
މިދިޔަ މަހުގެ ނިޔަލަށް ފުލުހުންނަށް 7000 އަށްވުރެ ގިނަ މައްސަލަ ރިޕޯޓްކޮށްފި

އާމިނަތު ޝަޒްލާ - 01 އޯގަސްޓު 2026 - 11:16
މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ދިވެހި ފުލުހުންގެ ހިދުމަތަށް 7,000 އަށްވުރެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވާކަމަށް އެ މުއައްސަސާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރު ރިޕޯޓްކޮށްފައިވާ ކުށުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 6,720 މައްސަލަ ރިޕޯޓްކޮށްފައިވާއިރު، މިއަހަރުގެ މި މުއްދަތުގައި އެ އަދަދު ވަނީ 7,349 އަށް އިތުރުވެފައެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކާއި ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ވައްކަމުގެ 2,054 މައްސަލަ މިހާތަނަށް ރިޕޯޓްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރަށްވުރެ އިތުރު އަދަދެކެވެ. މީގެ އިތުރުން މަގުމަތީގެ އެކްސިޑެންޓްތައް ވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވެފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 1,729 އެކްސިޑެންޓް ރިޕޯޓްކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް 1,803 އެކްސިޑެންޓް ރިޕޯޓްކޮށްފައިވެއެވެ.
ފުލުހުންނަށް ރިޕޯޓްކޮށްފައިވާ މުހިންމު މައްސަލަތަކުގެ ތަފްސީލު:
- ވައްކަން: 2,054 މައްސަލަ
- ޓްރެފިކް އެކްސިޑެންޓް: 1,803 މައްސަލަ
- މަސްތުވާތަކެތި: 1,487 މައްސަލަ
- ތަކެތި ގެއްލުން: 605 މައްސަލަ
- މާރާމާރީ: 395 މައްސަލަ
- މުދަލަށް ގެއްލުން ދިނުން: 377 މައްސަލަ
- ގެވެށި އަނިޔާ: 197 މައްސަލަ
- ޚިޔާނާތް: 156 މައްސަލަ
- ޖިންސީ ކުށް: 152 މައްސަލަ
- ފޭރުން: 93 މައްސަލަ
- ފޯޖްކުރުން: 29 މައްސަލަ
- އެކައުންޓުގައި ފައިސާ ނެތި ޗެކް ދޫކުރުން: 1 މައްސަލަ
ފުލުހުންގެ ތަފާސްހިސާބުތަކުން ފާހަގަކުރެވޭ ގޮތުގައި، ކުށްކުރުމުގެ މައްސަލަތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައް މަދުކުރުމަށް ހާއްސަ ސަމާލުކަމެއް ދީގެން އޮޕަރޭޝަންތައް ކުރިއަށްގެންދާކަން ފާހަގަކުރެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމާލޭގައި މަދިރިއާލާވާ ގޮތަށް ހުރި 300 އަށްވުރެ ގިނަ ތަންތަން ނައްތާލައިފި
4 ގަޑިއިރު ކުރިން

ސިފައިންގެ 73ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި
4 ގަޑިއިރު ކުރިން

މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހު މަސް ބޭރުކުރި މިންވަރު 62 އިންސައްތަ ދަށްވެއްޖެ
8 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން މީހަކު ހައްޔަރުކޮށްފި
8 ގަޑިއިރު ކުރިން


.gif&w=3840&q=75)