
މެންޗެސްޓާ ޔުނައިޓެޑާއި ވުލްވްސް ވާދަކުރި މެޗުގެ ތެރެއިން...
ތާވަލުގެ ފުލުގައި އޮތް ވުލްވްސް އަތުން ޔުނައިޓެޑަށް މޮޅެއް ނުވެވުނު

ހަސަން ޝަމްއޫން - 31 ޑިސެމްބަރު 2025 - 02:16
އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ތާވަލުގެ ފުލުގައި އޮތް ވުލްވްސް އާއި ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.
ހުރިހާ މުބާރާތެއްގައި ވުލްވްސް އެންމެ ފަހުން ކުޅުނު 13 މެޗުން އެޓީމު ބަލިވެފައިވާއިރު، ލީގުގައި އެންމެ ފަހުން ކުޅުނު 11 މެޗުން ވުލްވްސް ވަނީ ބަލިވެފައެވެ. އަދި ލީގުގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި 1-0 ގެ ނަތީޖާއަކުން ނިއުކާސަލް އަތުން މޮޅުވެފައިވާއިރު، މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މެންޗެސްޓާ ޔުނައިޓެޑުންނެވެ.
ޔުނައިޓެޑްގެ އޯލްޑްޓްރަފޯޑްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޔުނައިޓެޑުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނެދަލޭންޑްސް ފޯވާޑް ޖޯޝުއާ ޒިކްޒީ އެވެ.
ވުލްވްސް އިން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޗެކް ރިޕަބްލިކް ޑިފެންޑަރު ލަޑިސްލާވް ކްރެޖްސީ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި މެންޗެސްޓާ ޔުނައިޓެޑުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އަދި މިހާފުގައި އެޓީމުން ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއިރު، މެޗުގެ 90 ވަނަ މިނެޓުގައި ޔުނައިޓެޑުން ލަނޑެއް ވެސް ކާމިޔާބުކުރިއެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްކަމަށެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 19 މެޗުން މެންޗެސްޓާ ޔުނައިޓެޑަށް 30 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު 19 މެޗުން ވުލްވްސްއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ފުލުގައެވެ.
ގުޅުން ހުރި ޙަބަރުތައް

ސަންޑަލޭންޑާއި އެއްވަރުވެ މެންޗެސްޓާ ސިޓީ އިން ފުރުސަތު ނަގާލައިފި
10 ގަޑިއިރު ކުރިން

އަމިއްލަ ދަނޑުގައި ލީޑްސް އަތުން ލިވަޕޫލަށް މޮޅެއް ނުވެވުނު
10 ގަޑިއިރު ކުރިން

ނޭމާ މިއަހަރުގެ ނިޔަލަށް ސަންޓޯސްގައި މަޑުކުރަނީ
11 ގަޑިއިރު ކުރިން

އެސްޓަންވިލާ ބަލިކޮށް އާސެނަލް އިން އަހަރު ނިންމާލީ ތާވަލުގެ އެއްވަނައިގައި
2 ދުވަސް ކުރިން


