logo

ހުރިހާ ކުޑަކުދިންނަށް ވެސް ރައްކާތެރި، މާޙައުލެއް ކަށަވަރު ކުރެވެން ޖެހޭނެ: ޑރ. ޢާއިޝަތު ޝިހާމް

profile

އައިޝަތު އިނާޝާ - 03 ސެޕްޓެމްބަރު 2024 - 16:58

ވަޒީރު ޑރ. ޢާއިޝަތު ޝިހާމް

ވަޒީރު ޑރ. ޢާއިޝަތު ޝިހާމް

ދުނިޔޭގެ ހުރިހާ ކުދިންނަށްވެސް، އެއްވެސް ތަފާތުކުރުމެއްނެތި، ރައްކާތެރި އަދި އޯގާތެރި މާޙައުލެއްގައި އުޅުމުގެ ޙައްޤު އޮންނަންޖެހޭނެ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވެފައިވަނީ ކުޑަކުދިންގެ ޙައްޤުތަކާއި ރައްކާތެރިކަމާއި ގުޅޭ ޤައުމީ ޕުލޭން އިފްތިތާހުކުރުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ ފަލަސްޓިނުގެ ކުޑަކުދިންގެ ހާލަތަށެވެ. މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ ފަލަސްޠީނުގެ ކުދިންނަށް ދުނިޔޭގެ އޯގާތެރިކަމާއި، އެކުދިންގެ މުސްތަޤުބަލު އަނބުރާ ހޯދުމަށް އަވަސް ފިޔަވަޅުތަކެއް ހައްޤުވާކަމަށެވެ. މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ހުރިހާ ކުދިންނަށްވެސް، އެއްވެސް ތަފާތުކުރުމެއްނެތި، ރައްކާތެރި އަދި އޯގާތެރި މާޙައުލެއްގައި އުޅުމުގެ ޙައްޤު އޮންނަންޖެހޭނެ ކަމަށެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ވެސްޓް ބޭންކާއި ޣައްޒާ ސްޓްރިޕާއި ފަލަސްޠީނާއި އެ ޤައުމުގެ ރައްޔިތުން ވޭތުވެދިޔަ 76 އަހަރު ތަޙައްމަލުކުރަމުން އައި ދަތި ހާލު ފާހަގަކުރެއްވިއެވެ. މިގޮތުން ވޭތުވެދިޔަ 9 މަސްދުވަހުގެ ތެރޭގައި 25،000 ކުދިން ޔަތީމުވެ، 100،000 މީހުން ޒަޚަމްވެފައިވާއިރު، އޭގެ ތެރޭގައި އަތްފައި އައިބުވެ، ގެއްލިފައިވާ 30،000 ކުދިން ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

14،000 އަށްވުރެ ގިނަ ކުދިން ދުނިޔެއާ ވަކިވެފައިވާއިރު، އެތައް ހާސް ކުދިންނެއް ވަނީ ޒަޚަމްވެފައި ކަމަށާއި، ޣައްޒާގެ ހުރިހާ ކުދިންވެސް ވަނީ ހަނގުރާމައިގެ ނުރައްކާތެރި ތަޖުރިބާތަކާ ކުރިމަތިލާންޖެހިފައިކަމަށް މިނިސްޓރު ވިދާޅުވިއެވެ. އެއާއެކު، މީގެ އަސަރު އެ ކުދިންގެ މުޅި އުމުރަށް ދެމިގެންދާނެ ކަމަށްވެސް މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވީ، ގެދޮރު ގެއްލި ތަންތަނަށް ދާންޖެހުމާއި ފަލަސްޠީނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން، ދިރިހުރި ކުދިންވެސް ވަނީ ތަޢުލީމާއި، އަސާސީ ހައްޤުތަކުން މަޙުރޫމުވެފައިކަމަށެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި، ސްކޫލްތަކާއި، ހިޔާވަހިކަން ދޭ ތަންތަނާއި، ހޮސްޕިޓަލްތަކަށް ބޮންއެޅުމާއި، އެތަންތަން ވީރާނާކޮށްލުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

ހުރިހާ ކުދިންވެސް އަނިޔާވެރިކަމުން ރައްކާތެރިކޮށް، ސަރުކާރާއި، މުޖުތަމަޢުތަކާއި، ވަކިވަކި ފަރުދުން އެއްބައިވެގެން މަސައްކަތްކޮށް، ކޮންމެ ކުއްޖަކުވެސް ރައްކާތެރިކޮށް، އަގުވަޒަންކޮށް، ބާރުވެރިކުރުވާ މުޖުތަމަޢެއް ބިނާކުރުމަށް އަޒުމު ކަނޑައެޅުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.

tel:+9607331319