
ވާދަވެރި ދުނިޔެއެއްގައި، ހަމަޖެހުމާއި ސަޤާފީ ވިލުންތެރިކަން އިތުރުކުރުމަށް މަޝްވަރާ އިތުރުކުރުން މުހިންމު: މިނިސްޓަރު ޚަލީލް

އައިޝަތު އިނާޝާ - 15 ޑިސެމްބަރު 2025 - 05:48
ގިނަ ބާރުތަކެއްގެ ވާދަވެރިކަން އިތުރުވެފައިވާ ދުނިޔެއެއްގައި، ހަމަޖެހުމާއި ސަޤާފީ ވިލުންތެރިކަން އިތުރުކުރުމަށް މަޝްވަރާ އިތުރުކުރުމަކީ މުހިންމުކަމެއްކަމުގައި ފޮރިން މިނިސްޓަރު ޑރ.ޢަބްދުالله ޚަލީލް ވިދާޅުވެއްޖެ
މިނިސްޓަރު މިފަދައިން ވިދާޅުވީ އ.ދ.ގެ އެލަޔަންސް އޮފް ސިވިލައިޒޭޝަންސް (ޔޫ.އެން.އޭ.އޯ.ސީ) ގެ 11 ވަނަ ގްލޯބަލް ފޯރަމްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުވުމުގައި ދުނިޔޭގެ ތަފާތު ޘަޤާފަތްތަކާއި އެކި މުޖުތަމަޢުތަކުގެ މެދުގައި ބައިބައިވުން އުފެދިފައިވާ މައިގަނޑު ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށް، ބައިނަލްއަޤްވާމީ ޢަދުލު އިންޞާފުގެ ނިޒާމުތަކަށް އޮންނަ އިތުބާރު ހަރުދަނާކުރުމަށާއި މި ނިޒާމުތަކުގެ ބޭނުން އެންމެ ފުރިހަމަކޮށް ހިފާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ޑރ. ޚަލީލް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެފަދަ ކުޑަ ޤައުމަކަށް ބައިނަލްއަޤްވާމީ މަޝްރަހުގައި ކުރެވޭ މަޝްވަރާތަކަކީ ހަމައެކަނި ޑިޕްލޮމަޓިކް އިޖުރާޢަތެއް ނޫންކަމަށާއި، އެއީ ވިލެންތެރިކަން އިތުރުކޮށް، ޤައުމީ ޝަޚްޞިއްޔަތާއި، ސަލާމަތާއި، ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. މިގޮތުން، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކަކީ ޘަޤާފީ ތަރިކައަށާއި، އިޖްތިމާޢީ އެއްބައިވަންތަކަމަށް ބުރޫއަރާނެކަމެއް ކަމުގައި މިނިސްޓަރ ޑރ.ޚަލީލް ފާހަގަ ކުރެއްވިއެވެ. އަދި ޑިޖިޓަލް މަންސަތަކަކީ، ޤައުމުތަކުގެ މެދުގައި ދެބަސްވުން އިތުރުވުމަށް މަގުފަހިވެގެންހިނގައިދާނެ އާ މަންސަތަކަށް މިހާރުވެފައިވާ ކަމަށާއި މިކަމުގެ ސަބަބުން ރުޅިވެރިކަމާއި ދެކޮޅުވެރިކަން އިތުރުވެ، ގިނަ ދުވަހަށް ދެމިގެން ހިނގައިދާނެ އަސަރުތަކެއް ގުޅުންތަކަށް ކުރުމުގެ ބިރުއޮތްކަން ފާހަގަކުރެއްވިއެވެ.
އަދި އިންސާނީ ކަރާމާތް ނެގެހެއްޓޭފަދަ ބީދައަކުން، އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަކަށް، ޤައުމުތަކުގެ މެދުގައި މަޝްވަރާ އިތުރުކުރުމުގެ މަސައްކަތަށް މަގުފަހިކޮށްދިނުމަށް ޔޫ.އެން.އޭ.އޯ.ސީ އަށް ގޮވާލެއްވިއެވެ. އަދި ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަކީ ޘަޤާފީ ތަރިކަ ހިމާޔަތްކޮށް ދިރުވުމަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން، ދުނިޔޭގައި ބައިބައިވުން އުފެދޭ ކަންކަން ދެނެގަތުމަށް އިތުރު މަސައްކަތްކުރުމަށާއި ޤައުމުތަކުގެ މެދުގައި ހުރި ތަފާތު ތަކަކީ، ބައިބައިވުމުގެ ސަބަބެއްގެ ގޮތުގައި ވިޔަނުދީ، ބާރަކަށް ހެދުމަށް ގޮވާލެއްވިއެވެ.
ޔޫ.އެން.އޭ.އޯ.ސީ އަކީ ތަފާތު ސަގާފަތާއި ހަޟާރަތްތަކާއި ޤައުމުތަކާއި ރައްޔިތުންގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކޮށް ބައިބައިވުމާއި ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް މަސައްކަތްކުރުމަށް 2005 ވަނަ އަހަރު ޤާއިމުކުރެވުނު ބައިނަލްއަޤުވާމީ ޖަމުޢިއްޔާއެކެވެ.އެ ޖަމްޢިއްޔާގައި 161 މެންބަރުން ހިމެނެއެވެ. އެއީ އދ.ގެ 131 މެންބަރު ޤައުމާއި 1 ނޮން-މެމްބަރ ސްޓޭޓާއި، 29 ބައިނަލްއަޤްވާމީ ޖަމްޢިއްޔާއަކުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ވޯކް ޕްލޭސް އިންކްލޫސިވްގެ ނަމުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
8 މިނިޓު ކުރިން

ސުނާމީ ރެޑީ ބޯޑުގެ ވައިސް ޗެއާއަަކަށް ލޯކަލް ގަވަމަންޓް މިނިސްޓްރީ
2 ގަޑިއިރު ކުރިން

ސިނގިރޭޓް ކޮންޓެއިނަރ މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާކުރަން ހުށަހަޅައިފި
2 ގަޑިއިރު ކުރިން

ފުލުހުންގެ އަސާސީ ތަމްރީން ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލްކޮށްފި
2 ގަޑިއިރު ކުރިން


