logo

މާލޭގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހާއްސަ އޮޕަރޭޝަނެއް

profile

އާމިނަތު ޝަފާ - 26 ސެޕްޓެމްބަރު 2024 - 23:20

ފުލުހުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނުގެ ތެރެއިން

ފުލުހުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނުގެ ތެރެއިން

މާލޭގެ މަގު ތަކަކީ އެންމެނަށް ރައްކާތެރި ތަނަކަށް ހެދުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، މާލެ ޕޮލިސް ކޮމާންޑުން ހާއްސަ އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ.

މި ހާއްސަ އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުންތައް، އިތުރަށް ހަރުދަނާކަމާއެކު ތަންފީޒުކޮށް، މާލޭގެ މަގުތައް އަމާން އަދި ރައްކާތެރި ތަނަކަށް ހެދުންކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެގޮތުން، މަގުމަތީގެ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކޮށް މަގުމަތީގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރު ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

އޮޕަރޭޝަން ފެށުމާއެކު، މާލެ ޕޮލިސް ކޮމާންޑުގެ ހެޑާއި، ވިންގުތަކުގެ ވެރިންނާ އަދި މާލެ ޕޮލިސްގައި މަސައްކަތްކުރާ އެންމެހައި އޮފިސަރުން މަގުމަތީ ޓްރެފިކް ބެލެހެއްޓުމުގައި އަމަލީގޮތުން ވަނީ ބައިވެރިވެފައެވެ.

ފަހަކަށް އައިސް ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން މަގުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގާ މިންވަރުވަނީ އިތުރުވެފައެވެ.

ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ސަބަބުން ހިފެހެއްޓޭ އުޅަނދުތައް ދޫކުރެވޭނީ 30 ދުވަހުގެ މުއްދަތު ހަމަވުމުން ކަމަށް ބަޔާންކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ދަށަށް ގެންދެވޭ އުޅަނދުތައް ދޫކުރުމާ ގުޅޭ އައު އުސޫލު ހަރުކަށިކޮށްފައިވާއިރު މި އުސޫލުތަކުގެ ދަށުން، އެކި ބާވަތުގެ ކުށްތަކާ ގުޅިގެން ހިފެހެއްޓޭ އުޅަނދުތައް ދޫކުރެވޭނެ މުއްދަތުތައް ވަނީ ކަނޑައަޅާފައެވެ.

އައު އުސޫލުތަކުގެ ދަށުން، ދުވެލީގެ މިންގަނޑާ ޚިލާފަށް ދެ ފަހަރަށް ވުރެ ގިނައިން ދުއްވުމުގެ ސަބަބުން ހިފެހެއްޓޭ އުޅަނދުތައް ދޫކުރެވޭނީ 15 ދުވަހުގެ މުއްދަތު ހަމަވުމުންނެވެ. ނަމަވެސް، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ސަބަބުން ހިފެހެއްޓޭ އުޅަނދުތައް ދޫކުރެވޭނީ 30 ދުވަހުގެ މުއްދަތު ހަމަވުމުންނެވެ.

ލައިސަންސް ނެތި ދުއްވުމުގެ ސަބަބުން ހިފެހެއްޓޭ އުޅަނދުތަކާއި، އުޅަނދުގެ އަސްލު ގެއްލޭގޮތަށް ބަދަލު ގެނެސްގެން ދުއްވާ އުޅަނދުތައް ދޫކުރެވޭނީ 15 ދުވަހުގެ މުއްދަތު ހަމަވުމުންނެވެ. އަދި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ދޫކުރެވޭނީ 48 ގަޑިއިރު ހަމަވުމުންނެވެ.

މީގެ އިތުރުން، ރަޖިސްޓްރީ ނަންބަރާ ގުޅޭ މައްސަލަތަކުގައި ހިފެހެއްޓޭ އުޅަނދުތަކާއި، އިންޖީނު އަދި ޗެސިސް ނަންބަރަށް ބަދަލު ގެނެސްގެން ދުއްވާ އުޅަނދުތަކާ ގުޅޭ ޚާއްޞަ އުސޫލުތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. އަދި އެކްސިޑެންޓުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އުޅަނދުތައް ދޫކުރެވޭނީ ތަޙުޤީޤު ނިމުމަށްފަހު 7 ދުވަހުގެ ތެރޭގައެވެ.

މި އައު އުސޫލުތަކުގެ މަޤްޞަދަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، ޤާނޫނާއި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ބާރުއެޅުމެވެ.

https://int.etukuri.mv/
tel:+9607331319