އުންމީދަކީ އަންނަ އަހަރުގެ ކުރީކޮޅު ކަރަންޓުގެ ފްލެޓް ރޭޓެއް ކަނޑައެޅުން ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ކަރަންޓު ފީ ނަގާ ރޭޓު ބޮޑު ނުވާގޮތަށް ފްލެޓު ރޭޓަކުން ދިނުމަށް ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ފާހަގަކުރެއްވީ މި ނިމިދިޔަ ހަފްތާގެ ތެރޭގައެވެ. އެކަމުގެ އިތުރު ތަފްސީލްތައް ހިއްސާކުރައްވާ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ މީގެ ކުރިން ކަރަންޓު ބިލު ކަނޑައަޅަނީ ވަކި ރޭޓުތަކަކުން ކަމަށް ވާއިރު މި ބަދަލަށް ހޭނުމަށް އެހެން ވިޔަފާރިތައް މެދުވެރިކޮށް ސަބްސިޑައިސްކުރަން ޖެހޭ ކަމަށެވެ.
މިވަގުތު ސްޓެލްކޯގެ ކޮންޒިއުމަރުންގެ އަދަދަކީ 77،275 އެވެ. އޭގެ ތެރެއިން މީހުން ދިރިއުޅޭ ތަންތަނުގެ އަދަދު 60،509 އަށް އަރާއިރު، މާލެ ސަރަހައްދުގެ ކޮންޒިއުމަރުންގެ އަދަދަކީ 53،412 އެވެ.
އޭނާ ވިދާޅުވީ، މައިގަނޑު ގޮތެއްގައި %28 ކޮންޒިއުމަރުން 600 ޔުނިޓަށް ވުރެ އިތުރަށް ކަރަންޓް ބޭނުން ކުރާ ކަަމަށެވެ. މިއާއެކު ޓެރިފް ރޭޓް އިންނާނީ 4.25ރ އަށް އިތުރު ކުރެވިފައި ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެވްރޭޖްކޮށް 500 ޔުނިޓަށް ދަށުގައި %40 އުޅޭއިރު، ބޮޑުބައެއް އުޅެނީ 500 ޔުނިޓަށް ވުރެ މަތީގައި ކަމަށް ޝަރީފް ވިދާޅުވިއެވެ.
"އެއީ އެއް ސަބަބު ކަރަންޓް ބިލް ބޮޑުވުމާއި އެކީގައި ޓެރިފް ރޭޓް އިންނަ ގޮތަކުން، އެ ޓެފިކް ރޭޓް އިތުރު ކުރެވިފައި އޮންނަނީ.".
އޭނާ ވިދާޅުވީ، ފްލެޓް ރޭޓެއް ކަނޑައެޅޭއިރުގައި އެއީ އެންމެ ފުރަތަމަ ބޭންޑްގައި އިންނަ ރޭޓަށް ކަނޑައެޅިއްޖެ ކަމަށް ވާނަމަ ގާތްގަނޑަކަށް %52-%31 ދޭތެރޭގައި ބިލް ކުޑަވެގެން ދާނެ ކަމަށް އަންދާޒާތަކުން ދައްކާ ކަމަށެވެ.