
އަންހެން މީހާ ވެއްޓުނު މައްސަލަ: ރައުދު ހައްޔަރުކޮށްފި

ޝުރުފާ މުހައްމަދު - 24 އޭޕްރީލު 2025 - 14:40
ހެންވޭރުގައި ހުރި ގެއެއްގެ ފުރާޅު މައްޗަށް، އަންހެނަކު ވެއްޓިފައި އޮއްވާ ފެނުނު މައްސަލާގައި ރައުދު އަހުމަދު ޒިލާލް ހައްޔަރުކޮށްފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ، ހެންވޭރު މިޓާޒް ގޭ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ އަންހެނަކު ފެނުނު މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ އިރު، އޭނާ ވެއްޓުނީ ޖެހިގެން ހުރި ފެންޓޯނިއޯގޭ، ސިޑި ގޮޅީގައި ހުރި ފެންލައިޓަކުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ ރޭގެ ހާދިސާ ހިނގާފައިވާ ގޮތް ފުލުހުން ތަފްސީލްކޮށް ދީފައިވާއިރު، އަންހެން މީހާ ވެއްޓުނު އިމާރާތުގެ ސިޑި މަތީގައި އޭނާ އާ އެއްކޮށް އުޅުނުތަން ފެންނަނީ ފުލުހުން ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލެވެ. ފުލުހުން ބުނިގޮތުގައި އޭނާ ހައްޔަރުކުރީ ތަހުގީގަށް އެއްބާރުލުން ނުދޭތީ އެވެ.
އެ ރޭގެ ހާދިސާ ފުލުހުން ތަފްސީލްކޮށްދިން އިރު އެ ރޭ ގާތްގަނދަކަށް 12 އާއި 12:30 އާ ދެމެދު ވެއްޓުނު އަންހެން މީހާ ހިމެނޭހެން 8 މީހަކު ވަނީ އުފަންދުވަހުގެ ޕާޓީ އަކަށް މާންދޫގޭ ޓެރަހަށް ގޮސްފަ އެވެ. އެ ޕާޓީ އަށް ފަހު އޭގެ ތެރެއިން ރައުދު އާއި ވެއްޓުނު މީހާ ހިމެނޭހެން 4 މީހަކު އެތަނުން 3:30 ހާއިރު ނިކުމެގެން އަމީނީމަގު ސްޓެލްކޯ ކުރިމައްޗަށް ވާ ގޮތަށް ހުންނަ ކަށިވެލިގެ އަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނިގޮތުގައި މި ދެ ގެ ބަލާ ފާސްކޮށްފައިވެ އެވެ. އެގޮތުން މަންދޫގޭގެ ޓެރަހުގެ އިތުރުން އެޕާޓްމަންޓުތަކުގައި ވެސް އެމީހުން އުޅުނު ކަމަށް ތުހުމަތުކުރާއިރު، ފުލުހުން ވަނީ އެގޭ 2 ވަނަ ފަންގިފިލާ އާއި، 4 ވަނަ ފަންގިފިލާ ބަލާ ފާސްކޮށްފަ އެވެ. އަދި ކަށިވެލި ގޭގެ 3 ވަނަ ފަންގިފިލާ ބަލާ ފާސްކޮށްފައިވެ އެވެ.
ފުލުހުން ބުނިގޮތުގައި އެ ޕާޓީގައި ބައިވެރިވި ކަމަށް ބުނާ 7 މީހެއްގެ ފޯނު ވެސް ފުލުހުން މިހާރު ވަނީ ހިފަހައްޓާފަ އެވެ. އަދި އެމީހުންގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވާއިރު، އެކަމުގައި ބައިވެރިވި މީހުންގެ މައުލޫމާތު ވެސް ފުލުހުން މިއަދު ވަނީ އާންމުކޮށްފަ އެވެ. އެކަމަކު ވެއްޓުނު މީހާ ހިމެނޭހެން ނުވަ މީހުންގެ ލިސްޓެއް ފުލުހުން ވަނީ ޕަރސަން އޮފް އިންޓްރަސްޓް ގޮތުގައި އާންމުކޮށްފައިވެ އެވެ.