
ތައިލެންޑް ގާނޫނުހަދާ މަޖިލީހުގެ ވޯޓުލުން ފަށައިފި

ރިޟްވާން މޫސާ - 08 ފެބްރުއަރީ 2026 - 11:29
ތައިލެންޑް ގެ ގާނޫނުހަދާ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުން ފަށައިފި އެވެ.
އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށްދާއިރު، އެއްވެސް ޕާޓީއަކަށް ޤާނޫނު ހަދާ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު ހޯދޭނެ ކަމާ މެދު ސުވާލު އުފެދިފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.
ހުސްވި އަހަރުގެ ޑިސެންބަރު މަހު، ބޮޑުވަޒީރު އަނޫޓީން ޗާންވީރަކޫން އިންތިޚާބު އިޢުލާނު ކުރައްވާފައި ވަނީ، ތައިލެންޑާއި ކެމްބޯޑިޔާއާ ދެމެދު ބޮޑު ހަމަނުޖެހުމެއް ފެށިގެން ކުރިއަށް ދިޔަ ދަނޑިވަޅެއްގައެވެ.
އަނޫޓީންގެ ޕޫމްޗައިތާއީ ޕާޓީއަކީ ކޮންޒަރވެޓިވް ފިކުރު ނުވަތަ ޒަމާނުއްސުރެ އޮންނަ ސަޤާފަތާއި އާދަކާދަ ދެމެހެއްޓުމާ އެކު، އެ ކަންކަމަށް ބަދަލު ގެނައުމާ ދެކޮޅު ވިސްނުން ކުރިއަރުވާ ޕާޓީއެކެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ތައިލެންޑް-ކެމްބޯޑިޔާ ހަމަނުޖެހުންގަނޑާ ގުޅިގެން އުފެދިގެން ދިޔަ ޤައުމިއްޔަތުގެ އޮއިވަރާ އެކު، ޕޫމްޗައިތާއީ ޕާޓީއަށް އިންތިޚާބުގައި ކުރިއެރުން ހޯދޭނެ ކަމަށް އަނޫޓީން ދެކެވަޑައިގަންނަވާ ކަމުގައެވެ.
އިންތިޚާބުގެ ކެމްޕޭނުގެ ތެރެއިން ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާއަށް ބަލައިލާއިރު، ބޮޑު ކާމިޔާބީއެއް ހޯދުމުގެ ފުރުޞަތު އެ ޕާޓީއަށް އޮތް ކަމުގައި ބެލެވެއެވެ. ނަމަވެސް، އެ ޕާޓީއަށް ވެސް ޤާނޫނު ހަދާ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު ހޯދޭނެ ކަމާ މެދު އޮތީ ސުވާލު އުފެދިފައެވެ.






