logo

2024 ވަނަ އަހަރުގެ ގްލޯބަލް ސިޓިޒަން އެވޯޑް ރައީސް ނަޝީދަށް!

profile

އައިޝަތު އިނާޝާ - 29 ނޮވެމްބަރު 2024 - 08:30

ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު

އިންޓަނޭޝަނަލް ރެސިޑެންސް އެންޑް ސިޓިޒަންޝިޕް އެޑްވައިޒަރީ ފާމް، ހެންލީ އެންޑް ޕާޓްނާސްއިންދޭ ގްލޯބަލް ސިޓިޒަން އެވޯޑު، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންފިއެވެ.

2014 ވަނަ އަހަރު ޑރ ކްރިސްޓިއަން އެޗް ކެލިން އުފެއްދެވި ގްލޯބަލް ސިޓިޒަން އެވޯޑަކީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރާ ފަރާތްތަކުގެ އަގު ވަޒަންކޮށް ބައިނަލްއަގުވާމީ ފެންވަރުގައި ދޭ ހާއްސަ ޓްރިބިއުޓެކެވެ.

މިއީ ގްލޯބަލް ސިޓިޒަންގެ 18 ވަނަ އެވޯޑު ހަފުލާއެވެ. މި އެވޯޑު ހަފުލާ ބޭއްވީ، ސިންގަޕޫރުގައި ބުދަދުވަހު ފެށި ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސް އިވެންޓުގައެވެ. މި އެވޯޑް ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ ތިމާވެށީގެ ދާއިރާއިންނާއި އިންސާނީ ހައްގުތަކަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކޮށެވެ.

ހެންލީ އެންޑް ޕާޓްނާސްގެ ޗެއާމަން އަދި އަންޑަން ފައުންޑޭޝަންގެ ފައުންޑަރ ޑރ، ކްރިސްޓިއަން އެޗް ކެލިން ވަނީ އިންސާނީ މަސައްކަތްތަކަށާއި، ނާޒުކު މުޖުތަމައުތަކަށް މޫސުމީ ފިޔަވަޅުތައް އެޅުމަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރަށްވާފައެވެ.

ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސް އިވެންޓު

ބޮޑު ތާއީދަކާއެކު ވެރިކަން ހޯއްދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެއަށް ޑިމޮކްރަސީ ގެންނަން ކުރި މަސައްކަތާއިމެދު ސުވާލެއް ނުއުފެއްދޭނެއެވެ. އިދިކޮޅު އެމްޑީޕީ ތެރޭ އުފެދުނު ސިޔާސީ ހަލަބޮލިކަމަށް ފަހު ރައީސް ނަޝީދު ވަނީ މިދިޔަ 2023 ވަނަ އަހަރު އަމިއްލަފުޅު ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ. އެކަމަކު، އެ ޕާޓީއަށް މާ ބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ.

އެއަށް ފަހުގައި ރައީސް ނަޝީދު ސިޔާސީ ކަންކަމުން ފެޔަށް ޖެހިވަޑައިގެންކަން އިއުލާނުކުރެއްވީ ޑިސެމްބަރު 12، 2023 ގައެވެ. ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވަން އެ މަނިކުފާނު ދިރިއުޅުއްވުން ގާނާއަށް ބަދަލުކުރެއްވީ މިދިޔަ ޖެނުއަރީ މަހުގެ 30 ގައެވެ.

https://wamco.com.mv/
tel:+9607331319