logo

އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖެ މިއޮތީ ވަރަށް އުފާވާ ހިސާބެއްގައި: މިނިސްޓަރ ޠާރިޤް

profile

ޒިދާން މުޙައްމަދު - 19 ސެޕްޓެމްބަރު 2024 - 19:35

ހަކަތައިގެ ސިޔާސަތު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް ވާހަކަދައްކަވަނީ.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ

ހަކަތައިގެ ސިޔާސަތު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް ވާހަކަދައްކަވަނީ.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ

އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖެ މިއޮތީ ވަރަށް އުފާވާ ހިސާބެއްގައި ކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އދ.ގެ 79ވަނަ އާއްމު މަޖިލިހުގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ފުރާވަޑައިގަތުމުގެ ކުރިން، މި ދަތުރުފުޅުގެ މަޢުލޫމާތު ޙިއްސާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައެވެ.

މިނިސްޓަރ ވިދާޅުވީ މިފަހަރުގެ ބައްދަލުވުމުގައި ރާއްޖެއިން އިސްނަގައިގެން ސައިޑް އިވެންޓެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖެއިން ހޯދާފައިވާ ކާމިޔާބީއާއި އެކަމުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތުގެ ތަޖުރިބާ ޤައުމުތަކާ ޙިއްސާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. "ރިނިއުބަލް އެނަރޖީ ޓްރާންސިޝަންސް ސިޑްސް، ދަ މޯލްޑިވްސް ސްޓޯރީ"ގެ ނަމުގައި ބާއްވާ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެއެވެ. ރާއްޖެއަށް މި ދާއިރާއިން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންދާ، ވޯލްޑް ބޭންކް، އޭޑީބީ އަދި އައިރީނާ ފަދަ ބޭންކް/ޖަމިއްޔާ ތަކުން ބައިވެރިވާނެއެވެ.

މީގެއިތުރުން ރާއްޖޭގެ ރަށްތަކަށް ދިމާވާ ރަށްގިރުމުގެ މައްސަލައާއި ގުޅޭގޮތުން ދިވެހިރާއްޖެއާއި އެމެރިކާގެ އިންސްޓިއުޓަކާ ގުޅިގެން ކުރިއަށްގެންދާ ދިރާސާއާއި ގުޅޭ ސެޝަނެއް ބާއްވާނެއެވެ. މި ސެޝަންގެ ބޭނުމަކީ ދިރާސާގެ ވާހަކަތައް ޙިއްސާކޮށް އަދި އެކަމުގައި އިތުރު އެހީ ހޯދުމަށް މަގުފަހިކުރުމެވެ. މި ބައްދަލުކުރެއްވުމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަނާވާނެއެވެ.

އދ.ދެ މަޖިލީހުގެ ހަވާސާގައި ކުރިއަށްގެންދާ 14 ބައްދަލުކުރެއްވުމުގައި ރާއްޖެއިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މީގެތެރޭގައި ޤައުމުތަކުގެ ލީޑަރުންނާއި އިސް ފަރާތްތަކުން ބައިވެރިވާ މަތީ ފަންތީގެ ބައްދަލުވުންތައް ހިމެނެއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެއިން ބައިވެރިވާ ބައިނަލްއަޤްވާމީ މިފަދަ ބަންދަލުވުންތަކުން ރާއްޖެއަށް ގިނަ ފައިދާތަކެއް ކުރާކަމަށާއި ޚާއްސަކޮށް އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖެ ޙޯދާފައިވާ ކާމިޔާބީއަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ނަމޫނާ މަސައްކަތެއްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިފަހަރުގެ ބައްދަލުވުންތަކުގައި އެންމެ ބޮޑަށް މަސްއްކަތެއްގެ ގޮތުގައި ކުރާނި އެއް މަސައްކަތަކީ މި ދާއިރާއިން ރާއްޖޭގައި ޕްރައިވެޓް އިންވެސްޓްމަންޓްތައް އިތުރުކުރުމަށް އެކަމުގެ ޝައުގުވެރިކަން އުފެއްދުމުގެ މަސައްކަތްކަމަށެވެ.

އެކަން ކުރާނީ ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތައް ޙިއްސާކޮށްގެންކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

https://int.etukuri.mv/
tel:+9607331319