logo
__

__

މީގެ ފަހުން 24 ގަޑިއިރު ހުންނާނީ ޤައުމީ ދިދަ ނަގާފައި!

profile

އަހުމަދު ޒަލީފު - 18 ނޮވެމްބަރު 2023 - 12:28

މީގެ ފަހުން، އިރުއޮއްސި ހައެއްގެ ފަހުންވެސް ޤައުމީ ތިރި ނުކުރަން ރައީސް ޑރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މިއީ ވެރިކަމުގެ ހުވައި ކުރެއްވުމަށް ފަހު އެމަނިކުފާނު ނިންމެވި އެންމެ ފުރަތަމަ ނިންމެވުމެވެ.

https://wamco.com.mv/

އެ ފަޚުރުވެރި ދިވެހި ދިދައަކީ، ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި، ރެޔާއިދުވާލު 24 ގަޑިއިރު ޝަރަފާއި ޢިއްޒަތާއެކު ވިހުރި ވިހުރި ހުންނާނެ އެންމެ ޢިއްޒަތްތެރި ނިޝާންކަމަށް ރައީސް ވިދާޅުވިއެވެ.

”ތިޔަ އެންމެ ބޭފުޅުން، އެހެރަ ލޮބުވެތި ފަޚުރުވެރި ދިވެހި ދިދަޔަށް ބައްލަވައިލަ ދެއްވުން އެދެން! މި ވަގުތު އެ ޝަރަފުވެރި ދިވެހި ދިދަ އަޅުގަނޑުމެންނާ އެބަ މުޚާޠަބު ކުރޭ. އެއީ، މިނިވަންކަމުގެ ދިދަ. އެކަން ދައްކައިދިނުމަށްޓަކައި، ފިންޏާއި، ހޫނާއި، އަތްވާއި ވާރޭގައި، އެ ދިދަ ވިހުރޭ. އެކަމުން ބުނެދެނީ، މިނިވަންކަން ދެމެހެއްޓުމުގައި ކުރަންޖެހޭ ހިތްވަރާއި، ބަހައްޓަންޖެހޭ ސާބިތުކަމުގެ ވާހަކަ. އެ ދިދައިގައި ކުލަތައް އެތުރިފައި ހުންނަނީ، ވަކި މިންތަކަކުން ވަކި އިންތަކެއްގައި. އެއިން އެނގެނީ މިނިވަންކޮށް މުޖުތަމަޢެއް ނުވަތަ ޤައުމެއް ބޭއްވޭނީ ހަމަތަކަކާއި އުސޫލުތަކެއް ހުރުމާއެކު، ވަކިގޮތަކަށް ތަރުތީބުވެގެން، ވަކި އިންތިޒާމެއްގެ މަތީ ބަޔަކު ތިބެގެންކަން. އެހެންކަމުން، އެ ދިދަ އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ، ދިވެހި ޤައުމު ޙަޤީޤީ ދިވެހި ޤައުމަކަށް ވަނީ، ދިވެހި މުޖުތަމަޢު ދިވެހީންގެ ޙަޤީޤީ ސިފަތަކުން ގުޅި ލާމެހި އެކުވެރިވެގެންކަން. އެހީތެރިވެގެންކަން. ރަނގަޅު ކަންކަން ދިރުވުމުގައްޔާއި، ނުރަނގަޅު ކަންކަން އިޞްލާޙުކުރުމުގައި، އެކަކުއަނެކަކަށް އެއްބާރުލުން ދީގެންކަން.“ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދިދައާއި މުޚާޠަބު ކުރައްވައި، ވާހަކަފުޅު ދައްކަވައިފައެވެ. އެއީ އަސަރުން ފުރިގެންވާ ވާހަކަފުޅުތަކެކެވެ.

”އޭ ދިވެހީންގެ ފަޚުރުވެރި ޤައުމީ ދިވެހި ދިދަޔާ! ތިބާދެކެ އަޅުގަނޑު އިންތިހާޔަށް ލޯބިވަން! ތިޔަ ހެލިލުމާއި ވިހުރިލުމުގެ މާނަތައް އިޙްސާސް ކުރަން! ތިޔަ ދައްކައިދެނީ ޤައުމު ދިފާޢުކުރި މަތިވެރި ޝަހީދުންގެ ލޭފޮދު. ޤައުމު ބިނާކުރި އެންމެހައި އަޖުދާދުންގެ ފެހި ރޯޝަން އުންމީދާއި ދިރުން! ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތް ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ކީރިތި މޫރިތިކަން! އެހެންވީމާ، އޭ ލޮބުވެތި ޝަރަފުވެރި ދިވެހި ދިދަޔާ! މިއަދު މިވަގުތުން ފެށިގެން އިރާދަކުރެއްވިއްޔާ، ތިޔަ އައުދާނަ ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ! މީގެ ފަހުން ތިޔަ ފަޚުރުވެރި ދިވެހި ދިދައަކީ، ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި، ތިބާހުރި ކޮންމެ ތަނެއްގައި ތިރިކުރުމެއްނެތި، ރެޔާއިދުވާލު 24 ގަޑިއިރު ޝަރަފާއި ޢިއްޒަތާއެކު ވިހުރިވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާން!“ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އަކީ ވަރަށް ވަޠަނީ ބޭފުޅެއްކަން އެމަނިކުފާނުގެ އަރިހުގައި އުޅުއްވާ ބޭފުޅުން މީގެ ކުރިން ފާހަގަކުރައްވައިފައިވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay