
މާލެ ސާފު ތަނަކަށް ހެދުމަށް ވެމްކޯއިން ކުރާ މަސައްކަތަށް ޝުކުރު ހައްގު!

މުޙައްމަދު ހަފީޒް - 02 ފެބްރުއަރީ 2025 - 11:03
ދިވެހިންނަކީ އެޒަމާނަކު ދިރިއުޅުމަށް ބޭނުންވާ ކަންތައް އެޒަމާނެއްގެ ފާޑަށް ކުރަމުން ގެންދިޔަ ބަޔަކަށްވެފައި، އަދި އެވޭލާޒަމާނުގައި ދުނިޔޭގެ އެހެނިހެން ތަންތަނާ އިޤްތިޞާދީ ރޮނގުން ވަރަށް ކުޑަކޮށް ގުޅުންހުރި ބަޔަކަށްވިޔަސް ދިވެހިންގެ މިޒާޖުގައި އަމިއްލަ ވަންތަކަން އެއިރުވެސް ހުންނާތީ، އެބައިމީހުންގެ ފުއްދުންތެރިކަމާއެކު ދިރިއުޅުން ކުރިއަށް ގެންގޮސްފައިވެއެވެ. ޒަމާނަށް އަންނަ ކޮންމެ ބަދަލެއް އިންސާނުންނަށްވެސް އަންނާނެއެވެ.
ހިތާމައަކީ ޒަމާން ބަދަލުވެ ތަހުޒީބުގެ މަގުން ދިވެހިން ކުރިއަރައި ދާންފެށުމުން މިދެންނެވި ބައެއް ރިވެތި އާދަތަކަށް ކިލަނބުކަމެއް އައިސްފައިވާތީއެވެ. ގޯތިތެރެ ސާފުކުރުމާއި ކުނި އުކުން އެއީ ދިވެހީން ވަރަށް ގަޔާވެގެން ކޮށްއުޅުނުކަމެކެވެ. އެ ޒަމާނުގައި ސާފުތާހިރުކަމަކީ ދިވެހީންގެ ގައިގަ އަށަގަނެފައިވާ ރީތި ސިފައެކެވެ. ޒަމާނަށް އައި ބަދަލާއެކު ކުނި ކެހުމާއި ކުނި އުކުމުގައި މިހާރު ވަނީ ތަހުޒީބީ އައު ބަދަލުތަކެއް އައިސްފައެވެ.
މިއަދު އަޅުގަނޑުގެ ބަލާލަނީ ސާފު މާލެއަކަށް ހެދުމަށް ވެމްކޯއިން ކުރާ މަސައްކަތަކަށެވެ.
ވެމްކޯ މި ކުންފުނި ވުޖޫދުވިފަހުން މާލޭގެ މަގުތަށް ކުރިޔަށްވުރެ އެތައްގުނައެއް ސާފުވެއްޖެއެވެ. ވެމްކޯގެ މުވައްޒަފުން ރެޔާއި ދުވާލު އަދި، ވަކިން ޚާއްސަކޮށް އަޅުގަނޑުމެންގެ ގޭގައި ކުނި ގިނަ ވިޔަނުދީ ބެހެއްޓުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރުމަށް މަސައްކަތް ކުރަމުންނެވެ. މަހު ކުލި ދެއްކިތޯ ޚިދުމަތެއް ރަޖިސްޓްރީ ކުރިތޯ ބެލުމެއް ނެތި ހާލަތާއި ގުޅޭގޮތުން މާލެއަކީ ސާފު މާލެއަކަށް ހެދުމަށް ވެމްކޯއިން ކުރާ މަސައްކަތަށް ސާބަސް ހައްގެވެ.
ވެމްކޯ އިން މިހާރުވެސް ދަނީ މާލޭގެ މަގުތަށް ސާފު ކުުރަމުން އެވެ. އެގޮތުން ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ކުރިން މާލޭގެ މަގުތައް ސާފުކުރުމަށް ވެމްކޯ އިން ވަނީ ނިންމައިފިއެވެ.
ލައްކައަކަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ މާލޭގައި، ކުނި އުކާލުމަކީ މިއޮތް ހުރިހާ ދުވަހު، ބިދޭސީންގެ މަސައްކަތެކެވެ. އެކަމަކު މި މަސައްކަތާ ދިވެހި ކުންފުންޏަކުން ހަވާލުވެ، ވަޒީފާތައް ދިވެހިންނަށް ހާއްސަ ކުރުމުން ގިނަ ބަޔަކަށް އޭގެ ފައިދާ އަންނަނީ ކުރަމުންނެވެ. މިއީ އުމުރުން ހަގު ވެމްކޯގެ ވަރަށް ހާއްސަ ސިފައެކެވެ.
ގައިމު ވެސް ވަޒީފާއެއް ނުލިބިގެން ގޭގައި ތިބެން ޖެހުނު އެތައް އަންހެނެއްގެ ދިރިއުޅުން، ވެމްކޯގެ ސަބަބުން، ބަދަލުވެއްޖެއެވެ.
ހިތާމައަކީ އަޅުގަނޑުމެންގެ ސަގާފަތާއި، އަޅުގަނޑުމެންގެ އަމިއްލަވަންތަކަން ޒަމާނީ ފަސޭހަތަކާއި އެކު އޮޔާލައި، ވަޅުޖެހި އަތްނުފޯރާ ހިސާބުގަ ވާތީއެވެ. ސަޤާފަތާއި، އާދަކާދައަކީ ގައުމެއްގެ، މުޖުތަމައެއްގެ އަހުލުވެރިންގެ ދިރިއުޅުން ބިނާކުރުމުގައި ކޮށްއުޅޭ މަސައްކަތާއި ގެންގުޅޭ ހުނަރުވެރިކަމާ، އަދި އެބައެއްގެ މެދުގައި އޮންނަ ދީނީ،ސަޤާފީ އަދި މަދަނީ އާދަކާދައެވެ. އެއްޖުމްލައިން ލިޔެވުނަސް މީ ވަރަށް ގިނަ ވާހަކަތަކެކެވެ. ކާބަފައިންގެ ފަރާތުން ލިބިފައިވާ އަޅުގަނޑުމެންގެ ވާރުތަ މުދަލެވެ.
މި ސިފަ ދިވެހި ކޮންމެ ރައްޔިތެއްގެ ގައިގައި ހަރުލައްވަން އެބަޖެހެއެވެ.އަތައް ފަސޭހަ ނުވަތަ ޖެހުނު ކޮންމެ ތަނަކު ކުނި އުކާލުން ހުޓާލަން ވެއްޖެއެވެ.
ދީނީ ގޮތުން ބެލިޔަސް މީ ކޮންމެ މީހަކުވެސް ކުރަން ޖެހޭ ކަމަކަށްވާއިރު، މި ފަދަ ރީތި އާދަތަށް އަހަރެމެން ކޮންމެ މީހެއްގެ ގައިގަވެސް ހަރުލެއްވުން އެއީ ރަނގަޅު ކަމެކެވެ.
ކޮންމެ އަކަސް ވެމްކޯ ގެ އިތުރުން ކަމާއި ގުޅޭ އެހެނިހެން މުއައްސަސާތައް ގުޅިގެން ކުރަމުން އަންނަ މިމަސައްކަތުގައި ދިވެހި ކޮންމެ ރައްޔިތެއްގެ އެހީތެރިކަން ބޭނުންވެއެވެ. އަތު ޖެހުނު ކޮންމެ ތަނަކަށް ކުނި އުކާލުން ހުއްޓާލުމަކީ ކޮންމެ މީހަކަށްވެސް ފަސޭހައިން ކުރެވިދާނެ ކަމެކެވެ.