logo

ޗައިނާއަށް ދައްކަންޖެހޭ ލޯނުތައް ކުރިއަށް އޮތް 5 އަހަރަށް މަޑުޖައްސާލަނީ

profile

އަހުމަދު ޒަލީފު - 13 ޖެނުއަރީ 2024 - 20:08

ރައީސް ޑރ މުޙައްމަދު މުޢިއްޒު، ޗައިނާގެ ރައީސް އާއެކު

ރައީސް ޑރ މުޙައްމަދު މުޢިއްޒު، ޗައިނާގެ ރައީސް އާއެކު

ރާއްޖެއިން ޗައިނާއަށް ދައްކަންޖެހޭ ލޯނުތަކަށް ލުއި ގޮތްތަކެއް ހަމަޖެއްސެވުމަށް ޗައިނާ ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޗައިނާއިން ނަގާފައިވާ ގިނަ އަދަދެއްގެ ލޯނު ހުރުމުން، އެ ލޯނުތައް ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދެއްވުމަށް ޗައިނާ ސަރުކާރާއެކު މަޝްވަރާކުރެވުނުކަމަށެވެ. އެގޮތުން ދެ ޤައުމުގެ މެދުގައި ބޭއްވި ރަސްމީ މަޝްވަރާތަކުގައި ލޯނުތައް ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ދިވެހި ސަރުކާރުން ޗައިނާ ސަރުކާރުގައި އެދިފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ލޯނުތައް ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ދިވެހި ސަރުކާރުން އެދުމުން އެކަމަށް ޗައިނާއިން ފުރިހަމައަށް އިޖާބަ ދީފައިވާކަމަށެވެ. އެގޮތުން ކުރިއަށް އޮތް 5 ޗައިނާއަށް ދައްކަންޖެހޭ ލޯނުތައް ނުދައްކާ ދިގު ދައްމާލަން މަޝްވަރާކުރެވުނުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ޗައިނާގެ ރައީސަށް އެކަންތައް ހުށަހެޅުމުން ވަގުތުން، ރަސްމީ ޓޯކްސްގައި އެކަމާބެހޭ ގޮތުން ރާއްޖެއަށް ވަރަށް އަވަހަށް ޓެކްނިކަލް ޓީމެއް ފޮނުވާ ރާއްޖެއިން ޗައިނާއަށް ދައްކަން ހުރި ފައިސާ ކުރިއަށް އޮތް ފަސް އަހަރު ދުވަހު ނުދައްކައި، ގްރޭސް ޕީރިއަޑެއް ލައި، ވީހާވެސް ލުއި ގޮތަކަށް އެ ލޯނުގެ ކަންތައް ހަމަޖެއްސޭނެ ގޮތްތަކެއް ދިރާސާކޮށް ކަނޑައެޅުމަށްޓަކައި ވަރަށް އަވަހަށް އެތަނުގެ ފިނޭންސް މިނިސްޓްރީ އާއި ފައިނޭންސް ދާއިރާގެ ޓެކްނިކަލް ޓީމެއް ފޮނުއްވަވާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖެއިން ޗައިނާއަށް ދައްކަންޖެހޭ ލޯނުތަކަކީ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކެއް ހިންގެވުމަށް ނަގާފައިވާ ލޯނުތަކެކެވެ. އެގޮތުން ބްރިޖު މަޝްރޫޢާއި، ހިޔާ ފްލެޓްތަކާއި އަދި އެ ނޫންވެސް ތަރައްޤީއާ ގުޅޭ މުހިއްމު ގިނަ މަޝްރޫޢުތަކަކަށް ޗައިނާއިން ވަނީ ރާއްޖެއަށް ލޯނުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

https://int.etukuri.mv/
tel:+9607331319