logo

ހުރާއިން ގެސްޓް ހައުސް އެޅުމަށް ބިންތަކެއް ކުއްޔަށް ދޫކުރަނީ

profile

މުޙައްމަދު ފަޟްލޫން - 03 ފެބްރުއަރީ 2026 - 06:38

ކ. ހުރާގައި ގެސްޓްހައުސް ތަރައްގީ ކުރުމަށްޓަކައި 17 ބިމެއް ކުއްޔަށް ދޫކުރުމަށް އެ ރަށު ކައުންސިލުން އިޢުލާނުކޮށްފިއެވެ.

https://wamco.com.mv/

ހުރާ ކައުންސިލުން ކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ގެސްޓްހައުސް އެޅުމަށް ދޫކުރުމަށް ހަމަޖެހިފައިވަނީ އެ ރަށުން އަލަށް ހިއްކާފައިވާ ސަރަހައްދުން ހޮވާލެވުނު 17 ބިމެކެވެ.

މި ބިންތައް ކުއްޔަށް ދޫކުރުމަށް ނިންމާފައިވަނީ 50 އަހަރު ދުވަހުގެ މުއްދަތަށެވެ.

މި ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ބިޑު ފޯމެއްގެ އަގަކީ 25,000 ރުފިޔާއެވެ.

ބިޑު ގަތުމަށް އެދޭ ފޯމު ބަލައިގަތުމާއި ފޯމު ދޫކުރުމުގެ އެންމެ ފަހު ސުންގަޑިއަކީ މި މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:30 އެވެ.

މި މަޝްރޫއާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:15 ގައި ހުރާ ކައުންސިލް އިދާރާގައި ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.

ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 1:00 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.

އަންދާސީ ހިސާބު ހުށަހަޅާއިރު، ބީލަން ފޯމު ފުރިހަމަކުރުމަށްފަހު ބޭނުންވާ އެންމެހައި ލިޔެކިޔުންތަކާއެކު ހުރާ ކައުންސިލް އިދާރާއަށް ހުށަހެޅުމަށް އެ ކައުންސިލުން އިރުޝާދު ދެއްވައެވެ. މީގެ އިތުރުން، މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލްގެ ރަސްމީ އީމެއިލް މެދުވެރިކޮށް ގުޅުއްވުމަށްވެސް ވަނީ އެދިފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay