
ސައިބާ ކުށްތަކާ ގުޅޭ މައުލޫމާތު ހިމެނޭ ޙާއްސަ އެޕެއް

ޝަހްޒާ މުޙައްމަދު - 18 އޮކްޓޯބަރު 2025 - 15:22
ސައިބަރ ސްޕޭސް މެދުވެރިކޮށް ކުރާ ކުށްތަކަށް ހޭލުންތެރިކުރުމަށް ޕޮލިސް.އެމްވީގެ ނަމުގައި ހާއްސަ އެޕްލިކޭޝަނެއް ލޯންޗުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ތައްޔާރުވަމުން އަންނަ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވި ގޮތުގައި، މި އެޕްލިކޭޝަން މެދުވެރިކޮށް ސައިބަރ ސްކޭމަރުން ބޭނުންކުރާ މޮބައިލް ނަންބަރުތަކާއި، އެކައުންޓް ނަންބަރުތަކާއި، ސްކޭމަރުން ބޭނުންކުރާ ފިޝިން ލިންކްތަކާ ގުޅޭ މައުލޫމާތު ފެންނަން ހުންނާނެއެވެ.
ފުލުހުން ބުނި ގޮތުގައި، އެޕްލިކޭޝަން ލޯންޗުކުރެވުމާއެކު ކޮންމެ 8 ގަޑިއިރަކުން މަޢުލޫމާތުތައް އަޕްޑޭޓްކުރެވެމުންދާނެއެވެ. އަދި ސްކޭމް ކޯލެއް އައުމުން އެ މަޢުލޫމާތު ވެރިފައިކުރުމަށްފަހު އެޕްލިކޭޝަނަށް އަޕްލޯޑްކުރެވޭނެއެވެ.
މައްސަލަތަކުގެ އަޕްޑޭޓް ނުލިބުމަކީ ގިނަ ފަރާތްތަކުގެ ޝަކުވާއެއްކަން ފުލުހުން ފާހަގަކުރެއެވެ.
މި އެޕްލިކޭޝަން މެދުވެރިކޮށް އެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި ކޮންމެ ފަރާތަކުންވެސް ހުށަހަޅާ މައްސަލައިގެ އަޕްޑޭޓް އެޕްލިކޭޝަން މެދުވެރިކޮށް ބެލޭނެ ކަމަށާއި، މުޢާމަލާތްކުރެވޭނެ ކަމަށްވެސް ފުލުހުން ބުންޏެވެ.
ސައިބަރ ކްރައިމް ސެންޓަރަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ފާހަގަކުރެވެނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ހުށަހެޅޭ މައްސަލަތައްކަން ފުލުހުން ފާހަގަކުރެއެވެ.