އިލެކްޝަންސް ކޮމިޝަންގެ ވޯކް އިން އިންޓަރވިއު ފެށިގެން ކުރިއަށް

މުޙައްމަދު ފަޟްލޫން - 26 ޑިސެމްބަރު 2025 - 11:35
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ ވޯކް އިން އިންޓަރވިއު އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި ވޯކް އިން އިންޓަރވިއު މިއަދު ކުރިއަށްދަނީ ހުޅުމާލޭގައި ހުންނަ ކާމިލް ދީދީ ސްކޫލްގައި ކަމަށެވެ.
މިއަދާއި މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ވޯކް އިން އިންޓަރވިއު ގައި ގިނަ މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ފަހިވެފައިވާ ކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރިއަށްގެންދާ ވޯކް އިން އިންޓަރވިއުގައި ހިމެނޭ ވަޒީފާގެ ފުރުސަތުތަކުގެ ތެރޭގައި ގްރެފިކްސް ޑިޒައިނަރ، އޮފިސަރ، ސީނިއަރ އޮފިސަރ، ފޮޓޯ ގްރާފަރ، ޓެކް އޮފިސަރ، އޮފީސް އެސިސްޓެންޓް، ކޮމްޕްލެއިންސް ބިއުރޯގެ މެމްބަރ، ޑްރައިވަރ އަދި އެސިސްޓެންޓް ލޮޖިސްޓިކްސް އޮފިސަރ ހިމެނެއެވެ.
ވޯކް އިން އިންޓަރވިއު ގައި ބައިވެރިވާން އެދޭ ފަރާތްތަކުން އައިޑީ ކާޑާއި ތައުލީމާއި ތަޖުރިބާގެ ލިޔުންތަކާއި ސީވީ ހިފައިގެން ވޯކް އިން އިންޓަރވިއު ކުރިއަށްދާ ތަނަށް ހާޒިރުވެ އިންޓަރވިއުގައި ބައިވެރިވުމަށް އިލެކްޝަނުން ވަނީ އެދިފައެވެ.
ވޯކް އިން އިންޓަރވިއު ކުރިއަށްދާނީ މި ޑިސެމްބަރު މަހުގެ 26 ގައި ހުޅުމާލޭގެ ކާމިލް ދީދީ އަދި ޑިސެމްބަރު 27 ވަނަ ދުވަހު މާލޭގައި ކަލާފާނު ސްކޫލްގައި ހަވީރު 4 އިން ރޭގަނޑު 22:30 އަށެވެ.
ވޯކް އިން އިންޓަރވިއު އާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އާއި ބެހޭ އިތުރު މައުލޫމާތު އިލެކްޝަންސްގެ ހޮޓްލައިން 1414 އަދި ވެބްސައިޓްގެ އިތުރުން މީސްމީޑިއާގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ލިބޭނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.






