ހދ. ހަނިމާދޫ އެއާޕޯޓުގައި ސީޕްލޭންގެ ޚިދުމަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މޯލްޑިވިސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސިސް ކޮމިޓީގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވިދާޅުވީ ހަނިމާދޫ އެއާޕޯޓުން ދޭ ޚިދުމަތްތައް ރަނގަޅުކުރުމަށް ޕްލޭންތަކެއް ކުރަމުންދާކަމަށާއި، އާމްދަނީ އިތުރުކުރުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު މަސައްކަތަކީ ހަނިމާދޫގައި ސީޕްލޭންގެ ޚިދުމަތް ފެށުން ކަމަށެވެ.
މީގެއިތުރުން މުޖުތަބާ ވިދާޅުވީ ހަނިމާދޫ އެއާޕޯޓުގައި ސީޕްލޭން ޓާމިނަލެއްވެސް ވަރަށް އަވަހަށް ތަރައްގީކުރެވޭނެ ކަމަށާއި، އެ މަޝްރޫއު އަންނަ އަހަރުގެ ފެބްރުއަރީ މަހަށް ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެންގެ ވިސްނުމަކީ ވަރަށް އަވަހަށް އެއާޕޯޓު ހުޅުވެން ވާއިރަށް މިދަނީ ޕްލޭންކުރަމުން، ހުޅުވެންވާއިރަށް ސީޕްލޭން ތަނެއް ނެތް ނަމަވެސް، ކުޑަ ޓާމިނަލެއް ހެދި އެތަނުގެ އޮޕަރޭޝަން ފަށަން. އޭރުން ވީއައިއޭއަށް ޖަސާ އްބައެއް ޕްލޭންތައް މޫވްކުރެވޭނެ" މުޖުތަބާ ވިދާޅުވިއެވެ.
މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ގައި ސޮއި ކުރި ކްރެޑިޓް ލައިނުން ހިންގާ މަޝްރޫއެކެވެ.
ސަރުކާރުންވަނީ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުމަށް ނިންމާފައެވެ.