
ހުޅުމާލެ ބައު އިންޖީނުގޭގައި ހިނގި ހާދިސާގައި އަނިޔާވި މުވައްޒަފަށް ދަނީ ފަރުވާދެމުން: ސްޓެލްކޯ

މުޙައްމަދު ފަޟްލޫން - 26 ނޮވެމްބަރު 2025 - 14:21
ހުޅުމާލޭ ބައު އިންޖީނުގޭގެ ސްވިޗްގިއަރއަކަށް ދިމާވި މައްސަލައެއް ޙައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހިނގައިދިޔަ ހާދިސާއެއްގައި ސްޓެލްކޯގެ މުވައްޒަފެއްގެ ހަށިގަނޑުގެ އެކި ތަންތަން ފިހި، ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި އެހެން މުވައްޒަފުންގެ އެހީތެރިކަމާއެކު އެމުވައްޒަފަށް ވަގުތުން ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖައްސައި، އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އަނިޔާ ލިބުނު މުވައްޒަފަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފާރުވާދިނުމަށްފަހު އިތުރުފަރުވާއަށް މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރެވިފައިވާ ކަމަށް ސްޓެލްކޯގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ހާދިސާއާއި ގުޅިގެން އަނިޔާވި މުވައްޒަފުގެ ފަރުވާއާއި ގުޅޭ އެންމެހާ ކަންކަން ވަރަށް ގާތުން ބަލައި، ކުންފުނީގެ ފަރާތުން ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މުވައްޒަފުގެ ޢާއިލާއާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ،
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ. އަދި ހަމަ މިއާއިއެކު ހާދިސާގެ މިނިވަން ތަޙުޤީޤެއް ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ފަށާފައިވާތީ، އެ ފަރާތަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ވެސް ދެމުންދާ ކަމަށް ސްޓެލްކޯގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ނާޒުކު ޙާލަތުގައި، އަނިޔާވި މުވައްޒަފުގެ ޢާއިލާއަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިދާނެފަދަ ހުރިހާ ޢަމަލަކުން ދުރުހެލިވުމަށާއި، ކަމާގުޅޭ ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދީފައިނުވާ މަޢުލޫމާތު ފެތުރުމުންވެސް ދުރުހެލިވުމަށް އެންމެހާ ފަރާތްތަކަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަނިޔާވި މުވައްޒަފުގެ ސިއްޙީ ޙާލަތާއި ގުޅޭ މަޢުލުމާތު ލިބެމުންދާވަރަކުން ރަސްމީ އިދާރާތަކުންނާއި ސްޓެލްކޯގެ ފަރާތުން ހާމަކުރާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖޭގެ އެއަރޕޯޓްތައް ހިންގާނީ ދިވެހިން: ސަރުކާރު
3 ގަޑިއިރު ކުރިން

އއ.އުކުޅަސް ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފަށައިފި
5 ގަޑިއިރު ކުރިން

އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަގާމަށް ރީކޯ މޫސަ ޝައުގުވެރިކަން ފާޅުކޮށްފި
5 ގަޑިއިރު ކުރިން

ހުސްވި އަހަރު ޓްރެވަލް ރިސީޓްގެ ގޮތުގައި 5 ބިލިއަނަށްވުރެ ގިނަ ޑޮލަރު ލިބިއްޖެ
5 ގަޑިއިރު ކުރިން


