logo

މިއަހަރުގެ ރަނި އެވޯޑް 11 ބޭފުޅަކަށް

profile

އައިޝަތު އިނާޝާ - 15 ޑިސެމްބަރު 2025 - 06:29

ދިގު މުއްދަތެއްގައި، މެދު ކެޑުމެއްނެތި މާލެ ސިޓީއަށާއި، މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮށްދެއްވާފައިވާ 11 ބޭފުޅަކަށް މިއަހަރުގެ ރަނި އެވޯޑް އަރުވައިފިއެވެ.

https://wamco.com.mv/

މާލެ ސިޓީ ހޯލްގައި އިއްޔެ ރޭ ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، ނިޝާން ޢިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ، އޮނަރަބަލް އަނީސާ އަޙްމަދާއި، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ދެއްކެވި ވާހަކަ ފުޅުގައި، ޤައުމެއްގެ ތަރައްޤީއަށް އަންހެނުންގެ އިސްނެގުމާއި ބައިވެރި ވުމަކީ މުހިއްމު ކަމެއް ކަމަށް ދެކޭ ކަމަށާއި، އިޤްތިސާދީ، އިޖްތިމާޢީ އަދި އިންސާނީ ވަސީލާތްތައް ބިނާކޮށް، ތަރައްޤީ ކުރުމަށް އަންހެނުންގެ ހިއްސާގެ މުހިއްމު ކަން ފާހަގަކުރެއްވިއެވެ.

ސިޔާސީ މަސްރަހުގައާ ގައުމުގެ އިސް މަޤާމުތަކުގައި އަންހެނުން ތަމްސީލްވާންޖެހޭ މިންވަރަށް އެކަން ނުދާކަމަށް ދެކޭކަން ހާމަކުރައްވައި، މޭޔަރ ޢާޒިމް ވިދާޅުވީ، ޤައުމުގެ މުހިއްމު ނިންމުން ތަކުގައި މިހާރަށް ވުރެ ބޮޑަށް އަންހެނުންގެ ބައިވެރިވުން ހިމެނެން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، އެކަން ކާމިޔާބުވާނީ، ދިމާވާ ގޮންޖެހުން ތަކަށް އަންހެނުން ކުރިމާލައިގެން ކަމަށެވެ.

މި ރައްމިއްޔާތުގައި ނިޝާން ޢިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ، އޮނަރަބަލް އަނީސާ އަޙްމަދު ވެސް ވަނީ ވާހަކަ ފުޅު ދައްކަވާފައެވެ. އަނީސާގެ ވާހަކަފުޅުގައި، ޚިދުމަތެއް ފައްޓާ، ޚިދުމަތެއް ފުޅާކޮށް އެކަން ކުރިޔަށްގެންދިއުމަށް ޓަކައި، އެކަން ބަލައި ގަންނާނެ ބަޔަކު ތިބުމަކީ އެ ޚިދުމަތެއް ދޭ މީހަކަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއްކަން ފާހަގަ ކުރައްވާފައެވެ.

އެގޮތުން އަންހެންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީން މިފަދަ އެވޯޑެއް ދެއްވާ ކަމަށް ޓަކައި އެ ކޮމެޓީ އަށް ޝުކުރުއަދާ ކުރައްވާފައެވެ. އަދި މިފަދަ އެވޯޑް ތަކުގެ ސަބަބުން މުޖުތަމަޢުގައި ޚިދުމަތްތެރިންގެ އިތުރުވެ، މީހުންގެ ޝައުޤުވެރިކަން އިތުރުވެގެންދާނެ ކަމެއް ކަމަށް ފާހަގަކުރެއްވިއެވެ.

މާލެ ސީޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުން ކޮންމެ އަހަރެއްގެވެސް އެ ކޮމެޓީގެ އަހަރީ ދުވަހާ ގުޅުވައިގެން ދޭ މި، އެވޯޑަކީ އަންހެނުންނަށް އިޖްތިމާއީ،އިގްތިޞާދީ އަދި ސިއްޙީ ދާއިރާގެ އިތުރުން ތައުލީމީ ދާއިރާ އާއި އިންސާނީ ޙައްޤު ދާއިރާ އަދި ސިޔާސީ ދާއިރާގައި ވަކާލާތު ކުރާ ފަރާތްތަކުގެ އަގު ވަޒަންކޮށް، ހިއްވަރު ދިނުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.

އެގޮތުން މިއަހަރު އެވޯޑް ލިބިވަޑައިގަތީ، ފާތިމަތު ޝަފާ (މ.ޖޯރުފީން)، އައިޝަތު ސަމީރާ މުޙައްމަދު (ގ.ގްރޭވިލާ)، ޝިޔާމާ އަހްމަދު (މ.ކަރޭޖް) އަދި ޒައިނަބް އަލީ (މ.އާސްތާ)އެވެ. އަދި މީގެ އިތުރުން، ޝަމްސިއްޔާ އުމަރް (މ.ކުޑަފަރުގެ)، ޑރ. ރަނާ އަހްމަދު ހަމީދު (މ.ކުރިނބީލޮޖް)، އައިޝަތް ޢަލީ (ގ.އަލީޝާ) އަދި އަމީނާ އަބްދުލް ގާދީރު (މއ.ޑެއިޒީ ވިލާ) ގެ އިތުރުން، އައިޝަތު ހިމްލާ (މ.މާކަރީ) އެވެ.

މި ހަފްލާގައި މާލޭގެ ހަތަރު އަވަށްކަމުގައިވާ މާފަންނު، މައްޗަންގޯޅި، ގަލޮޅު އަދި ހެންވޭރު އަވަރަށް ނިސްބަތްވާ އަންހެނުންގެ ކޮމެޓީއަށް ގިނަ މަސައްކަތެއް ކޮށްދެއްވާފައިވާ ބޭފުޅުންނަށް އެބޭފުޅުން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ޝަރަފުގެ ފިލާ އަދި ހަނދާނީ ލިޔުން ވަނީ 4 ފަރާތަކަށް އެރުވިފައެވެ.

އެގޮތުން ޝަރަފުގެ ފިލާ ލިބިވަޑައިގެންނެވީ، މަފާންނު އަވަރު މެމްބަރު، އައިޝަތު ޔޫސުފާއި، ހެންވޭރު އަވަރު މެމްބަރު، ޢަޒީޒާ އުމަރާއި، މައްޗަންގޯޅި އަވަރު މެމްބަރު، ރަޒިއްޔާ މުޙައްމަދު ކަލޭފާނާއި، ގަލޮޅު އަވަށު މެމްބަރު، ސުނީތާ މުހައްމަދަށެވެ.

މީގެ އިތުރުން ވެސް މި ރަސްމިއްޔާތުގައި މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުންގެ ގޮތުގައި ފާއިތުވި ތިން ދައުރުގައި މަސައްކަތް ކުރައްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް އެބޭފުޅުން ހަނދާނީ ލިއުން ވަނީ ދެއްވާފައެވެ.

ރަނީ އެވޯޑަކީ މާލެ ސިޓީ އަންހެނުން ތަރައްޤީ އަށް މަސައްކަތްކުރާ ކޮމެޓީން އިސް ނަގައިގެން އަންހެނުންގެ އަގު ވަޒަންކޮށް ހިއްވަރު ދިނުމުގެ ގޮތުން 2021 ވަނަ އަހަރުން ފެށިގެން ދޭން ފެށި އެވޯޑެކެވެ

https://wamco.com.mv/
https://eportal.mwsc.com.mv/e-pay