logo

އިޤުތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށް ވެވޭނީ، މަސައްކަތްކޮށްގެން ތަކެތި އުފައްދާ ބަޔަކަށް ވެގެން: ހުތުބާ

profile

އައިޝަތު އިނާޝާ - 12 ޑިސެމްބަރު 2025 - 08:06

މުސްލިމުން އިޤުތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށް ވާންޖެހޭ ކަމަށާއި އެ ފަދަ ބަޔަކަށް ވެވޭނީ، މަސައްކަތް ދަންނަ، މަސައްކަތްކޮށްގެން ތަކެތި އުފައްދާ ބަޔަކަށް ވެގެން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ނާސޭހަތްތެރިވެއްޖެއެވެ.

https://wamco.com.mv/

މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއުއަކީ މަސައްކަތްތެރި އުފެއްދުންތެރި ބަޔަކަށް ވާށެވެ! މިއެވެ.

ހުތުބާގައި ބުނީ އިސްލާމްދީނަކީ، ދުނިޔެއާއި އާޚިރަތުގެ ދީން ކަމަށާއި މަސައްކަތްކުރުމަށާއި، އުފެއްދުންތެރިކަމަށް ގޮވައިލާ ދީން ކަމަށެވެ. އަދި އިންސާނުން ދިރިއުޅުމަށް ޓަކައި، ދުނިޔެ ޢިމާރާތްކޮށް އާރާސްތުކުރުމަކީ، އިންސާނާގެ މަސްއޫލިއްޔަތެއް ކަމަށާއި އިންސާނުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ، ކޮންމެވެސް އެއް ބަޔަކު ކުރާންޖެހޭނޭ ކަމެއް ކަމަށެވެ.

އިސްލާމް ދީނުގައި، ހުއްދަކުރައްވައިފައި ވަނީ، ޙަލާލު ގޮތުގައި އާމްދަނީ ހޯދުންކަން ފާހަގަކޮށް ހުތުބާގައި ބުނީ ރިބާއާއި ޖުވާގެ މުޢާމަލާތްތައް ވަނީ، ޙަރާމްކުރައްވައިފައި ކަމަށެވެ. އަދި އިސްލާމްދީނުގައި، ދިރިއުޅުމަށް ޓަކައި މަސައްކަތްކުރުމަށް އަންގަވައިފައިވުމުން، މުސްލިމުން އިޤުތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށް ވާންޖެހޭ ކަމަށް ހުތބާގައި ވަނީ ބުނެފައެވެ. އެ ފަދަ ބަޔަކަށް ވެވޭނީ، މަސައްކަތް ދަންނަ، މަސައްކަތްކޮށްގެން ތަކެތި އުފައްދާ ބަޔަކަށް ވެގެން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި ﷲ ތަޢާލާ ވަނީ، ދުނިޔޭގެ ބިމާއި، އެ ބިމުގައި އުފެދޭ ގަސްހަގާގެއްސާއި، ކަނޑުގައި ދިރިއުޅޭ މަސްމަހާމެއްސާއި، އެހެނިހެން ތަކެތި އިންސާނާއަށް ޓަކައި ޚިދުމަތްތެރިކުރައްވައިފައި ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ދަނޑުގޮވާންކުރުމާއި، މަހަށްފަރަށް ދިއުމާއި ދިރިއުޅުމަށް ޓަކައި މަސައްކަތްކުރުމަކީ، ދަށުދަރަޖައިގެ ކަމެއް ނޫން ކަން ފާހަގަކޮށް ހުތުބާގައި ބުނީ މާތް ﷲ ދުނިޔެއަށް ފޮނުއްވެވި އެންމެ މާތް ބަޔަކީ ރަސޫލުންނާއި ނަބީން ކަމަށެވެ. އަދި އެ ބޭބޭކަލުން ވެސް، މަސައްކަތްކުރެއްވި ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

މާތް الله ރޭގަނޑު އަނދިރިކުރައްވައި، ދުވާލު އަލިކުރައްވައިފައި ވަނީ، ޙިކުމަތަކަށް ޓަކައި ކަމަށާއި އެގޮތުން ރޭގަނޑުގެ ވަގުތު ލައްވައިފައި ވަނީ، އަރާމުކުރުމަށާއި ނިވަލެއްކަމުގައެވެ. އަދި ދުވާލު ލައްވައިފައި ވަނީ، ދިރިއުޅުމަށް ޓަކައި މަސައްކަތްކުރާން އޮތް ވަގުތެއްކަމުގައި ކަމަށް ހުތުބާގައި ހަނދާންކޮށްދިނެވެ.

އިސްލާމް ދީނަކީ، އެ ދީނުގެ އަހުލުވެރީން ދިރިއުޅުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް ޓަކައި، މަސައްކަތްކުރާން އަންގަވާ ދީންކަން ފާހަގަކޮށް ހުތުބާގައި ބުނީ މި ކަމުގައި މުސްލިމުން ލަދުވެތިވެގެންނެއް ނުވާނެ ކަމަށެވެ. މިއަދު ބައެއް ދިވެހީން ކަންނެތްވެ، މަސައްކަތާ ދުރުވެއްޖެ ކަމަށާއި އިޤްތިޞާދީ ކަންކަމުގައި ބިދޭސީ އަތްތަކަށް ބަރޯސާވާން ފަށައިފި ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. މިއަދު މަހަށް ފުރާނެ ދިވެހި ފަޅުވެރިއަކު ނުވާ ކަމަށާއި ދިވެހި އިޤްތިޞާދުގެ އެއް މައިނާރަކީ މަސްވެރިކަންކަމުގައިވީ އިރު، އެ ޞިނާޢަތު އޮންނާންވާނީ ދިވެހީންގެ އަތްމަތީގައި ކަން ހުތުބާގައި ހަނދާންކޮށްދިނެވެ. އަދި ދަނޑުވެރިކަމާއި އިޤްތިޞާދީ އެހެނިހެން ޞިނާޢަތްތަކުގައި ވެސް ދިވެހީން ހީވާގިވެ އުޅޭ ތަން ނުފެނުމަކީ ހިތާމަހުރި ކަމެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

މިއަދުގެ ހުކުރު ހުތުބާގައި ވަނީ އަޅުގަނޑުމެން އެހެން ބަޔެއްގެ މައްޗަށް ބަރޯސާވުމުގެ ބަދަލުގައި، ބޭނުންތައް ފުއްދާނެ ގޮތްތަކާއި، ވަސީލަތްތައް އަމިއްލައަށް އުފައްދައި، އޭގެ ބޭނުންހިފާ ބަޔަކުކަމުގައި ވުމަށް ގޮވައިލާފައެވެ. އަދި މުސްލިމުންނަކީ، މާތް الله އެބައިމީހުން މި ބިންމަތީގައި ބާރުވެރިކުރައްވައިފި ނަމަ، ނަމާދުޤާއިމުކޮށް، އަމުރުމަޢުރޫފު ހިންގާން ޖެހޭ ބަޔެއް ކަމަށެވެ. އަދި މިނިވަން ވެރިކަމެއް ކުރާން ޖެހޭ ބަޔެއް ކަމަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay