ސިފަކުރުމަކީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށްވެސް އޭނާ ބުންޏެވެ. ނާސިރު ވަނީ ވިޔަފާރިތައް ދުރާލާ ރޭވުމަށް މަގުފަހިކުރުމަށްޓަކައި ޑޮލަރުގެ އެކްސްޗޭންޖް ރޭޓް އެއްވަރެއްގައި ހިފަހައްޓައި، ހަމައަކަށް އެޅުވުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.
ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި، ސެޕްޓެމްބަރު މަހު އީރާނުގެ އިންފްލޭޝަން ރޭޓް އަހަރުން އަހަރަށް ބަލާއިރު ވަނީ ގާތްގަނޑަކަށް %90 އަށް އުފުލިފައެވެ. އަދި މިދިޔަ އަހަރާ އަޅާބަލާއިރު ކާބޯތަކެތީގެ އަގު ދެގުނައަށްވުރެ ބޮޑުވެފައިވާއިރު، މާރިޗު މަހުގެ ފަހުކޮޅުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އެގައުމުގެ ޖީޑީޕީ ވަނީ %10.1 ދަށަށް ގޮސްފައެވެ. މީގެއިތުރުން، ހަނގުރާމައިގެ ކުރިން ޑޮލަރަކަށް 1.7 މިލިއަން ރިއާލް ލިބުނު ނަމަވެސް، މިދިޔަ ހަފުތާގައި ނުރަސްމީ ބާޒާރުގައި ޑޮލަރެއްގެ އަގު ވަނީ 2.7 މިލިއަން ރިއާލަށް ވެއްޓިފައެވެ. އަދި އަހަރެއް ކުރިން 120 ޑޮލަރުގައި ހުރި އެންމެ ކުޑަ އުޖޫރަ މިހާރު ވަނީ 65 ޑޮލަރަށް ދަށްވެފައެވެ.
މި ހާލަތުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަންނަނީ ފޫނުބެއްދޭވަރުގެ ގެއްލުންތައް ވަމުންނެވެ. ބާޒާރުގައި ކުޅިވަރު ސާމާނު ވިއްކާ އުމުރުން 36 އަހަރުގެ އަލީ ނައުރޫޒީ ބުނީ މިއީ ސަލާމަތްވުމަށް ކުރާ ވަރަށް އުނދަގޫ، އެންމެ ފަހު މަސައްކަތް ކަމަށެވެ. ކުއްޔާއި ބިލްތައް އިންތިހާއަށް ބޮޑުވަމުންދާތީ ކަންބޮޑުވުން ފާޅުކުރަމުން ނައުރޫޒީ ބުނީ، މުދާ އުފައްދާ ގިނަ ފަރާތްތަކެއް ބަނގުރޫޓުވެ، މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ފިހާރަތައް ބަންދުކުރަން ޖެހިފައިވާ ކަމަށެވެ. އަދި މިކަމުގެ ނޭދެވޭ އަސަރު އެމީހުންގެ ވިޔަފާރިއަށް ވެސް ކުރަމުންދާކަން ފާހަގަކުރަމުން އޭނާ ބުނީ، މާކެޓުގައި މުދަލަށް އޮތް ޑިމާންޑް ދަށްވުމުގެ ސަބަބުން އެމީހުންގެ ގުދަންތައް ވެސް މިހާރު ހުރީ އެއްކޮށް ހުސްވެފައި ކަމަށެވެ.
ބާޒާރަށް ޒިޔާރަތްކުރާ ގިނަ ކަސްޓަމަރުންގެ މާލީ ތަނަވަސްކަން ކުޑަވުމުގެ ސަބަބުން އެއްވެސް އެއްޗެއް ނުގަނެ ހުސްއަތާ ދާ މަންޒަރު އާންމުވެފައިވާއިރު، ވަޒީފާއެއް ނެތް އުމުރުން 45 އަހަރުގެ އާޒާދޭ ބުނީ އޭނާ ބާޒާރަށް ދަނީ ހަމައެކަނި ފިހާރަތައް ބަލައިލުމަށް ކަމަށެވެ.
ވިޔަފާރިވެރިންނާއި އާންމުންގެ ކަންބޮޑުވުންތައް މިފަދައިން ހުރި ނަމަވެސް، އީރާނުގެ އިގްތިސާދީ ވަޒީރު ވަނީ ގައުމުގެ އިގްތިސާދު އިނދަޖެހިދާނެ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާފައެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، ދުޝްމަނުން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދައި، ބޭރު ފައިސާގެ އަގު ގަސްދުގައި އުފުލުމަށެވެ.
ގުޅުން ހުރި ޙަބަރުތައް

މޯލްޑިވްސް ފައިނޭންސް ފޯރަމް ނޮވެމްބަރު 14 ގައި ބޭއްވުމަށް ނިންމައިފި
9 ގަޑިއިރު ކުރިން

މާތް الله ގެ ވާގިފުޅާއެކު ދިވެހި އުންމަތް ސަލާމަތްކުރާނަން: ޝައިޚް އިމްރާން
10 ގަޑިއިރު ކުރިން

ސައޫދީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ޕާކިސްތާނުން ދެމިއޮންނާނެކަމުގެ ޔަގީންކަން ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ދެއްވައިފި
16 ގަޑިއިރު ކުރިން

ސައޫދީ އެއާޕޯޓަކަށް ދިން ހަމަލާގައި 6 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
17 ގަޑިއިރު ކުރިން


