logo
ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުޙައްމަދު ޢަލީ ރާޝިދު އަލްޢައްބާރު، ފޮޓޯ: ސޯޝަލް މީޑިއާ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުޙައްމަދު ޢަލީ ރާޝިދު އަލްޢައްބާރު، ފޮޓޯ: ސޯޝަލް މީޑިއާ

ޤައުމީ ޙަރަކާތުގެ ސެކްރެޓޭރިއަޓުން ރަސްމާލެ މަޝްރޫޢާ ދެކޮޅު ކަމަށް ބުނެ އަލްޢައްބާރަށް ސިޓީއެއް!

profile

އާމިނަތު ޝަޒްލާ - 12 ނޮވެމްބަރު 2026 - 12:56

ރަސްމާލޭގައި ތަރައްޤީކުރުމަށް ހުށަހަޅާފައިވާ 'މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ' މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސިޔާސީ އަދި ޤާނޫނީ ބޮޑެތި ކަންބޮޑުވުންތަކާ ގުޅިގެން، ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުޙައްމަދު ޢަލީ ރާޝިދު އަލްޢައްބާރަށް އެޑްރެސްކޮށް "ރަސްމާލެއާ ގުޅޭ ދިވެހި ރައްޔިތުންގެ ޤައުމީ ޙަރަކާތު"ގެ ސެކްރެޓޭރިއަޓުން ސިޓީއެއް ފޮނުވައިފިއެވެ.

https://wamco.com.mv/

މިއަދު ފޮނުވި މި ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އިދިކޮޅު މައި ދެ ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީ އަދި ޕީއެންއެފް އިން ވަނީ މި މަޝްރޫޢު ބަލައިނުގަންނަކަން ރަސްމީކޮށް ހާމަކޮށްފައެވެ. އެގޮތުން، ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޤައުމީ މަޖިލީހަށް ހާޒިރުވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުން ވަނީ، އީގަލް ހިލްސްއަށް 500 ހެކްޓަރުގެ ބިން ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލާ ޤަރާރެއް ފާސްކޮށްފައެވެ. މީގެއިތުރުން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ވެސް ވަނީ މި މަޝްރޫޢުގެ ޤާނޫނީ ޞައްޙަކަމާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ކުރާނެ ނޭދެވޭ އަސަރުތަކާމެދު ސުވާލު އުފައްދައި ދެކޮޅުހަދާފައެވެ.

މި ފަރާތްތަކުގެ މައިގަނޑު އިއުތިރާޒުތައް ބިނާވެފައިވަނީ އަސާސީ ދެ ކަމެއްގެ މައްޗަށެވެ. ފުރަތަމަ ކަމަކީ، ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ރާއްޖޭގެ އިސްލާމީ ވަންތަކަން ހިމާޔަތްކުރުމަށް ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ ރައްކާތެރިކަމަށް، ބޭރުގެ ފަރާތްތަކަށް ބިމުގެ މިލްކުވެރިކަމާއި ދާއިމީކޮށް ދިރިއުޅުމުގެ ޙައްޤު ދިނުމުގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކެވެ. ދެވަނަ ކަމަކީ، ރާއްޖޭގައި އޮތް އެންމެ މަދު ޤައުމީ ވަސީލަތް ކަމަށްވާ ބިމުގެ މައްޗަށް އޮތް ދިގުމުއްދަތުގެ ޙައްޤުތައް ބޭރުގެ ފަރާތްތަކަށް ބަދަލުކުރުމެވެ. މިފަދަ ނިންމުންތަކަކީ މިހާރުގެ އަދި ކުރިއަށް އޮތް ޖީލުތަކުގެ ޙައްޤުތަކާ ގުޅިފައިވާ ކަންކަމަށް ވާއިރު، ރައްޔިތުންގެ ސީދާ ރުހުން ހޯދުމެއްނެތި ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ ރައްޔިތުންގެ މަޖިލީހަށް ވެސް މިފަދަ ނިންމުމެއް ނުނިންމޭނެ ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ސިޓީގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ދެފުށް ފެންނަ މިންވަރާއި ޒިންމާދާރުކުރުވުމާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ސަރުކާރުގެ އިސް ފަރާތްތަކުގެ މައްޗަށް ކުރެވޭ ނަހަމަ ނުފޫޒާއި މަޤާމުގެ ނުފޫޒު ބޭނުންކުރުމުގެ ތުހުމަތުތައް މިނިވަން މުއައްސަސާއަކުން ތަޙުޤީޤުކުރަން ޖެހޭ ކަމަށް ވެސް ވަނީ ގޮވާލާފައެވެ. މީގެއިތުރުން، މި އަހަރު ބޭއްވުނު އިންތިޚާބުތަކުގައި ސަރުކާރަށް ބޮޑެތި ނާކާމިޔާބީތަކަކާ ކުރިމަތިލާން ޖެހިފައިވާކަން ވެސް ސިޓީގައި ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހަކާ ބޭއްވުމަށް ހުށަހެޅި ހުށަހެޅުމަށް ރައްޔިތުންގެ 69 އިންސައްތަ މީހުން ނޫނެކޭ ބުނުމާއި، ލޯކަލް ކައުންސިލް އިންތިޚާބުގައި ފަސް ސިޓީގެ މޭޔަރުކަން ގެއްލުމާއި، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ސަރުކާރަށް ނާކާމިޔާބުވުން ހިމެނެއެވެ. އެހެންކަމުން، ރައްޔިތުންގެ ރުހުމެއް ނެތި 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް ދިނުމުގެ އަޚުލާޤީ ހައިސިއްޔަތު މިހާރު ސަރުކާރަށް ގެއްލިފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެހެންކަމުން، ދިވެހި ރައްޔިތުންގެ އިއްތިފާޤެއް ނެތި މި މަޝްރޫޢު ކުރިއަށް ގެންދިއުމުން އުފެދިދާނެ ސިޔާސީ، ދުސްތޫރީ، ޤާނޫނީ އަދި މާލީ ނުރައްކާތަކަށް ސަމާލުވުމަށް އީގަލް ހިލްސްއަށާއި އެ ކުންފުނީގެ އިންވެސްޓަރުންނަށް ވަނީ ރަސްމީކޮށް އިންޒާރު ދީފައެވެ. އަދި މި މަޝްރޫޢަށް އިންވެސްޓްކުރަން ގަސްތުކުރާ އެންމެހައި ފަރާތްތަކުން މިކަމާ ގުޅޭ އެއްބަސްވުންތަކާއި ޤާނޫނީ ގޮންޖެހުންތައް ރަނގަޅަށް ދިރާސާކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރަސްމާލެ މަޝްރޫޢާ ދެކޮޅަށް ރައްޔިތުންގެ ނުރުހުން އިންތިހާއަށް އިތުރުވަމުންދާއިރު، މި އެއްބަސްވުމާ ދެކޮޅަށް ބާއްވާ ބޮޑު މުޒާހަރާއެއް 13 ނޮވެމްބަރު 2026 ވާ ހުކުރު ދުވަހު މާލޭގައި ބޭއްވުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ. ސިޓީ ނިންމާލަމުން، އެއްބަސްވުންތައް ހާމަކޮށް ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކުން ގޮތެއް ނިންމުމުގެ ކުރިން، ބަދަލުނުކުރެވޭ ފަދަ ނިންމުންތައް ނުނިންމުމަށް ގޮވާލައި، ދިވެހި ބިމުގެ މުސްތަޤުބަލު ނިންމުމުގެ ފުރިހަމަ ބާރު އޮންނަންވާނީ ދިވެހި ރައްޔިތުންގެ އަތްމަތީގައި ކަމަށް ވަނީ ބަޔާންކޮށްފައެވެ.

https://wamco.com.mv/
tel:+9607331319