logo

އާ ޕީޖީ އާއި އެކު ފޮނި އުއްމީދުތަކެއް!

profile

މަރްޔަމް އުމްނާ އިސްމާޢީލް - 17 ސެޕްޓެމްބަރު 2024 - 17:11

Abbas.png

Abbas.png

ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކެޓްރީއަކަށް އުޅުއްވި އައްބާސް ޝަރީފް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ މިއަދު ފާސްކޮށްފަ އެވެ. އެ މަގާމަށް އައްޔަނުކުރަން އައްބާސް އަށް މަޖިލީހުން ރުހުންދިނީ 85 މެމްބަރުން ތާއީދުކުރައްވައިގެން ނެވެ. ކޮމިޓީގެ އިންޓަވިއު މަރުހަލާގައި ވެސް އެބޭފުޅާއަށް 90 އަކަށް ވުރެ މަތިން ޕޮއިންޓު ލިބިވަޑައިގަތެވެ.

ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓަށް މިއަދު ކުރެވުނު ބަހުސްގައި ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީއާއި، އިދިކޮޅު އެމްޑީޕީގެ އިތުރުން އެމްޑީއޭގެ ފަރާތުން މެމްބަރުން ވާހަކަދެއްކެވި އެވެ. އެ މެމްބަރުންގެ ވާހަކަތަކަށް ބަލާލާއިރު، ޕީޖީގެ މަގާމަށް އައްޔަނުކުރާ އައްބާސްއާ މެދު މެމްބަރުންގެ ފޮނި އުއްމީދުތަކެއް އޮތް ކަން ފާހަގަކުރެވިގެން ދިޔައެވެ.

ގިނަ މެމްބަރުން އައްބާސްއާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ މުހިއްމު ސަބަބުގެ ގޮތުގައި ފާހަގަކުރެވުނީ ހައްލުނުކުރެވި އޮތް ވާނުވާގެ މައްސަލަ ހައްލުކުރުމާއި ގުޅޭ ގޮތުން އައްބާސްގެ ވިސްނުންތަކެއް އޮތުމުންނެވެ. މިއީ ޤާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި ރައްޔިތުންގެވެސް ކަންބޮޑުވުމެއް އޮތް، އަވަސް ހައްލެއް ބޭނުންވެފައިވާ ކަމެކެއެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާގައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބެން ޖެހޭ ޖެހުން ކަމަށްވާއިރު އިންޓަވިއު މަރުހަލާގައި އައްބާސް އާ އެކަމާ ގުޅިގެން ސުވާލުކުރެވުނެވެ. އައްބާސް ވިދާޅުވީ މުޅި މައްސަލައަށް ހައްލު ލިބޭނީ، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި އަވަހަށް ހުކުމް ކުރެވޭ ގޮތަށް ނިޒާމް ބައްޓަން ކުރެވިގެންނެވެ. ކޮންމެ މައްސަލައެއްގައި މުއްދަތު ޖަހާފައި ބަންދުގައި ބެހެއްޓުމުގެ ބަދަލުގައި އެއީ ކިރިޔާ ވެސް ދޫކޮށްލާފައި ބެހެއްޓޭ މީހެއް ކަމަށް ވާނަމަ، ކަފާލާތުގެ ދަށުން ދޫކޮށްލަން ޖެހޭ ފަދަ ނިޒާމެއް އޮންނަން ޖެހޭ ކަމަށް، އެ ބޭފުޅާ ދެކިވަޑައިގަންނަވައެވެ.

ބަހަުސް މަރްހަލާގައި ޕީއެންސީއަށް ލިބުނު ފުރުސަތުގައި ވާހަކަ ދައްކަވަމުން ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމް އައްބާސްއާ މެދު އެންމެ ހިތްހަމަޖެހިވަޑައިގަންނަވާ އެއް ސަބަބެއް ކަމަށް ފާހަގަކުރެއްވީ ޝަރުއީ ނިޒާމު ހަރުދަނާކުރެއްވުމަށް އެ ބޭފުޅާ ގެންގުޅުއްވާ ތަސައްވުރެވެ.

"ދެން އަޅުގަނޑުމެންނަށް އިވިގެންދިޔަ ވަރަށް ރަނގަޅު ތަސައްވުރެއް. އެ މުއްދަތު އަވަސް ކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގެ، އެއީ ވަރަށް މުހިއްމު ކަމެއް ކަމުގައި އަޅުގަނޑު ފާހަގަކޮށްލަން. އެއީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭއިރު ރައްޔިތުންނަށް ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަ މެދުވެރިވޭ." އަނާރާ ވިދާޅުވި އެވެ.

ދެވަނަ ކަމަކަށް މެމްބަރު ފާހަގަކުރެއްވީ ދައުވާ އުފުލުމުގައި ހަމަހަމަކަމާއި އިންސާފުވެރިކަމަށް ބައްލަވާނެ ކަމަށް އައްބާސް ވިދާޅުވި ވިދާޅުވުމެވެ.

"އަޅުގަނޑުމެންނަށް މާޒީގަ ފެނިފައި އެބަވޭ، ބައެއް ފަހަރު ރައްޔިތުން ޝަކުވާ އެބަކުރޭ ސިޔާސީ ގޮތުން އުފުލިފައިވާ ދައުވާއޭ، އެގޮތަށް، އެފަދަ އެއްވެސް ވާހަކައެއް އިވޭކަށް އަޅުގަނޑުމެން ބޭނުމެއް ނޫން މުސްތަގުބަލުގަ. އަޅުގަނޑު ޔަގީންކުރަން އަދުގެ ސަރުކާރުންވެސް އަދުލު އިންސާފުގެ ނިޒާމު ފުރިހަމަކުރުމަށްޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާއިރު އަލަށް އައްޔަނުކުރެވޭ ޕީޖީގެ ފަރާތުން ވެސް ރައްޔިތުންނަށް ހަމަހަމަކާ އިންސާފު ހޯދައިދިނުމަށްވެސް މަސައްކަތް ކުރާނެ ކަމަށް ޔަގީންކުރަން." އޭނާ ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީގެ އިތުބާރުވެސް އައްބާސްގެ މައްޗަށް އެބައޮތެވެ. ކޮމިޓީ ރިޕޯޓަށް ބަހުސްކުރައްވަމުން އެ ޕާޓީގެ ފަރާތުން ވާހަކަދެއްކެވި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާގެ ވާހަކަ ފެއްޓެވީ ވެސް އިތުބާރުގެ ވާހަކައިން ނެވެ.

އެގޮތުން، ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު އުފެދުނީއްސުރެ އެ މަގާމަށް އައްޔަނުކުރެވުނު އެއްވެސް ބޭފުޅަކަށް މަގާމުގެ ދައުރު ފުރިހަމަކުރެއްވިފައިނުވާކަން މެމްބަރު ފާހަގަކުރެއްވި އެވެ. ގަފޫރު ގަބޫލުކުރައްވާ ގޮތުގައި އެއީ ސަރުކާރުތަކުގެ މައްސަލަ އެކެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނަވައިގެން އެއްވެސް ބޭފުޅަކު އޭރަކު އޮންނަ ސަރުކާރަށް ދަތިވާ ކަމެއް ނުކުރައްވާނެ ކަން ގަބޫލުކުރަން ޖެހޭ ކަމަށާއި، މަގާމުގެ ދައުރު ފުރިހަމަ ކުރުމުގެ ފުރުސަތު ވެސް ދެވޭނީ، އެގޮތަށް އެކަން ދެކި މަސައްކަތް ކުރުމުން ކަމަށް މެމްބަރު ގަފޫރު ވިދާޅުވި އެވެ.

އެހެންކަމުން، ރާއްޖޭގެ ޝަރުއީ ނިޒާމު ރަނގަޅުކޮށް ހަރުދަނާކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލް އަށް ސަރުކާރުތަކުގެ އިތުބާރު އޮތުމަކީ މުހިއްމު ކަމެއް ކަމަށް މެމްބަރު ވިދާޅުވި އެވެ.

"އެ އިތުބާރު ގެއްލިފައިވަނީ ހުރިހާ ޕްރޮސެކިއުޓާ ޖެނެރަލުންނަށް ވެސް، މިއީ ވަކި ސަރުކާރެއްގެ ވާހަކައެއް ނޫން އަޅުގަނޑުމެން މި ދައްކަނީ. އެ ސަރުކާރެއް މި ސަރުކާރެއް ކިޔާނެ ކަމެއް ނެތް. މިއީ އަޅުގަނޑުމެން ވަރަށް ފާހަގަކުރަންޖެހޭ ކަމެއް. ސަރުކާރުގެ އިތުބާރު ޕްރޮސެކިއުޓާ ޖެނެރަލްގެ މައްޗަށް ނެތިއްޔާ ޝަރުއީ ނިޒާމަށް ރައްޔިތުންގެ އިތުބާރެއް ނޯންނާނެ." މެމްބަރު ވިދާޅުވި އެވެ.

މެމްބަރުގެ ވާހަކަ ނިންމަވާލެއްވީ، އައްބާސްއަށް ފުރިހަމަ އިތުބާރު އޮތް ކަމަށް ވިދާޅުވަމުން ނެވެ.

"އެހެންމަ މިއަދު ވޯޓު ނެގޭ ޕްރޮސެކިއުޓާ ޖެނެރަލްއާ ދޭތެރޭގައި ވެސް އަޅުގަނޑުމެންގެ އިތުބާރު އެބައޮތް. އަޅުގަނޑު އުއްމީދުކުރަން ވަކި ފަރާތަކަށް ނުޖެހި، ހަމަ އެހެން ޕްރޮސެކިއުޓާ ޖެނެރަލުންނޭ އެއްގޮތަށް އެބޭފުޅާ ވެސް އެބޭފުޅާގެ ގާނޫނީ ޒިންމާ ފުރިހަމައަށް އަދާކުރާނެ ކަމަށް. އެކަމާ ދޭތެރޭޣައި އަޅުގަނޑު ޝައްކެއް ނުކުރަން. "

މެމްބަރު ގަފޫރު ދެއްކެވި ބައެއް ވާހަކަތަކާއި މެދު ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސްގެ ހިޔާލު ތަފާތުވުންތައް ހުރިކަން ފާހަގަކުރެވުނުއެވެ. އައްބާސް ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލްގެ ދައުރު ފުރިހަމަނުކުރެވެނީސް ވަކިކުރުމުގައި އޮތީ ސަރުކާރުގެ މައްސަލައެއް ނޫނެވެ. އިންސާފުވެރިކަމާއި އެކު ހުށަހެޅޭ މައްސަލަތައް ކުރިއަށް ނުގެންދިއުމުގެ ސަބަބުން ކުރިމަތިވެގެން ދިޔަ މައްސަލަތައް ކަމަށެވެ.

"ހަގީގަތުގައި ވެސް އެންމެ ބޮޑު މައްސަލައަކަށް މި ދިމާވެފަ އޮންނަނީ ބައެއް ބޭފުޅުންގެ މައްސަލަތައް ބައްލަވާފަ. އަނެކެއް ބައި ބޭފުޅުންގެ މައްސަލަތައް ނުބައްލަވާ. ކަނޑައެޅިގެން ހެއްކާ ގަރީނާ ހުރި މައްސަލަތަކުގައި ދައުވާ ނުކުރެވި، މިކަހަލަ ބައިވަރު ގޯސްތަކެއް ހުންނަވައިގެން ހެއްދެވީމާ." މެމްބަރު ވިދާޅުވި އެވެ.

އައްބާސް ވެސް ގަބޫލުކުރައްވަނީ އާ ޕީޖީ އާއި އެކު ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. އައްބާސްގެ ޕްރޮސެކިއުޓާ ޖެނެރަލް ކަމުގައި ބޮޑެތި މައްސަލަތަކުގައި އަވަހަށް ދައުވާ އުފުލިގެންދާނެ ކަމަށް މެމްބަރު އައްބާސް އުއްމީދުކުރައްވައެވެ.

".. އަދި ޕީޖީ އޮފީހުގައި ގަނޑުވެފަ އައިސް ނައްޓުވަން ވެފަ ހުރި ހުރިހާ މައްސަލަތަކެއް ބަލައި އެކަންކަން ކުރިއަށްދާނެ ކަމަށް އަޅުގަނޑު ޔަގީންކުރަނީ. އަދި ދިވެހި ދައުލަތަކަށް ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ އެންމެހާ ހިޔާނާތްތެރިންގެ މައްސަލަ ވީ އެންމެ އަވަހަކަށް ޝަރީއަތަށް ފޮނުވި އެބޭފުޅުންނަށް އެންމެ ހައްގު އަދަބު ލިބިގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ." މެމްބަރު ވިދާޅުވި އެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި އައްބާސް އަކީ ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވުމުގެ އިތުރުން ކުޅަދާނަ ގާނޫނީ ވަކީލެއްވެސް މެ އެވެ. އައްބާސްއަކީ މިހާތަނަށް އެ މަގާމަށް އައްޔަނުކުރެވުނު 5 ވަނަ ބޭފުޅާ އެވެ. ކޮންމެއަކަސް އައްބާސް އާއި ދޭތެރޭ އިދިކޮޅާއި، ސަރުކާރުގެ ވެސް ފޮނި އުއްމީދުތަކެއް އެބައޮތެއެވެ. ތަހްގީގީ އިދާރާތަކުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާ މައްސަލަތައް ތަފާތު ކުރުމެއް ނެތި، އިންސާފުވެރިކަމާއި ކުރިއަށް ގެންގޮސް އަވަހަށް ނިންމައިދިނުމަކީ އާ ޕީޖީ އާއި އެކު ހުރިހާ އެންމެންވެސް ކުރަމުން އަންނަ އުއްމީދެއެވެ.

tel:+9607331319