
ރާއްޖޭގެ ހުރިހައި ހިސާބަކުން ވެސް މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ

ރިޟްވާން މޫސާ - 21 އޭޕްރީލު 2026 - 13:47
މަސްވެރިކަން ކުރާ ހުރިހާ ދޯނިތަކަށް ރާއްޖޭގެ ހުރިހާ ހިސާބަކުން އަގު ހެޔޮ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސަވައިފިއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ތެލުގެ އަގަށް ބަދަލުތަކެއް އައި ކަމުގައިވިނަމަވެސް މަސްވެރިންނަށް ފޯރުކޮށްދެމުން އަންނަ ތެޔޮ އަގު ބޮޑު ނުކޮށް ވިއްކުން ކަމަށެވެ.
މި ބައްދަލުވުމުގައި އަސްލު ޓީވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ތެޔޮ ނުލިބުމުގެ ޝަކުވާ ނެތް ކަމަށާއި، މަސްވެރިން މަހަށް ފުރުވާލުމަށްޓަކައި ބޭނުންވާ ތެޔޮ ރާއްޖޭގެ އެކި ސަރަހައްދުތަކުން ވެސް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާފައިވާ ކަމަށެވެ.
އެހެން ނަމަވެސް ބައެއް ސަރަހައްދުތަކަށް އެސްޓީއޯއިން ތެޔޮ ފޯރުކޮށްދިނުމަށްފަހު މަސްވެރިންނަށް ތެޔޮ ލިބުމާއި ދޭތެރޭގައި އިދާރީ ގޮތުންނާއި، އަދި އެހެނިހެން ގޮތްގޮތުން ވެސް ކުރަންޖެހޭ ބައެއް މަސައްކަތް ނުނިމި ލަސްވުމުން މަސްވެރިންނަށް ފޯރުކޮށްދޭންޖެހޭ ތެޔޮ ލިބުމުގައި ބައެއް ކަހަލަ ދަތިތަކާއި ދިމާވި ކަމަށެވެ. ސަރުކާރުން ވަނީ މަސްވެރި، އުޅަނދުފަހަރަށް ހެޔޮ އަގެއްގައި ޑީސަލް ވިއްކަން ފަށާފައެވެ.
އެގޮތުން މާރިޗު މަހުން ފެށިގެން ހުޅުމާލެ ކ.ހިންމަފުށި. ޅ. ފެލިވަރު، ގއ.ކޫއްޑޫ، ސ.ހުޅުދޫ މިފްކޯ އަދި އެފްއެސްއެމް ޝެޑުން ހެޔޮ އަގެއްގައި ތެޔޮ ވިއްކަން ވަނީ ފަށާފައެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިޕްރޮގްރާމް އިތުރަށް ފުޅާކޮށް، ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައި އަގު ހެޔޮ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރި މަސައްކަތުން އެފްއެސްއެމްގެ ސްކިޑް ޤާއިމް ކޮށްފައިވާ އިތުރު 8 ރަށަކުން އަގު ހެޔޮ ރޭޓެއްގައި މަސްވެރިންނަށް މިހާރު ތެޔޮ ލިބޭނެކަމަށެވެ.
މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ ސަރަޙައްދުތައް:
• ހއ. އިހަވަންދޫ
• ހދ. ހަނިމާދޫ
• ށ. މިލަންދޫ
• ބ. އޭދަފުށި
• ފ. ނިލަންދު
• ކ. ހިންމަފުށި
• ރ. ދުވާފަރު
• ދ. ކުޑަހުވަދޫ
• ޅ. ފެލިވަރު
• ގއ. ކޫއްޑޫ
• ފުވައްމުލައް ސިޓީ
• ސ. ހުޅުމީދޫ
• ހުޅުމާލެ ޖެޓީ
މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ، އެފްއެސްއެމްގެ ޚިދުމަތްދޭ 13 ރަށަކުން އަގު ހެޔޮކޮށް މަސްވެރިންނަށް މިހާރު ތެޔޮ ލިބޭނެކަމަށެވެ.
ތެޔޮ އަޅަންދާއިރު މަސްވެރިކަން ކުރާ ފަރާތްތަކުން އެފަރާތްތަކުގެ ލައިސަންސްގެ ކޮޕީއާއި އެންމެ ފަހުން މަސްކިރުވި ރަސީދު ގެންދަން ޖެހޭނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

މޮރޮކޯގެ ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތެއްގެ ފުރުޞަތު ދިވެހިންނަށް ހުޅުވާލައިފި
6 ގަޑިއިރު ކުރިން

އުފެއްދުންތެރިކަމުގެ މައުރަޒާއި ގުޅުވައިގެން ވީޑިއޯ ހެދުމުގެ މުބާރާތެއް ހުޅުވާލައިފި
6 ގަޑިއިރު ކުރިން

މިއަހަރުގެ ފުރަތަމަ ކުއާޓާގައި ބީއެމްއެލް އަށް ސާފުފައިދާގެ ގޮތުގައި 879 މިލިއަން ރުފިޔާ!
ދުވަހެއް ކުރިން

ބީއެމްއެލް އަށް ވޭތުވެދިޔަ އަހަރު ރެކޯޑް ކުރިއެރުމެއް!
ދުވަހެއް ކުރިން


.gif&w=3840&q=75)