logo
ޗެލްސީ އާއި ވެސްޓްހަމް ވާދަކުރި މެޗުގެ ތެރެއިން...

ޗެލްސީ އާއި ވެސްޓްހަމް ވާދަކުރި މެޗުގެ ތެރެއިން...

ފަހަތުން އަރައި ޗެލްސީ އިން ވެސްޓްހަމް ބަލިކޮށްފި

profile

ހަސަން ޝަމްއޫން - 31 ޖެނުއަރީ 2026 - 20:41

އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ވެސްޓްހަމް އިން ދެލަނޑުގެ ލީޑެއް ހޯދާފައިވަނިކޮށް ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން މޮޅުވެ ޗެލްސީ އިން ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

https://wamco.com.mv/

ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި ކްރިސްޓަލް ޕެލަސް އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު. ލީގުގައި ވެސްޓްހަމް އެންމެ ފަހުން ކުޅުނު މެޗުގައި ސަންޑަލޭންޑް އަތުން އެޓީމު ވަނީ 3-1 ގެ ނަތީޖާއަކުން ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ވާދަކުރި މެޗު 5-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޗެލްސީ އިންނެވެ.

ޗެލްސީގެ ސްޓޭމްފޯޑް ބްރިޖުގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ވެސްޓްހަމް އިންނެވެ. މިލަނޑު ފުރަތަަމަ ހާފުގެ ހަތްވަނަ މިނެޓުގައި ޖެރާޑް ބޮވެން ކާމިޔާބުކުރިއިރު، އެޓީމުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ކްރިސެންސިއޯ ސަމަރވިލް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ވެސްޓްހަމް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ޗެލްސީ އިން ބަދަލުތަކަކާއެކު ފެށިއިރު، އެޓީމުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ޖޮއާއު ޕެޑްރޯ އެވެ. އަދި ޗެލްސީ އިން ނަތީޖާއެއްވަރުކުރި ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ޑިފެންޑަރު މާކް ކުކްރެލާ ކާމިޔާބުކުރިއިރު، މިމެޗުން ޗެލްސީ މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް އެވެ.

މީގެ އިތުރުން މެޗުގެ އިތުރުވަގުތުގެ ތެރޭގައި ދެޓީމުގެ ކުޅުންތެރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ވެސްޓްހަމްގެ ޑިފެންޑަރު ޖީން ކްލެއާ ޓޮޑީބޯ ޗެލްސީގެ ޖޮއާއު ޕެޑްރޯއަށް ހަމަލާދިނުމުން ރެފްރީ ވަނީ ވީއޭއާރުގެ ރިވިއުއަށްފަހު ޓޮޑީބޯއަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. މިއާއެކު ވެސްޓްހަމް އިން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުގައެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 24 މެޗުން ޗެލްސީއަށް 40 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. އަދި މިމެޗުން ބަލިވި ވެސްޓްހަމް އިން ލީގުގައި ކުޅުނު 24 މެޗުން ލިބުނު 20 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 18 ވަަނައިގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay