
ރައީސް ޑރ. މުއިއްޒުއަކީ ރަހުމަތްތެރި، އިތުބާރުކުރެވޭ ބައިވެރިއެއް: ޗައިނާ

ޝާމާ ޝުޢައިބު - 10 ޖެނުއަރީ 2025 - 18:20
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަކީ ޗައިނާގެ ގާތް ރަހުމަތްތެރިއެއް ކަމަށާއި ޗައިނާއަށް އިތުބާރުކުރެވޭ ބައިވެރިއެއް ކަމަށް ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ވިދާޅުވެއްޖެއެވެ.
ޗައިނާގެ ސީޕީސީ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރު، އޮފީސް އޮފް ދަ ސެންޓްރަލް ކޮމިޝަން ފޯ ފޮރިން އެފެއަރޒްގެ ޑިރެކްޓަރ، ފޮރިން މިނިސްޓަރު ވާންގް ޔީ، މިހެން ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރަތެއްގައެވެ.
މި ބައްދަލުވުން އޮތީ ހުކުރު ދުވަހުގެ ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރު ވާންގް ޔީއަށް މަރުޙަބާ ވިދާޅުވެ، ދިވެހިރާއްޖޭގައި ހޭދަކުރައްވާ ވަގުތުތަކަކީ އުފާވެރި ވަގުތުތަކަކަށްވުމަށް އެދިވަޑައިގެންފައެވެ.
އަދި، ދެޤައުމުގެ މެދުގައި އޮތް ގާތްގުޅުން ފާހަގަކުރައްވައި ޗައިނާއިން ދިވެހިރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލުން ޝުކުރުވެރިކަމާއެކު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނިމިދިޔަ އަހަރުގެ ޖަނަވަރީގައި ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުުރުފުޅަކީ މި ގުޅުން އިތުރަށް ބަދަހިވެގެންދިޔަ ދަތުރުފުޅެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ހިނގަމުންދާ މަޝްރޫޢުތަކާއި ދެޤައުމުގެ މެދުގައި އެއްބަސްވެވިފައިވާ ތަރައްޤީގެ މަޝްރޫޢުތައް އަވަސްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައެވެ. އަދި، ގެދޮރުވެރިކަމާއި މަގުހެދުމުގެ މަޝްރޫޢުތަކަކީ ދިވެހި ރައްޔިތުންނަށް އެންމެ މުހިންމު މަޝްރޫޢުތައް ކަމަށާއި، އެ މަޝްރޫޢުތަކަށް އިސްކަންދިނުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
ސަރުކާރުގެ އަމާޒަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއަރުވައި އިޤްތިޞާދު ސިންދަފާތުކުރުން ކަމަށާއި، އެހެންކަމުން މިދާއިރާތަކުން ޗައިނާގެ އިތުރު އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީގެ ވާހަކަފުޅުގައި ދެޤައުމުގެ ގުޅުން ބަދަހިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހަންމިއްޔަތުކަމަށް ތަޢުރީފްކުރެއްވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ އަކީ ޗައިނާގެ ގާތް ރަހުމަތްތެރިއެއް ކަމަށާއި ޗައިނާއަށް އިތުބާރުކުރެވޭ .ބައިވެރިއެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ
ވަޒީރު ވާންގް ޔީ ވަނީ ރާއްޖޭގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހަންމިއްޔަތުކަމަށް ތަޢުރީފް ކުރައްވާފައެވެ. އަދި، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ޗައިނާގެ އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން ވަޒީރު ވާންގް ޔީ ދެއްވިއެވެ. މީގެއިތުރުން ޚާރިޖީ ވަޒީރު ވަނީ ޗައިނާގެ ކުންފުނިތަކުން ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތައް އަވަސްކުރުމަށް ބާރުއަޅުއްވާނޭ ކަމަށްވެސް ވިދާޅުވެފައެވެ.
ރާއްޖެއިން "ވަން ޗައިނާ" ޕޮލިސީއަށް ދެމުންދާ އިސްކަން ފާހަގަކުރައްވަމުން، ރާއްޖެ- ޗައިނާ ގުޅުމަކީ ޤައުމުތަކުގެ ކުޑަ ބޮޑުމިނަށް ބެލުމެއްނެތި ގުޅިގެން ތަރައްޤީއާއި ފުދުންތެރިކަން ހޯދޭނެކަމުގެ އަލިގަދަ ހެއްކެއްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުންވެސް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެއްބަސްވެވުނު "ޗައިނާ މޯލްޑިވަސް ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް" އެއްބަސްވުން ތަންފީޒުކުރުމަށާއި މަލްޓިލޭޓަރަލް މަންސަތަކުގައި ދެޤައުމުގެ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށް އެއްބަސްވެވަޑައިގެންފައެވެ.
ގުޅުން ހުރި ޙަބަރުތައް

އަދަބީ 4 މުބާރާތަކާއި އަތުލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި
3 ދުވަސް ކުރިން

ކުޑަކުދިންނަށް ހާއްސަކޮށްގެން ދިވެހި ބަހާއި ތަރިކައިގެ ފިލްމު އުފެއްދުމުގެ ގައުމީ މުބާރާތެއް ބާއްވަން ރައީސް ނިންމަވައިފި
3 ދުވަސް ކުރިން

ހުޅުމާލޭގައި 3 ޕާކިންގ ބިލްޑިން އެޅުމުގެ މަސައްކަތް 3 މަސް ތެރޭ ފަށާނެ: ރައީސް
5 ދުވަސް ކުރިން

އެފްޑީސީގެ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން ރައީސް ނިންމަވައިފި
5 ދުވަސް ކުރިން


