logo

މިފްކޯ މަސްފިހާރަތަކުން ހުކުރު ދުވަހުވެސް ޚިދުމަތް ދޭން ފަށައިފި

profile

އާމިނަތު ޝަޒްލާ - 01 އޯގަސްޓު 2026 - 10:13

މޯލްޑިވްސް ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ކޯޕަރޭޝަން (މިފްކޯ) އިން ހިންގާ މަސްފިހާރަތަކުން ހުކުރު ދުވަހުވެސް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައި، ފިހާރަތައް ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

https://wamco.com.mv/

މިފްކޯއިން މައުލޫމާތު ދެއްވި ގޮތުގައި، މި ބަދަލަކީ އެކުންފުނީގެ ވިޔަފާރި ފުޅާކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ގެނައި ބަދަލެކެވެ. މިއަދުން ފެށިގެން މިފްކޯގެ ރީޓެއިލް ފިހާރަތައް ހުކުރު ދުވަހުވެސް ހުޅުވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ގެނެވުނު ބަދަލާއެކު، ހުކުރު ދުވަހުގެ ހެނދުނު 8:30 އިން 10:30 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ފިހާރަތައް ހުޅުވާފައި ހުންނާނެއެވެ. މީގެ އިތުރުން، ހަފުތާގެ އެހެން ދުވަސްތަކުގައި ނަމާދު ގަޑިތައް ފިޔަވައި، ހެނދުނު 8:30 އިން ރޭގަނޑު 11:00 އަށް ޚިދުމަތް ދޭނެ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. މި ބަދަލަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާފައިވަނީ މާލެއާއި ހުޅުމާލޭގައި ހުރި މަސްފިހާރަތަކުގެ އިތުރުން އައްޑޫ ސިޓީގައި ހުންނަ މަސްފިހާރައިގައެވެ.

މިފްކޯއިން އިތުރަށް ވިދާޅުވީ، ހުކުރު ދުވަހު ފިހާރަތައް ހުޅުވަން ނިންމީ ހުކުރު ދުވަހަކީ އާއިލީ ބައްދަލުވުންތަކާއި މެންދުރުގެ ޚާއްސަ ކެއުންތަކަށް ދިވެހިން ޚާއްސަ އިސްކަމެއްދޭ ދުވަހަކަށް ވާތީއެވެ. އެހެންކަމުން، އެ ވަގުތުތަކަށް ބޭނުންވާ ތާޒާ މަހުގެ ބާވަތްތައް ފަސޭހަކަމާއެކު އާންމުންނަށް ފޯރުކޮށްދިނުމަކީ މި ބަދަލުގެ މައިގަނޑު މަޤްޞަދެވެ.

ކަސްޓަމަރުންނަށް އިތުރު ފަސޭހަކަމެއް ދިނުމުގެ ގޮތުން، ކޮންމެ ހުކުރު ދުވަހަކަށް ޚާއްސަކޮށްގެން ތަފާތު ބާވަތްތަކުގެ އުފެއްދުންތައް ބާޒާރަށް ނެރުމަށްވެސް މިފްކޯއިން ވަނީ ރާވާފައެވެ. މި ބަދަލާއެކު އާންމުންނަށް ބޭނުންވާ މަހުގެ އުފެއްދުންތައް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk