logo

މަޖިލީހުން މުވައްޒަފުންގެ އަގު ވަޒަން ކޮށްފި

profile

އަހުމަދު ޒަލީފު - 10 ފެބްރުއަރީ 2024 - 16:52

މަޖިލީހުން  މުވައްޒަފުންގެ އަގު ވަޒަން ކުރުން

މަޖިލީހުން މުވައްޒަފުންގެ އަގު ވަޒަން ކުރުން

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ހާއްސަ ހަފުލާއެއް ބާއްވައިފިއެވެ.
ބާރަ އަހަރު ފަހުން ރޭ ބޭއްވި މި ހަފުލާ ޝަރަފުވެރިކޮށް ދެއްވީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަބްދުﷲ ޝާހިދުއެވެ.
މި ހަފުލާގައި އިދާރީ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ހަނދާނީ ލިޔުމާއި ހަނދާނީ ފިލާ އަދި ހިދުމަތުގެ ލޯ މެޑަލްއާއި ރިހި މެޑަލް އަދި ރަން މެޑަލް ވަނީ ދީފައެވެ. އެގޮތުން އަލަށް ވަތް މުވައްޒަފުންނާއި ފަސް އަހަރުނުވާ މުވައްޒަފުންނަށް ޕީޕަލްސް މަޖިލިސް ރެކްރިއޭޝަން ކްލަބް (ޕެމާ)ގެ ފަރާތުން ޝުކުރުގެ ޓޯކަންއެއް ދީފައިވާއިރު ފަސް އަހަރާއި 10 އަހަރާއި ދެމެދު ހިދުމަތުގައި ތިބި މުވައްޒަފުންނަށް މަޖިލީހުން ދޭ ހަނދާނީ ލިޔުން ވަނީ ދީފައެވެ.
މީގެ އިތުރުން 10–15 އަހަރާ ދެމެދު ހިދުމަތުގައި ތިބި މުވައްޒަފުންނަށް މަޖިލީހުގެ އިދާރާއިން ދޭ ހަނދާނީ ފިލާ އާއި 15 – 20 އަހަރާ ދެމެދު ހިދުމަތުގައި ތިބި މުވައްޒަފުންނަށް މަޖިލީހުގެ އިދާރާއިން ދޭ ހިދުމަތުގެ ލޯ މަޑަލް އަދި ހަނދާނީ ލިޔުންވެސް ވަނީ ދީފައެވެ. އަދި 20 – 25 އަހަރާ ދެމެދު ހިދުމަތުގައި ތިބި މުވައްޒަފުންނަށް މަޖިލީހުގެ އިދާރާއިން ދޭ ހިދުމަތުގެ ރިހި މަޑަލް އަދި ހަނދާނީ ލިއުން، 25 އަހަރުން މަތީ ހިދުމަތުގައި ތިބި މުވައްޒަފުންނަށް މަޖިލީހުގެ އިދާރާއިން ދޭ ހިދުމަތުގެ ރަން މަޑަލް އަދި ހަނދާނީ ލިޔުން ވަނީ ދީފައެވެ.
ރޭގެ ހަފުލާގައި ޕެމާގެ ޝުކުރުގެ ޓޯކަން 58 މުވައްޒަފުންނަށް ދީފައިވާއިރު ހަނދާނީ ލިޔުން 7 މުވައްޒަފުންނަށް ހަނދާނީ ފިލާ 34 މުވައްޒަފުންނަށް، ލޯ މެޑަލް 57 މުވައްޒަފުންނަށް، ރިހި މެޑަލް 10 މުވައްޒަފުންނަށް އަދި ރަން މެޑަލް ފަސް މުވައްޒަފުންނަށް ވަނީ ދީފައެވެ.

މި ހަފްލާ އިންތިޒާމްކޮށް ބޭއްވީ ރައްޔިތުންގެ މަޖިލީހުގެ ސޯޝަލް ކްލަބާއި، ޕީޕަލްސް މަޖިލިސް ރެކްރިއޭޝަން ކްލަބް (ޕެމާ) އިންނެވެ. ހަފްލާގައި ސާދަތިރީސް އަށެއް ބޮޑުބެރު ގްރޫޕްގެ ބޮޑުބެރާއި ދަ ޓައިމްގެ ނެށުންތައް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

https://wamco.com.mv/
tel:+9607331319