
މާލޭގެ މަގުތައް ހެދުމުގެ 2 ވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ސޮއިކުރުން / ފޮޓޯ: މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާ ސްޓްރަކްޗަރ
މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަަހީގެ އެއްބަސްވުމުގައި ސޮއިކޮށްފި

އައިޝަތު އިބްރާހިމް - 25 އޮކްޓޯބަރު 2025 - 07:23
މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ޗައިނާއާއެކު ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާ ސްޓްރަކްޗަރ އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، މާލެ އާއި ވިލިމާލޭގެ މަގުތައް އަލުން ތަރައްގީކުރުމުގެ އެއްބަސްވުމެއްގައި ޗައިނާ ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ މިނިސްޓަރ ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާ ސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބް ކަމަށާއި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކޮންގް ޝިއަންހުއާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނެފައިވަނީ، ސޮއިކުރި އެއްބަސްވުމުގެ ދަށުން މާލެ އަދި ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ޗައިނާއިން ކުރާނެ ކަމަށެވެ.
މާލޭގެ ހުރިހާ މަގުތަކެއް އަލުން ހެދުމުގެ މަސައްކަތް ކުރިއަށްދަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ އެ ގައުމާ އެކު ސޮއިކުރެއްވި އެއްބަސްވުންތަކުގެ ދަށުން ފޯރުކޮށްދޭން ނިންމި 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ކަމުގައި މިނިސްޓްރީން ވަނީ ބުނެފައެވެ.
މާލޭގެ މަގުތައް ވަރަށް ބޮޑަށް ހަލާކުވެ އަޑިގުޑަން ވެފައިވާއިރު ބޯކޮށް ވާރޭ ވެހޭއިރު މާލެގެ ގިނަ މަގުތަކުގައި ފެންބޮޑުވެ ހިނގާ ބިނގާވެ އުޅޭ މީހުންގެ އިތުރުން ދަތުރުފަތުރު ކުރާމީހުންނަށްވެސް އުނދަގޫވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ޗައިނާއިން ޒަމާނީ ފެންވަރަށް މަގުތަށް އަލުން މަރާމާތްކޮށް ނިމުމުން ފެންބޮޑުވުމުގެ މައްސަލައަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށެވެ.






