
ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އެމްޑީޕީ ގައުމީ މަޖިލިސް ޖަލްސާގައި
ރާއްޖޭގެ ބިމުން ބޮޑު ބައެއް ބޭރުގެ ފަރާތަކަށް ދިގު މުއްދަތަކަށް ދޫކޮށްލުމަކީ ރައްޔިތުންގެ ފައިސާއަށް ވާ ޚިޔާނާތެއް: އެމްޑީޕީ ގަރާރު

އާމިނަތު ޝަޒްލާ - 01 ނޮވެމްބަރު 2026 - 17:31
ރާއްޖޭގެ ބިމުން ބޮޑު ބައެއް ބޭރުގެ ފަރާތަކަށް އެއްވެސް އަގެއް ނެތި ދިގު މުއްދަތަކަށް ދޫކޮށްލުމަކީ ރައްޔިތުންގެ ފައިސާއާމެދު ވެވޭ ޚިޔާނާތެއް ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން ސަރުކާރާ ދެކޮޅަށް ވަރުގަދަ ގަރާރެއް އިއްވައިފިއެވެ.
މި ގަރާރު ހުށަހަޅާފައިވަނީ މިރޭ ކުރިޔަށްދަމުންދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި، ކޮލަމާފުށީ ދާއިރާގެ ރައީސް މަހުފޫޒް ސައީދެވެ.
މި ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކ. ފުށިދިއްގަރުފަޅު ހިއްކައިގެން ރަސްމާލޭގެ ގޮތުގައި ތަރައްޤީކުރަމުންދާ ސަރަޙައްދުގައި "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢު ހިންގުމަށް، ޔޫ.އޭ.އީގެ އީގަލް ހިލްސް ކުންފުންޏަށް އެ ސަރަޙައްދުން 500 ހެކްޓަރުގެ ބިން ދިނުމަށް ސަރުކާރުން ވަނީ "ކޮމާޝަލް ޓާމްސް" އެއްބަސްވުމެއް އެކުލަވާލާފައެވެ. މި މަޝްރޫޢު ހިންގުމަށް 99 އަހަރުގެ މުއްދަތަކަށް ބިން ދޭން ނިންމާފައިވަނީ އެއްވެސް އެކުއިޒިޝަން ކޮސްޓަކާ ނުލައި، އަދި ބިން ދޫކޮށްފައި އޮންނަ މުއްދަތުގައި އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް ކަމަށް ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
ރައްޔިތުންގެ ޓެކްސް ފައިސާއިން ޚަރަދުކޮށްގެން ހިއްކާފައިވާ ބިމަކުން ދައުލަތުގެ މާލިއްޔަތަށް އެއްވެސް ފައިސާއެއް ނުލިބޭ ގޮތަށް، ބޭރުގެ ފަރާތަކަށް ބިން ދޫކޮށްލުމަކީ ބޮޑު ޚިޔާނާތެއް ކަމަށާއި، މި މަޝްރޫޢު އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.
މީގެއިތުރުން، ޕްރައިވެޓް ސެކްޓަރ އިނީޝިއޭޓަޑް ޕްރޮޕޯސަލްތަކާ ގުޅިގެން ހަދަންޖެހޭ އެސެސްމަންޓްތައް ހަދައި، ޕްރޮޕޯސަލްގެ ތަފްސީލުތައް އާންމުކުރުމަކީ މާލިއްޔަތު ގަވާއިދު ލާޒިމުކުރާ ކަމަކަށް ވީނަމަވެސް، އެ މަޢުލޫމާތުތައް ސަރުކާރުން އާންމުކޮށްފައި ނުވާކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ. އަދި ދައުލަތަށް ލިބޭނެ ކަމަށް ބުނާ އާމްދަނީ އަންދާޒާކުރި ގޮތާއި، މިއަށްވުރެ ފައިދާ ބޮޑު ގޮތެއްގައި މި މަޝްރޫޢު ހިންގާނެ އެހެން އިންވެސްޓަރުން ހޯދަން މަސައްކަތްކޮށްފައި ނުވާ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
ޤާނޫނުއަސާސީގެ 251 ވަނަ މާއްދާގެ ދަށުން ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ ފަރާތަކަށް މިލްކުކޮށް ނުދެވޭނެ ކަމަށް އޮންނައިރު، މި މަޝްރޫޢުގައި ޤާއިމުކުރެވޭ އިމާރާތްތައް އަމިއްލަ ފަރާތްތަކަށް ދޫކުރާ ކޮންމެ ފަހަރަކު ކުލީގެ މުއްދަތަށް 99 އަހަރު އިތުރުވާ ގޮތަށް އޮތުމަކީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން ދާއިމަށް މިލްކުވެ، ވަޒަންވެރިވުމަށް މަގުފަހިވާނެ ކަމެއް ކަމުގެ ކަންބޮޑުވުންވެސް އެމްޑީޕީން ވަނީ ފާޅުކޮށްފައެވެ.
އެހެންކަމުން، މި މަޝްރޫޢާ ގުޅޭ "ކޮމާޝަލް ޓާމްސް" އެއްބަސްވުން އާންމުކުރުމަށާއި، ރާއްޖޭގެ ބިމުން ބައެއް 99 އަހަރަށް ބޭރުގެ ފަރާތަކަށް ދިނުމާމެދު ރައްޔިތުން ދެކޭގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް (ރެފަރެންޑަމެއް) ނެގުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ. އަދި އެފަދަ ވޯޓަކުން ރައްޔިތުން ނިންމާ ގޮތެއްގެ ކުރިން، އެ ބިމުގެ މައްޗަށް އެއްވެސް ފަރާތެއްގެ ޙައްޤު އުފަންވާނޭފަދަ އެއްވެސް މުޢާމަލާތެއް ނުހިންގުމަށްވެސް ވަނީ ގޮވާލާފައެވެ.
މި ކަންކަން ކަށަވަރުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި، ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
ނަތަންޔާހޫގެ ވެރިކަން ވައްޓާލަން ޔަހޫދީންނާއި އަރަބިންގެ އިއްތިޙާދަކަށް ގޮވާލައި މުޒާހަރާކޮށްފި
ދުވަހެއް ކުރިން

އަނެއްކާވެސް ޔަހޫދީން އީރާނަށް ހަމަލާދޭން ތައްޔާރުވެއްޖެ!
ދުވަހެއް ކުރިން
.jpg&w=3840&q=75)
ފޯޅަވަހި މައްސަލައިގައި ރާއްޖެއަށް ލިބުނު ގެއްލުން ބަލަން ރައީސް ކޮމިޝަނެއް އުފައްދަވައިފި
ދުވަހެއް ކުރިން

ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ލިބޭ، ބީއެމްއެލް ޕޭމަންޓް ގޭޓްވޭގެ ޚިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ދުވަހެއް ކުރިން


