logo
ޓްރޭޑިއަން މެދުވެރިކޮށް އޭވިއޭޝަން ދާއިރާގެ ޚިދުމަތްތައް 22 ނޮވެމްބަރު ވާ އާދިއްތަ ދުވަހު ޕްލެޓްފޯމުގައި ލައިވްކޮށް، އާންމުކޮށް ހުޅުވާ، ފޮޓޯ: ކޯޕަރޭޝަން މޯލްޑިވްސް

ޓްރޭޑިއަން މެދުވެރިކޮށް އޭވިއޭޝަން ދާއިރާގެ ޚިދުމަތްތައް 22 ނޮވެމްބަރު ވާ އާދިއްތަ ދުވަހު ޕްލެޓްފޯމުގައި ލައިވްކޮށް، އާންމުކޮށް ހުޅުވާ، ފޮޓޯ: ކޯޕަރޭޝަން މޯލްޑިވްސް

ޓްރޭޑިއަން މެދުވެރިކޮށް އޭވިއޭޝަން ދާއިރާގެ ޚިދުމަތްތައް ފުޅާކުރަނީ

profile

އާމިނަތު ޝަޒްލާ - 18 ނޮވެމްބަރު 2026 - 10:31

ދިވެހިރާއްޖޭގެ ބޯޑަރުގައި ފޯރުކޮށްދޭ އިމްޕޯޓް އަދި އެކްސްޕޯޓާ ގުޅުންހުރި ޚިދުމަތްތައް ހަލުވިކުރުމަށް ޤާއިމުކޮށްފައިވާ ނޭޝަނަލް ސިންގަލް ވިންޑޯ ޕްލެޓްފޯމް، "ޓްރޭޑިއަން" އަށް އޭވިއޭޝަން ދާއިރާގެ މުހިންމު ޚިދުމަތްތަކެއް ތަޢާރަފުކުރުމަށް ނިންމައިފިއެވެ.

https://wamco.com.mv/

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑާއި، މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، މި ޚިދުމަތްތައް 22 ނޮވެމްބަރު 2026 ވާ އާދިއްތަ ދުވަހު ޕްލެޓްފޯމުގައި ލައިވްކޮށް، އާންމުކޮށް ހުޅުވާލެވޭނެ ކަމަށެވެ.

ރާއްޖޭގެ އިޤްތިޞާދުގެ މައި އެއް ތަނބު ކަމުގައިވާ އޭވިއޭޝަން ދާއިރާގެ ޚިދުމަތްތައް ޓްރޭޑިއަންގެ ތެރެއަށް ބަދަލުކުރުމަކީ، ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ތަޞައްވުރު ކަމަށްވާ "މޯލްޑިވްސް 2.0" ގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެކެވެ.

އާދިއްތަ ދުވަހުން ފެށިގެން ޓްރޭޑިއަން މެދުވެރިކޮށް ލިބެން ހުންނާނެ ޚިދުމަތްތަކުގެ ތެރޭގައި ޝެޑިއުލްޑް ފްލައިޓްތަކުގެ ހުއްދަ ދިނުމާއި، އެއަރކްރާފްޓް އޮޕަރޭޓަރ ސެކިއުރިޓީ ޕްރޮގްރާމް (އޭ.އޯ.އެސް.ޕީ)، އެޑްހޮކް ޗާޓަރ ފްލައިޓްތަކުގެ ހުއްދަ، ފްލައިޓް ޝެޑިއުލް ހުށަހެޅުމާއި އަޕްޑޭޓްކުރުން، އެއާލައިން އޭޖެންޓުން ކަނޑައެޅުން، ޝެޑިއުލްޑް ފްލައިޓްތަކުގެ ލައިސަންސް އައުކުރުމާއި ބާޠިލުކުރުން އަދި ފްލީޓް އަޕްޑޭޓްކުރުމުގެ ޚިދުމަތް ހިމެނެއެވެ.

މި ޚިދުމަތްތައް ލައިވްވުމަށްފަހު، ކަނޑައެޅޭ ވަކި މުއްދަތަކަށް "ޕެރަލަލް ސަބްމިޝަން" އުސޫލުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، މިހާރުވެސް ޚިދުމަތަށް އެދެމުންދާ އުސޫލުތަކާ އެކުއެކީގައި، ޓްރޭޑިއަން މެދުވެރިކޮށްވެސް އެޕްލިކޭޝަން ހުށަހެޅުމުގެ އިޚްތިޔާރު އެއާލައިންތަކަށާއި ދާއިރާގެ ފަރާތްތަކަށް ލިބޭނެއެވެ. މީގެ މައިގަނޑު މަޤްޞަދަކީ ޚިދުމަތް ހޯދާ ފަރާތްތައް މި ޕްލެޓްފޯމަށް އަހުލުވެރިކޮށް، އޮންބޯޑިންގ މަރުޙަލާ ފުރިހަމަކުރުމަށް އެކަށީގެންވާ ވަގުތު ދިނުމާއެކު، ޚިދުމަތްތަކަށް އެއްވެސް ބުރޫއެރުމެއް ނެތި ކުރިއަށްދާކަން ކަށަވަރުކުރުމެވެ.

ހަމައެކަނި ޓްރޭޑިއަން ޕްލެޓްފޯމް މެދުވެރިކޮށް މި ޚިދުމަތްތައް ހޯދަންޖެހޭ ރަސްމީ ސުންގަޑި (ކަޓް-އޮފް ތާރީޚު) ކުރިއަށް އޮތްތަނުގައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ މެދުވެރިކޮށް އިޢުލާނު ކުރާނެ ކަމަށް ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ދެއެވެ. އެހެންކަމުން، އެ މުއްދަތުގެ ކުރިން ޕްލެޓްފޯމުގައި ރަޖިސްޓްރީވެ، ޚިދުމަތް ހޯދުމަށް ހުއްދަދެވިފައިވާ މުވައްޒަފުން އޮންބޯޑު ކުރުމަށް އޭވިއޭޝަން ދާއިރާގައި ޙަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށް ވަނީ އިލްތިމާސްކޮށްފައެވެ.

މި ޕްލެޓްފޯމާ ގުޅޭގޮތުން އިތުރު މަޢުލޫމާތާއި ޓެކްނިކަލް އެހީތެރިކަން ހޯދުމަށް، ސަޕޯޓް ހޮޓްލައިން ނަންބަރު 3334001 ނުވަތަ އީމެއިލް މެދުވެރިކޮށް ގުޅުމަށް ވެސް ކަމާބެހޭ އިދާރާތަކުން ވަނީ އެދިފައެވެ.

https://wamco.com.mv/
tel:+9607331319