
އިސްމާއިލް ޒަރިޔަންދު---
އުފެއްދުންތެރި އިގުތިސާދީ ބިންގަލެއް ނެތި ރިއަލް އެސްޓޭޓާއި ރެސިޑެންސީ ވިއްކުމަކީ ނުރައްކަލެއް: ޒަރިޔަންދު

ޖިނާން ޙުސައިން ޖަބީން - 08 ނޮވެމްބަރު 2026 - 13:36
ދިވެހިރާއްޖެ ފަދަ ކުޑަ ގައުމެއްގައި ވަރުގަދަ، އުފެއްދުންތެރި އިގުތިސާދީ ބިންގަލެއް ނެތި ރިއަލް އެސްޓޭޓާއި ރެސިޑެންސީ ވިއްކުމަކީ ނުރައްކަލެއް ކަމަށް ޕީއެންއެފްގެ އެކްޓިވިސްޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ނިސްބަތުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ގައުމެއް ކަމަށްވާ ޔޫއޭއީގައި މި ދާއިރާ ތަރައްގީކޮށްފައިވާ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޒަރިޔަންދު ވިދާޅުވީ، ރެސިޑެންޝަލް ރިއަލް އެސްޓޭޓްގެ ވިޔަފާރި ތައާރަފުކުރުމުގައި އެ ގައުމުން ގެންގުޅުނު ހަރުދަނާ އުސޫލުތަކަކީ ރާއްޖެއަށް ލިބިގެންދާ އަގުހުރި ފިލާވަޅެއް ކަމަށެވެ. އެގޮތުން ޔޫއޭއީން އެންމެ ފުރަތަމަ އިސްކަންދިނީ ތެލުގެ ސިނާއަތަށް ކަމަށާއި، އޭގެ ފަހުން ތެލުގެ އާމްދަނީ ބޭނުންކޮށްގެން ޖަބަލް އަލީ ބަނދަރާއި، ފްރީ ޒޯން އަދި އެމިރޭޓްސް އެއަރލައިން ފަދަ ވިޔަފާރިއާއި ލޮޖިސްޓިކްސްގެ ވަރުގަދަ ވިއުގައެއް ބިނާކުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޒަރިޔަންދު ވިދާޅުވި ގޮތުގައި ދުބާއީން ބޭރު މީހުންނަށް ރިއަލް އެސްޓޭޓް ހުޅުވާލީ އެފަދަ ވަރުގަދަ ބިންގަލެއް އެޅިތާ ގާތްގަނޑަކަށް 30 އަހަރު ފަހުން، 2002 ވަނަ އަހަރުގައެވެ. އަދި އޭރުވެސް އެ ގައުމުގެ ޖީޑީޕީގެ 55 އިންސައްތައަކީ ތެލުގެ ހިއްސާ ކަމަށްވާއިރު، 2009 ވަނަ އަހަރު އެ ގައުމުގެ ރިއަލް އެސްޓޭޓް ބާޒާރު އަޑިއަޅައިލުމުން ސަލާމަތްވީ ވެސް އަބޫދާބީން ދިން 10 ބިލިއަން ޑޮލަރުގެ މާލީ އެހީގެ ސަބަބުންކަން ޒަރިޔަންދު ހަނދާންކޮށްދިނެވެ.
އަދި މިއަދު ވެސް އެ ގައުމުގައި ވިޔަފާރީގެ ދާއިރާ އުޅެނީ ރިއަލް އެސްޓޭޓް ދާއިރާއަށް ވުރެ 6 އިންސައްތަ ކުރީގައިކަން އޭނާ ފާހަގަކުރެއްވިއެވެ.
ޒަރިޔަންދު ވިދާޅުވީ، ރާއްޖެއިން އިސްކަންދޭންވީ މަސްވެރިކަމާއި، ސިނާއީ އުފެއްދުންތެރި މަސައްކަތްތަކާއި އަދި އެހެނިހެން ހިދުމަތްތައް ފުޅާކޮށްގެން އިގުތިސާދީ ހަރުދަނާ ބިންގަލެއް އެޅުމަށް ކަމަށެވެ. އަދި އިގުތިސާދު ސިންދަފާތުކޮށް، އުފެއްދުންތެރި ވަރުގަދަ ބިންގަލެއް ނެތި ރާއްޖޭގެ ބިމާއި ރެސިޑެންސީ ވިއްކަން އުޅުމަކީ "ފާރު ނުރާނައި ފުރާޅެއް އަޅަން އުޅުން ފަދަ ކަމެއް" ގޮތުގައި އޭނާ ވަނީ ސިފަކުރައްވައިފައެވެ.




