.webp&w=3840&q=75)
ބަނޑުހައިހޫނުކަން ފެތުރެމުންދާ ޣައްޒާގެ 13 މީހަކު އިސްރާއީލުން ޝަހީދުކޮށްލައިފި
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 17 މޭ 2025 - 09:19
ބަނޑަށްޖެހިފައިވާ ޣައްޒާގެ 13 މީހަކު އިސްރާއީލުން ޝަހީދުކޮށްލައިފިއެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޙަމަލާތައް ވަރުގަދަކޮށްފައިވާއިރު މިއަދުގެ ފަތިހުން ފެށިގެން ދިން ހަމަލާތަކުގައި އެކަނިވެސް މިހާތަނަށް ފަލަސްޠީނުގެ 13 މީހަކު ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި އެއް ޢާއިލާއަކަށް ނިސްބަތްވާ ތިން މީހުން ވެސް ހިމެނެއެވެ.
އިސްރާއީލުން ފަލަސްތީނުގައި ޤަތުލްއާއްމު ހިންގަމުންދާއިރު، އިންސާނީ އެހީ އެތެރެކުރުމުގެ ހުރިހާ ދޮރެއްވެސް ވަނީ ބަންދުކޮށްފައެވެ. އެހެންކަމުން، ހަމަލާތަކުގެ އިތުރަށް ބަނޑުހައިހޫނުކަމުގައިވެސް އެތައް ބަޔަކު ދަނީ މަރުވަމުންނެވެ.
އިންސާނީ އެހީ އެތެރެކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ރަފަހު ބޯޑަރު އަލުން ހުޅުވާލުމަށް ރެޑް ކްރެސެންޓު ފަދަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާއަތްތަކުންވެސް އަންނަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.
ރެޑް ކްރެސެންޓުން ބުނަނީ ޣައްޒާގައި އެތައްހާސް މީހުންގެ އާބާދީއެއް ބަނޑުހައިހޫނުކަމާއި ވޭން ތަހައްމަލު ކުރަން ދޫކޮށްލާފައިވާ ކަމަށެވެ.
އިސްރާއީލުން ޣައްޒާގެ ނަސްލުނައްތާލުމަށް ހިންގަމުންދާ ޖަރީމާތަކުގައި ފަލަސްތީނުގެ 53،119 މީހުން ޝަހީދުވެ، 120،214 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.
ކަށަވަރު އަދަދަކީ އެއީ ނަމަވެސް، ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ލަފާކުރާ ގޮތުގައި، ޝަހީދުވި މީހުންގެ އަދަދު 61،700 އަށް ވުރެ މައްޗަށް އަރާނެއެވެ.
އޭގެ ތެރޭގައި ގާކުނޑިތަކުގެ ދަށުގައިވާ އެތައް ހާސް މީހުން ހިމެނޭ ކަމަށް އެ އޮފީހުން ބުނެއެވެ.