logo
ބަޔާން މިޔުނިކާއި ހެމްބާގަރ ވާދަކުރި މެޗުގެ ތެރެއިން..

ބަޔާން މިޔުނިކާއި ހެމްބާގަރ ވާދަކުރި މެޗުގެ ތެރެއިން..

ހެމްބާގަރ އިން ބަޔާން މޮޅުވިޔަނުދީ ހިފަަހައްޓައިފި

profile

ހަސަން ޝަމްއޫން - 31 ޖެނުއަރީ 2026 - 22:51

ޖަރުމަނު ބުންޑެސްލީގާގައި މިރޭ އަމިއްލަ ދަނޑުގައި ހަމްބާގަރ އިން ބަޔާން މިޔުނިކާއި ދެކޮޅަށް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

https://wamco.com.mv/

ލީގުގައި ބަޔާން މިޔުނިކުން އެންމެ ފަހުން ކުޅުނު މެޗުގައި އަގަސްބާގް އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ލީގުގައި ހެމްބާގަރ އިން އެންމެ ފަހުން ކުޅުނު ދެމެޗު ވެސް ނިމިފައިވަނީ 0-0 ނަތީޖާއަކުން އެއްވަރުވެގެންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 5-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބަޔާން މިޔުނިކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ހަމްބާގަރ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ފަބިއޯ ވިއެއިރާ އެވެ.

ބަޔާން މިޔުނިކުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި އިނގިރޭސި ފޯވާޑް ހެރީ ކޭން ކާމިޔާބުކޮށްދިންއިރު، މިއީ ލީގުގައި އެންމެ ފަހުން ކުޅުނު 20 މެޗުގައި އޭނާ ކާމިޔާބުކުރި 22 ވަނަ ލަނޑެވެ. އަދި ދެވަނަ ހާފު ބަދަލަކާއެކު ބަޔާން މިޔުނިކުން ފެށިއިރު، މިހާފު ފެށިގެން ފުރަތަމަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފޯވާޑް ލުއިސް ޑިއާޒް އެވެ. ނަމަވެސް އޭގެ ހަތް މިނެޓްފަހުން ހަމްބާގަރ ގެ ކްރޮއޭޝިއާ ޑިފެންޑަރު ލޫކާ ވުސްކޮވިޗް ވަނީ ލަނޑެއް ކާމޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.

މިނަތީޖާއެކު ލީގުގައި ބަޔާން މިޔުނިކް ކުޅުނު 20 މެޗުން އެޓީމަށް 51 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ބޮރޫޝިއާ ޑޮޓްމަންޑަށް 19 މެޗުން ލިބިފައިވަނީ 42 ޕޮއިންޓެވެ. އަދި މިމެޗުން ހޯދި އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު 20 މެޗުން ހެމްބާގަރއަށް 19 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ތާވަލުގެ 13 ވަނައިގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay