
ސްކައުޓް ހަރަކާތަކީ، އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ލާމަސީލު ނަމޫނާއެއް: ރައީސް

އާމިނަތު ޝަޒްލާ - 30 މޭ 2026 - 05:30
ސްކައުޓް ހަރަކާތަކީ، އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ލާމަސީލު ނަމޫނާއެއް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
ރައީސް ވަނީ ރާއްޖޭގައި ރަސްމީކޮށް ސްކައުޓް ހަރަކާތް ފެށުނުތާ މިއަދު 70 އަހަރު ފުރުމުގެ މުނާސަބަތުގައި، ރާއްޖޭގައި ސްކައުޓް ހަރަކާތް ތަރައްޤީ ކުރައްވައި، ކުރިއަށް ގެންދެވުމަށް މަސައްކަތްޕުޅު ކުރެއްވި އަދި މިހާރުވެސް އެ މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ އެންމެހައި ބޭފުޅުންގެ މަސައްކަތްޕުޅުތަކުގެ އަގު ވަޒަން ކުރައްވާ، އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ސްކައުޓް ޚިދުމަތް ފެށްޓެވުމުގައި އިސްނެންގެވި ލީޑަރުންނަށާއި، މިދިޔަ 70 އަހަރުގެ ތެރޭގައި މި ހަރަކާތް ދެމެހެއްޓުމުގައި ބައިވެރިވި ހުރިހާ ސްކައުޓުންނަށް މަރްޙަބާ އާއި ޝުކުރާއި ސާބަސް މި އުފާވެރި އަހަރީ މުނާސަބަތުގައި ދަންނަވާ ކަމަށެއެ. އަދި ޤައުމު ގޮވައިލި ކޮންމެ ވަގުތަކު ސްކައުޓުންވީ ޤުރުބާނީ އާއި، މުޤާބިލުގައި އެއްވެސް އުޖޫރައެއް ބަދަލެއް ހޯދުމެއްނެތި ދަރުމައަށް ކޮށްދެމުންދާ ގިނަގުނަ ޚިދުމަތުގެ އަގު ވަޒަންކުރާ ކަމަށެވެ.
ސްކައުޓް ހަރަކާތަކީ ރައްޔިތުންގެ އިތުބާރާއި އިޙްތިރާމް ލިބިފައިވާ، ޤައުމު ފަޚުރުވެރިވާ ޚިދުމަތެއް ކަމަށާއި، އަދި ރާއްޖޭގައި އޮތް އެންމެ ޒަމާންވީ، މުޅި ރާއްޖެއަށް އެންމެ ފުޅާކޮށް ފެތުރިފައިވާ އެންމެބޮޑު ވޮލަންޓްރީ ހަރަކާތް ކަމަށާއި، ދިވެހީންނަށް މުހިންމު އެތައް ހުނަރަކާއި ރީތި އާދަތަކެއް ސްކައުޓް ހަރަކާތުންވަނީ އުނގަންނައިދީފައިވާއިރު، ހަރުދަނާ ދަރިންތަކެއް ޤައުމަށް ވަނީ ބިނާކޮށްދީފައި ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ރަށްތަކުގެ ގުޅުން ބަދަހިކޮށްދިނުމުގެ އިތުރުން ދުނިޔޭގެ ޤައުމުތަކާ ރާއްޖެއާ އޮތް ގުޅުން ވަރުގަދަކޮށްދޭ ބާރަކަށްވެސް ސްކައުޓް ވެފައިވާ ކަމަށާއި، ރާއްޖެ ހޯދަމުންދާ ކުރިއެރުންތަކާއި އަންނަމުންދާ ތަރައްޤީއާއެކު ކުރިމަގުގައި ސްކައުޓް ހަރަކާތް އިތުރަށް ފުޅާކޮށް ސްކައުޓުން އިތުރުކޮށް، ޤައުމީ ޚިދުމަތުގައިދޭ ބައިވެރިވުން ބޮޑުކުރަމުން ދާން ޖެހޭނެކަމުގައި ދެކިލައްވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވަނީ ރާއްޖޭގެ ސްކައުޓް ހަރަކާތްތައް އިތުރަށް ފުޅާކުރައްވައި ކުރިއަށް ގެންދެވުމަށް ސްކައުޓް އެސޯސިއޭޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން އެ އެސޯސިއޭޝަނަށާއި، ރާއްޖޭގެ ސްކައުޓް ހަރަކާތުގައި ޝާމިލުވެވަޑައިގަންނަވާ އެންމެހައި ބޭފުޅުންނަށް ދެއްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މިއަދު ކަނޑު ގަދަވާނެ: މެޓް އޮފީސް
39 މިނިޓު ކުރިން

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގަ ވޯޓުލާ ފޮށިތައް އަންނަ ބުދަ ދުވަހު ފޮނުވާނެ: އީސީ
40 މިނިޓު ކުރިން

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އަފްލަހުގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި
ގަޑިއިރެއް ކުރިން

ޢަބްދުލްޢަޒީޒު މުޙައްމަދު އަވަހާރަވުމާއި ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
3 ގަޑިއިރު ކުރިން


.gif&w=3840&q=75)