
ވިނީ (ވ) ބެންފީކާ އާއި ދެކޮޅަށް ކުޅެނީ
ވިނީގެ މޮޅު ކުޅުމާއެކު ރެއާލް މެޑްރިޑުން ބެންފީކާ ބަލިކޮށްފި

ހަސަން ޝަމްއޫން - 18 ފެބްރުއަރީ 2026 - 01:23
ޔުއެފާ ޗެމްޕިއަންސް ލީގު ޕްލޭއޮފްގައި މިރޭ ރަށުން ބޭރުގައި ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ޕޯޗުގަލްގެ ބެންފީކާ ބަލިކޮށް ސްޕެއިންގެ ރެއާލް މެޑްރިޑުން މުބާރާތުގެ ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފިއެވެ.
މުބާރާތުގެ ޕްލޭއޮފްގެ ޖާގައެއް ރެއާލް މެޑްރިޑުން އިން ހޯދީ ލީގުބުރުގައި ކުޅުނު އަށް މެޗުން ހޯދި 15 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ލީގުބުރުގެ ނުވަވަނަ ޓީމުގެ ގޮތުގައެވެ. އަދި ބެންފީކާ އިން ޕްލޭއޮފްގެ ޖާގައެއް ހޯދީ ލީގުބުރުގައި ކުޅުނު އަށް މެޗުން ހޯދި 9 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ލީގުބުރުގެ 24 ވަނަ ޓީމުގެ ގޮތުގައެވެ. އަދި މިދެޓީމު ލީގުބުރުގައި ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބޭންފީކާ އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ރެއާލްގެ އެމްބާޕޭ އަދި އަޑާ ގުލާއަށް ވަނީ މެޗުގެ ލީޑު ހޯދުމަށް ވަރަށް ހުސް ފުރުސަތުތަކެއް ލިބި ބޭނުންކުރެވޭގޮތް ނުވެފައެވެ. އަދި މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ރެއާލް މެޑްރިޑުން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއަރ އެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މީގެ އިތުރުން މިމެޗުގެ ދެވަނަ ހާފުގައި ރެފްރީގެ ނިންމުންތަކާއި ތަކުރާރުކޮށް ނުރުހުން ފާޅުކުރުމުން މެޗުގެ ރެފްރީ ވަނީ ބެންފީކާގެ ކޯޗް ހޯސޭ މޮރީނޯއަށް ގާތްގާތުގައި ދެއްކި ދެ ރީނދޫކާޑާއެކު ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލަފައެވެ. މިއާއެކު ރެއާލްގެ ދަނޑުގައި ކުޅޭ ދެވަނަ ލެގްގެ މެޗަށް މޮރީނިއޯ ވަނީ ސަސްޕެންޑްވެފައެވެ.
މިދެޓީމުގެ މެދުގައި ކުޅޭ ޕްލޭއޮފް ދެވަނަ ލެގު މެޗު ރެއާލް މެޑްރިޑްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު 1:00 ގައެވެ.
ގުޅުން ހުރި ޙަބަރުތައް

ޑޫއޭގެ ދެލަނޑާއެކު ރަށުން ބޭރުގައި ޕީއެސްޖީ އިން މޮނާކޯ
21 ގަޑިއިރު ކުރިން

މެޗުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅުނު ޔުވެންޓަސް އަތުުން ގަލަތަސަރާއީއަށް ފަސޭހަ މޮޅެއް
ދުވަހެއް ކުރިން

ޔަމާލްގެ ޕެނަލްޓީ ނާކާމިޔާބުވިއިރު، ބާސެލޯނާ އިން ފުރުސަތު ނަގާލައިފި
2 ދުވަސް ކުރިން

ވާދަވެރި ކުޅުމަކަށްފަހު އަލް ފަތޭހް ބަލިކޮށް އަލް ނަސްރުން ފަރަގު ކުޑަކޮށްފި
4 ދުވަސް ކުރިން


.gif&w=3840&q=75)