logo

ގޭންގް ކުށްތަކަށް ގާނޫނެއް ވުޖޫދުވިތާ 14 އަހަރު، އާރުލާ މަސައްކަތެއް ފެށުނީ އަދިކިރިޔާ!

profile

އައިމިނަތު ރޫޔާ - 10 ޖެނުއަރީ 2025 - 14:10

ދިވެހިރާއްޖޭގެ ގޭންގް ކުށްތައް މަނާ ކުރުމާ ބެހޭ ގާނޫނެއް ވުޖޫދިވިތާ 14 އަހަރުވެފައިވީ ނަމަވެސް، އެ ގާނޫނުގެ ދަށުން ދައުވާއެއް އުފުލިފައި ނެތުމަކީ ހިތާމަކުރަންޖެހޭ ކަމަކެވެ. ރާއްޖޭގައި ތަފާތު ނަންނަމުގައި ގޭންގު ގުރޫޕްތައް ހަދައިގެން އުޅޭތާ އެތަކެއް އަހަރު ފަހަނައަޅައި ދިޔައިރުވެސް، ވޭތުވެދިޔަ ސަރުކާރުތަކުން މި މައްސަލަ ހައްލުކުރުމަކަށް މާ ބޮޑު މަސައްކަތްތަކެއް ކޮށްފައެއް ނުވެއެވެ. ރާއްޖޭގައި މިހާތަނަށް ހިނގާފައިވާ ބޮޑެތި މާރާމާރީ މައްސަލަތަކާއި މަސްތުވާތަކެތި އަދި ފޭރުމާއި ވައްކަމުގެ މައްސަލަތައް ވެސް ގުޅިފައިވަނީ ގޭންގްތަކާއެވެ.

https://wamco.com.mv/

ނަމަވެސް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން މިވަނީ ގޭންގް ކުށްތައް މަނާކުރުމަށް އެއްވެސް ސަރުކާރަކަށް ގެންނަން ނުކެރިފައި އޮތް ބަދަލެއް ގެނެސްފައެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 60 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު މުޞްޠަފާ ޙުސައިން ހުށަހަޅުއްވާފައިވާ، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް އައު ބިލެއް ވަނީ އެކުލަވާލާފައެވެ. މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ވަނީ ރައީސް މުއިއްޒުގެ ހާއްސަ އިސްނެންގެވުމާއެކު މުހިއްމު ފިޔަވަޅުތަކެއް އަޅާފައެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކުރާ ކުށްކަމަށްވާ ގޭންގު ކުށްތައް މަނާކޮށް، ހުއްޓުވުމަށް އެކުލަވާލި ބިލު މިހާރު ވަނީ އޭޓާރނީ ޖެނެރަލް އޮފީހަށް ފޮނުވާފައެވެ. ސަރުކާރުގެ އަމާޒަކީ ދައުރު ނިމުމުގެކުރިން މި ބިލު ފާސްކޮށް، ގޭންގުތަކަށް އޮންނަ ބާރު ނައްތާލައި، ގޭންގު ކުށްތައް އެއްކޮށް ނައްތާލުމެވެ. ގޭންގް ކުށްތައް ހުއްޓުވުމަށް ޑްރާފްޓްކޮށްފައިވާ މި ބިލުގައި ގޭންގެއް ކަމަށް ކަނޑައަޅާނެ މިންގަނޑާއި، ގޭންގު ގުރޫޕްތަކުން ހިންގާ ކުށްތަކުން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނަގާނޭ ގޮތާއި އެފަދަ ކުށްތަކަށް ކަނޑައަޅާނެ އަދަބުތައް ވެސް ވަނީ ހިމަނާފައެވެ.

އެ ބިލްގައި ހިމަނާފައިވާ އެންމެ މުހިއްމު މާއްދާއެއްގެ ގޮތުގައި ފާހަގަކުރެވެނީ ގޭންގް މެންބަރެއްކަން ކަނޑައެޅޭ މީހުންނަށް ދައުލަތުގެ އެއްވެސް ވަޒީފާއެއް ނުދިނުމާއި އިންތިހާބީ މަގާމެއްގައި ހުރި މީހެއްނަމަ އެ މަގާމަކުން ވަކިކުރުމާއި އެފަދަ މަގާމަކަށް ކުރިމަތިނުލެވޭނެ ގޮތަށް ބަދަލު ގެނައުމެވެ. އެ ބިލްގައިވާ ގޮތުން، ގޭންގު މެންބަރެއް ކަމަށް ކަނޑައަޅަނީ އެ ގާނޫނުން އެކުލަވާލާ ޚާއްސަ ކޮމިޓީއަކުންނެވެ.

އެ ކޮމެޓީގައި ތިބެނީ ހޯމް މިނިސްޓަރާއި، ކޮމިޝަނަރ އޮފް ޕޮލިސް، ޗީޕް އޮފް ޑިފެންސް ފޯސް، ފުލުހުންގެ އިންޓެލިޖެންސްގެ ކަންކަން އެދުވަހެއްގައި ބަލަހައްޓާ އިސްވެރިޔާ އަދި ސިފައިންގެ އިންޓަލިޖެންސްގެ ކަންކަން އެދުވަހެއްގެ ގޮތެއްގައި ބަލަހައްޓާ އިސްވެރިޔާއެވެ. އިސްވެ ބަޔާންކުރެވުނު ކޮމިޓީން ގޭންގު މެންބަރެއް ކަން ކަނޑައަޅާ ހިސާބުން އެމީހެއްގެ ފޮޓޯ އާއި ވަނަވަރު އާންމުކުރަންވެސް އެ ބިލުގައި ލާޒިމްކުރެއެވެ.

އެ ބިލުގައި ގޭންގު މެންބަރެއް ކަމުގައި ކަނޑައަޅާނެ ސިފަތައް ވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ގޭންގެއްގެ ގޮތުގައި ކަނޑައަޅަނީ ވަކި ކުލަބަކަށް ނޫނީ ޖަމިއްޔާއަކަށް ނުވަތަ ވަކި ސަރަހައްދެއްގައި ދިރިއުޅެ، އެތަނެއްގައި ވަގުތު ހޭދަކުރާ ބަޔަކަށެވެ. މީގެއިތުރުން، ވަކި ރަށެއްގެ މަގުތަކާއި ގޯޅިތަކާއި އެ ބައެއްގެ ސަރަހައްދުގައި ވަކި ތަނެއް އެބައެއްގެ ސަރަހައްދުގެ ގޮތުގައި ކަނޑައަޅައިގެން، ފާޑުފާޑުގެ ނިޝާންތަކާއި ގްރެފިޓީތައް އަދި އެ ގްރޫޕަކަށް ވަކި ނަމެއް ޚާއްސަކޮށްގެން، އެފަދަ ގްރޫޕަކަށް ނިސްބަތްވާ ބައެއްކަން، ބަލާބެލުމަށް ސިފަވާ ގޮތަށް އުޅުން ހިމެނެއެވެ.

ގޭންގް ކުށްތައް ހުއްޓުވުމަށް ސަރުކާރުން ހުށަހަޅާފައިވާ މި ބިލުގައި ފުލުހުންނަށް ވެސް ވަނީ ގިނަ ބާރުތަކެއް ދީފައެވެ. އެގޮތުން ފުލުހުން އަންގާ ގޮތަށް އަމަލުނުކޮށްފިނަމަ، 12 ގަޑިއިރުގެ މުއްދަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެ ކަމަށް އެ ބިލުގައިވެއެވެ. މީގެއިތުރުން، ގޭންގެ ގްރޫޕްތައް އެއްވެ އުޅޭ ، އެ ސަރަހައްދުގައި އުޅޭ މީހުންގެ ހިތުގައި ބިރުވެރިކަމެއް އުފެދިއްޖެ ހާލަތެއްގައި، ކޯޓު އަމުރަކާއި ނުލައި ފުލުހުންނަށް އެފަދަ ތަންނަތަނަށް ވަނުމުގެ ބާރުވެސްބިލުން ފުލުހުންނަށް ލިބިދެއެވެ. ހަމަމިއާއެކު، ގޭންގު ހަރަކާތެއްގައި ބޭނުން ކުރާ އުޅަނދެއް، ކޯޓް އަމުރެއް ނެތި 90 ދުވަހުގެ މުއްދަތަށް ހިފެހެއްޓުމުގެ ބާރުވެސް ފުލުހުންނަށް ލިބޭނެ ކަމަށް ބިލުގައި ހިމަނާފައިވެއެވެ.

ގޭންގު ކުށްތަކާއި ގުޅިގެން ދޭ އަދަބުވެސް ބިލުގައި ވަނީ ވަރަށް ހަރުކަށި ކޮށްފައެވެ. ގޭންގަކަށް ނިސްބަތްވާ ނިޝާނެއް ނުވަތަ ލޯގޯއެއް ތަނެއްގައި ކުރެހުމަކީ ވެސް ކުށަކަށްވާއިރު، އެފަދަ ކުށެއް ކޮށްފިނަމަ އޭގެ އަދަބަކީ 6 މަހާއި 18 މަސް ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ. އަދި ގޭންގެއް ކަމަށް ކަނޑައަޅާފައިވާ ބަޔަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފިނަމަ، 500،000 ރުފިޔާއާއި 1 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބިލުގައި ކަނޑައަޅާފައިވެއެވެ. ރާވައިގެން ގޭންގު ހަދައިގެން އެފަދަ ކުށެއް ކޮށްފިކަމުގައި ވަނީނަމަ، ފަސްއަހަރާއި ހަތް އަހަރުގެ މުއްދަތަކަށް ވެސް ޖަލަށްލުމަށްވެސް އެ ބިލުގައި ލާޒިމުކުރެއެވެ.

ފާއިތުވި 52 ހަފްތާގައި ގޭންގް ކުށްތައް ހުއްޓުވުމަށް ކުރެވުނު މަސައްކަތް:

މޯލްޑިވްސް ޕޮލިސް ސާރވިސްގައި ގޭންގް ކްރައިމްތަކަށް ޚާއްސަ ވަކި ވިންގެއް އުފެއްދުން

މާލެ އަދި ހުޅުމާލޭގައި ގޭންގުތައް ހަރަކާތްތެރިވާ އުޅޭ "ހޮޓްސްޕޮޓްސް" މެޕްކޮށް، 7/24 ޕެޓްރޯލްކޮށް، ބަލަހައްޓަން ފެށުން

ނުރައްކާތެރިކޮށް ދުއްވާ ވެހިކަލްތަކާއި އެފަދަ ގޭންގް މެމްބަރުން ދެނެގަނެ، އެފަދަ އުޅަނދުތައް ޓޯވް ކުރަން ފެށުން

ގޭންގް ކުށްތައް މަނާކުރުމާބެހޭ ގާނޫނު ވުޖޫދުވިތާ 14 އަހަރުވެފައި ވީއިރު، އެ ގާނޫނުގެ ދަށުން ދައުވާއެއް އުފުލިފައި ނުވާތީ ގޭންގް ކުށްތައް ހުއްޓުވުމަށާ މުޅިން އައު ބިލެއް އެކުލަވައިލުން

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއިން ފާއިތުވި އަހަރާއި 2023 ވަނަ އަހަރުގައި ގޭންގްކުށްތައް ހުއްޓުމާއި ޕެޓްރޯލް ކުރުމަށް ކުރެވުނު މަސައްކަތުގެ ތަފާސްހިސާބު އާންމުކޮށްފައެވެ. އަދި މި ދައުރުގައި ގޭންގް ކުށްތަކާގުޅިގެން ތަހުގީގުކޮށް، ދައުވާ ކުރެވުނު އަދަދު ނިސްބަތުން ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން، ޖަނަވަރީ 2023 ން 16 ނޮވެމްބަރު 2023 އަޅާބަލާއިރު މި ދައުރުގައި ގޭންގް ކުށްތައް ހުއްޓުވުމަށް ޕެޓްރޯލް ކުރުން ނިސްބަތުން އިތުރުވެފައިވާ ކަމަށް މިނިސްޓްރީއިން ނެރުނު ތަފާސްހިސާބުތަކުން ދައްކައެވެ.

ފާއިތުވި އަހަރު ގޭންގް ކުށްތައް ހުއްޓުވުމަށް ޕެޓްރޯލް ކުރެވުނު ތަފާސްހިސާބު:

ހުއްޓުވާ ސުވާލު ކުރެވުނު އަދަދު- 20،597

ކުޑަކުދިން ހުއްޓުވައި ސުވާލު ކުރެވުނު އަދަދު- 2،315

ސަރަހައްދުތައް ޗެކް ކުރެވުނު އަދަދު- 106،174

އުޅަނދުތައް ފާސްކުރެވިފައިވާ އަދަދު- 3،043

ޗެކް ކުރެވުނު އުޅަނދުތައް- 2،658

2023 ވަނަ އަހަރު ގޭންގް ކުށްތައް ހުއްޓުވުމަށް ޕެޓްރޯލް ކުރެވުނު އަދަދު:

ހުއްޓުވައި ސުވާލު ކުރެވުނު އަދަދު- 5،407

ކުޑަކުދިން ހުއްޓުވައި ސުވާލު ކުރެވުނު އަދަދު- 341

ސަރަހައްދުތައް ޗެކް ކުރެވުނު އަދަދު- 17،314

އުޅަނދުތައް ފާސްކުރެވިފައިވާ އަދަދު- 42

ޗެކް ކުރެވުނު އުޅަނދު އުޅަނދުތައް- 41

2023 ވަނަ އަހަރު ގޭންގް ކުށްތަކާއި ގުޅިގެން ހައްޔަރުކުރެވިފައިވާ ޖުމްލަ މީހުންގެ އަދަދަކީ 44 އެވެ. އެފަދަ ކުށްތަކާއި ގުޅިގެން މިއަހަރު ހައްޔަރު ކޮށްފައިވަނީ 105 މީހުނެވެ. 2023 ވަނަ އަހަރު ހައްޔަރު ކުރެވިފައިވާ މީހުންގެ ތެރެއިން މިހާރު ހައްޔަރުގައި ތިބި ޖުމްލަ 10 މީހުނަށް ވާއިރު، މި ދައުރުގެ ތެރޭގައި ހައްޔަރުކުރެވުނު އަދި މިހާރު ހައްޔަރީންގެ ގޮތުގައި ތިބީ 50 މީހުނެވެ. ހަމަމިއާއެކު، 2023 ވަނަ އަހަރު ގޭންގް ކުށްތަކާ ގުޅިގެން 35 މީހުނަށް ދައުވާކޮށްފައިވާއިރު، މި ދައުރުގައި 65 މީހުނަށް ވަނީ ދައުވާ އުފުލާފައެވެ.

މިތަފާސް ހިސާބުތަކަށް ބަލާއިރުގައިވެސް ފާހަގަވަނީ ރައީސް މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި އޮންނަ ގޭންގް ކުށްތައް މަދުކޮށް، ރާއްޖެއަކީ އަމާން ސުލްހަވެރި ތަނަކަށް ހެދުމަށް ކުރަމުން ގެންދާ މަސައްކަތެވެ. ގާނޫނެއް އެފެދުނުތާ 14 އަހަރުވެގެން ދިޔައިރުގައި ވެސް އެ ގާނޫނެއްގެ ދަށުން ދައުވާއެއް އުފުލިފައި ނެތުމުން ބުނެވޭނީ ކުރީ ސަރުކާރުތަކުން މުޖުތަމައުގައި އަމާންކަމާއި ސުލްހަވެރިކަން ގާއިމްކުރުމަށް ފެއިލްވުމެވެ.

https://wamco.com.mv/
tel:+9607331319