logo

ދިވެހި ޤައުމިއްޔަތުގެ ޢިލްމަކީ ދިވެހީންގެ ދެމިތިބުމާ ގުޅިފައިވާ ޢިލްމެއް: ފަސްޓް ލޭޑީ

profile

އައިޝަތު އިނާޝާ - 18 ނޮވެމްބަރު 2024 - 12:30

ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތު  - ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު - ފޮޓޯ: ރައީސް އޮފީސް

ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތު - ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު - ފޮޓޯ: ރައީސް އޮފީސް

ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ މަސައްކަތް ރަސްމީކޮށް ފެށުން ވެގެންދާނީ ދިވެހި ޤައުމިއްޔަތަށް ހޭލުންތެރި އާ ޒަމާނެއް އައުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިފަދައިން ވިދާޅުވީ، ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ މަސައްކަތް ރަސްމީކޮށް ފެށުމަކީ، ދިވެހި ޤައުމިއްޔަތަށް ހޭލުންތެރިކުރުވުމުގެ އައު ހަރަކާތްތެރިކަމެއްގެ ފެށުން ކަމަށާއި، އެކަމުގެ ސަބަބުން ޤައުމާމެދު ހެޔޮ ވިސްނުންތަކެއް އުފެދި، މާތް ﷲގެ އިރާދަފުޅާއެކު، އުފާވެރި މާދަމާއަކަށް ޖާގަ ތަނަވަސްވާނެކަން ފާހަގަކުރެއްވިއެވެ.

މި ވަގުތަކީ ދިވެހި ޤައުމިއްޔަތަށް އާ ދިރުމެއް ލިބޭ ވަގުތެއް ކަމަށާއި، ދިވެހި ޤައުމިއްޔަތަކީ ދިވެހީންގެ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހީންގެ މާދަރީ އަމިއްލަ ދިވެހި ބަހާއި، ސަގާފަތާއި ތަރިކައާއި އާދަކާދައާއި ސިލްސިލާކޮށް ގުޅެމުން ވާރުތަވަމުން އަންނަ ދިވެހީންގެ ހަނދާންތަކާއި ތަޖުރިބާތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ އޮފީސް ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ދިވެހި ޤައުމިއްޔަތު ދިރިގެން އައުމަކީ ދިވެހީން މާތްވެގެންވާ އިސްލާމްދީނުގެ އަޚްލާޤީ ގަހަނާއިން ޒީނަތްތެރިކޮށް، ދިވެހީންނަށް ދިވެހީންގެ އަމިއްލަ ބަހާއި ސަގާފަތާއި އާދަކާދައިގެ އަގުތައް މޭރުންވެ، ދިވެހީންނަކީ ތަހުޒީބު ހަރުދަނާ ވިސްނުންތެރި ބަޔަކު ކަމުގައިވުމުގެ އިތުރުން، ދިވެހީންގެ ފަސްގަނޑާއި ދިވެހީންނާއި ދިވެހި ދައުލަތުގެ ދެމި އޮތުން ކަށަވަރުކުރުމުގެ ޢިލްމީ ފިކުރު ދިވެހީންގެ ވިސްނުމުގައި ހަރުލަމުން، އަށަގަންނަމުން އެ ކަމަށް އަހުލުވެރިވަމުން ދިޔުންކަން ފާހަގަކުރައްވައި އެކަމަނާ ވަނީ، ދިވެހި ޤައުމިއްޔަތުގެ ޢިލްމަކީ ދިވެހީންގެ ދެމި ތިބުމާ ގުޅިފައިވާ ޢިލްމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ކޮންމެ ޤައުމެއްގައި ވެސް އެ ޤައުމެއްގެ ޤައުމިއްޔަތު އޮންނާނެ ކަމަށާއި، އެގޮތުން، ދިވެހި ޤައުމިއްޔަތު ނުވަތަ، ދިވެހީން ގަބޫލުކުރާ ގޮތްތަކާއި ހަމަތަކަކީ، ދިވެހި ދަރީންގެ ޤައުމީ ވިސްނުން ބިނާވާންޖެހޭ އަސާސްތައް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ. އަދި ޢިލްމީ ގޮތުން ދިވެހި ޤައުމާ އެއްކޮޅަށް ވިސްނަން އެނގޭ، އަމިއްލަ ނަފުސާއި އަމިއްލަ ޤައުމަށް ޤަދަރުކުރަން އެނގޭ ޖީލެއް ބިނާވުމުގެ މަގުތައް ހުޅުވޭކަމީ، މަންމައެއްގެ ހައިސިއްތުން ނުހަނު އުފާފުޅު ކުރައްވާ ކަމެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

މިއަދަކީ ދިވެހިރާއްޖޭގެ ރައީސްކަމުގެ މަޤާމާއި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރަސްމީކޮށް ޙަވާލުވެވަޑައިގެންނެވިތާ 1 އަހަރު ފުރުނު ދުވަސްވެސްމެއެވެ. ފާއިތުވި އެއް އަހަރަށް ނަޒަރު ހިންގަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ދިވެހި ޤައުމިއްޔަތުގެ ޙައްޤުގައި އަދުގެ ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިކަން ފާހަގަކުރައްވާއެވެ. މިއަދު ރަސްމީކޮށް ހުޅުވިގެންދިޔަ ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ އޮފީހުގެ ސަބަބުން، މަސައްކަތްތައް އިތުރަށް ހަލުއިވެ، އެތައް ގުނަޔަކަށް މަސައްކަތް އިތުރުވެގެންދާނެކަމާ މެދަކު ޝައްކުނުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، "ޚިދުމަތުގެ 52 ހަފްތާގެ ފޮތް" ވެސް ނެރެދެއްވާފައެވެ. މި ރަސްމިއްޔާތުގައި ދިވެހި ދަޢުލަތާއި ޤައުމިއްޔަތަށް ޚިދުމަތްކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

https://int.etukuri.mv/
tel:+9607331319