logo

އަހަރުގެ މިހާތަނަށް 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި!

profile

ޝަހްޒާ މުޙައްމަދު - 22 ފެބްރުއަރީ 2026 - 20:54

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

https://wamco.com.mv/

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.5 އިންސައްތަ އިތުރުވެފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ. އެ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 418,034 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 381,870 ފަތުރުވެރިންނެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، މިހާރު އެވްރެޖްކޮށް ކޮންމެ ދުވާލަކު 8,000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އާދެއެވެ. މީގެ ތެރެއިން ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ވައިގެ މަގުންނެވެ. އެގޮތުން 416,969 ފަތުރުވެރިން ވައިގެ މަގުން އައިއިރު، ކަނޑުމަގުން ރާއްޖެއަށް އައީ 1,065 ފަތުރުވެރިންނެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެންމެ ގިނައިން ފަތުރުވެރިން އައި ފަސް ގައުމަކީ:

  1. ޗައިނާ: 67,185 ފަތުރުވެރިން
  2. ރަޝިއާ: 46,636 ފަތުރުވެރިން
  3. އިޓަލީވިލާތް: 40,345 ފަތުރުވެރިން
  4. އިނގިރޭސިވިލާތް: 38,162 ފަތުރުވެރިން
  5. ޖަރުމަނުވިލާތް: 24,980 ފަތުރުވެރިން

ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރި ތަންތަނަށް ބަލާއިރު، އެންމެ ގިނަ ބަޔަކު އިޚްތިޔާރުކޮށްފައިވަނީ ރިސޯޓްތަކެވެ. އެގޮތުން 283,272 ފަތުރުވެރިން ރިސޯޓްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، 111,390 ފަތުރުވެރިން ވަނީ ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk