ސަރުކާރަށް އެއްބާރުލުން ދީގެން އެކުގައި މަސައްކަތްކުރުމަށް، ދަ ޑިމޮކްރެޓްސް އިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުން ބާއްވާފައި ވަނީ އިއްޔެ ރައީސް އޮފީހުގަ އެވެ. މި ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް ހަސަން ލަތީފާއި ނައިބުރައީސް މުހަންމަދު ޝިފާޒް ބައިވެރިވެވަޑައިގެންނެވި އެވެ. މި ބައްދަލުވުމާއި ގުޅޭގޮތުން ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފު އަސްލު ޓީވީ އަށް ވިދާޅުވީ މި ބައްދަލުވުމުގައި މައިގަނޑު ދެ ކަމަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި މައިގަނޑު ކަމަމީ ގާނޫނު އަސާސީ ބަދަލުކުރުމުގައި އެކުގައި މަސައްކަތްކުރުން ކަމަށް އެ ޕާޓީން ބުނެ އެވެ.
އެގޮތުން ގާނޫނު އަސާސީ އަށް ބަދަލުތަކެއް ގެންނަން ބޭނުންފުޅުވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާންކުރައްވާފަ އެވެ. ހަސަން ލަތީފް ވިދާޅުވީ، އެ މަސައްކަތްކުރަމުންދާއިރު، ޑިމޮކްރެޓްސްގެ ފުރިހަމަ ބައިވެރިވުން އޮންނަން ބޭނުންވާތީ ރައިސް އަރިހުގައި އެ ފުރުސަތަށް އެދިފައިވާ ކަމަށެވެ.
އަޅުގަނޑުމެން އެ މަސައްކަތުގައި އަމަލީގޮތުން، މަޝްވަރާއާއި ލަފާ އެރުވޭ ގޮތަށް ރާވާލަ ދިނުމަށް އަޅުގަނޑުމެން އެދުނީ. އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި އެކަހަލަ ފަންނުވެރި ބޭފުޅުން. އެ ބޭފުޅުންގެ ބޭނުން ހިފައިގެން އެ މަސައްކަތް ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމުކަމެއް ގޮތުގައި ދެކޭދީ އެކަމަށް އެދުނީ.
ހަސަން ވިދާޅުވީ ރާއްޖޭގެ އިގްތިސާދާއި މާލީ ހާލަތު މިހާރު އޮތް ގޮތަށް ބަލާއިރު، މިކަމުގައި އެ ޕާޓީން ގެންގުޅޭ ބައެއް ސިޔާސަތުތައް ސަރުކާރުން ތަންފީޒުކޮށްފި ނަމަ މިއަށް ވުރެ ރަނގަޅަށް މި ހާލަތު މެނޭޖް ކުރެވިދާނެ ކަމަށެވެ. އެހެންވެ އެ ދާއިރާތަކުން ވެސް އެކުގައި މަސައްކަތްކުރުމަށް ރައީސް އަރިހުން އެދިވަޑައިގެންނެވި ކަމަށް ހަސަން ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ، މި މަސައްކަތްތަކުގައި ދަ ޑިމޮކްރެޓްސް އަށް ފުރުސަތު ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް އެރުވި ކަމަށެވެ.
ރައީސް ވަރަށް ބޮޑަށް ބޭނުންވޭ ޑިމޮކްރެޓްސްއާ އެކީގައި މި ދެ މަސައްކަތް ވެސް ހިންގަވަން. މި ދެ ކަމަށް ވެސް ރައީސް ވަރަށް ބޮޑަށް އެއްބަސްވެވަޑައިގެން އެކަންކަން އިންތިޒާމުކުރުމުގެ މަސައްކަތް ފައްޓަވާދެއްވާނެ ކަމުގެ އިންޑިކޭޝަނެއް ދެއްވި
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި ވެސް ނާކާމިޔާބުވި ނަމަވެސް، ދަ ޑިމޮކްރެޓްސް އިން އަންނަނީ ސިޔާސީ މައިދާނުގައި ގައުމަށް ފައިދާ ހުރި ގިނަ މަސައްކަތްތަކެއް ކުރުމަށް މަސައްކަތްކުރަމުންނެވެ. ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީ ބައިބައިވެ ކުރީގެ ރައީސް މުހަންމަދު ނަޝީދު އިސްވެ އުފައްދަވާފައިވާ ޕާޓީ އަކަށް ވާއިރު، ދާދި ފަހުން އެމްޑީޕީގެ އަހަރީ ދުވަހުގައި އެމަނިކުފާނު ވަނީ ދެބައި އެކުގައި އަލުން މަސައްކަތްކުރުމުގެ އުންމީދު އޮތް ކަމަށް ވިދާޅުވެފަ އެވެ.