
ވަޒީފާއިން ރިޓަޔާކުރާ އުމުރު 75 އަހަރަށް ދިގުކުރުމުގެ ބިލު ފާސްކޮށްފި

އައިޝަތު އިނާޝާ - 05 ޖެނުއަރީ 2026 - 10:21
އުމުރުން 75 އަހަރު ވަންދެން ވަޒީފާގައި ދެމިހުރެވޭނެ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ބިލު މަޖިލީހުން ފާސްކުރީ 46 މެންބަރުންގެ ވޯޓުންނެވެ. މި ބިލު މަޖިލީހުން ފާސްކުރީ ޤައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވުމުންނެވެ.
ރިޓަޔާކުރާ އުމުރު 75 އަހަރަށް ދިގުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުގެ މަތިން "ރީ-އެމްޕްލޯއިމަންޓްގެ ބިލު" ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދު އެވެ. މި ބިލުގައިވާގޮތުން ރީ-އެމްޕްލޯއިމަންޓް އުސޫލުގެ ދަށުން ވަޒީފާ ދެވޭނީ ދައުލަތުގެ ވަޒީފާގައި މަސައްކަތް ކުރަމުންދާ 65 އަހަރާއި 75 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ވަޒީފާގައި ދެމިތިބުމަށް އެދޭ މީހުންނަށެވެ. އަދި ދައުލަތުގެ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މި ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 7 އަހަރު ކުރިން ފެންޝަން ޙައްގުވާ އުމުރު ހަމަވެ، ވަޒީފާއިން ވަކިވެފައިވާ މީހުންނަށްވެސް ވަޒީފާ ހަމަޖައްސައިދެވިދާނެއެވެ.
ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސަން ޖެހޭނީ އަހަރުން އަހަރަށް އައު ކުރަންޖެހޭ އެއްބަސްވުމެއްގެ ދަށުންނެވެ. މި އުސޫލުގެ ދަށުން މުވައްޒަފު ކުރިން ހުރި މަގާމު ނުވަތަ އެގެން މަގާމަކަށްވެސް ހަމަޖެއްސިދާނެއެވެ. މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭ ފަރާތްތަކަށް ދެވޭ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާއެއްގޮތަށެވެ. މި އުސޫލުން ވަޒީފާ ދޭ ފަރާތްތަކަށް 65 އަހަރުވުމުން ދޭ އަސާސީ ޕެންޝަނެއް ނުލިބޭނެއެވެ. ނަމަވެސް ޕެންޝަނާބެހޭ ޤާނޫނުން ލިބިދޭންޖެހޭ އެހެނިހެން ޕެންޝަންގެ ފައިސާ ލިބޭނެއެވެ.
އުމުރުން 65 އަހަރުވުމަށްފަހުވެސް ވަޒީފާގައި ދެމިތިބުމަށް ބޭނުންވާ މުވައްޒަފުން 65 އަހަރު ފުރުމުގެ ހަމަ މަސް ދުވަސްކުރިން ރީ-އެމްޕްލޯއިމަންޓަށް އެދި ހުށަހަޅަންޖެހޭނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ކުރިން ވަޒީފާއިން ވަކިވެފައިވާ ފަރާތެއްނަމަ ޤާނޫނަށް އަމަލުކުރަންފަާތާ 4 މަސް ދުވަހުގެ ތެރޭގައި ރީ-އެމްޕްލޯއިމަންޓަށް އެދި ހުށަހަޅަންޖެހޭނެއެވެ. މި ބިލު ޤާނޫނަކަށްވި ނަމަވެސް ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުން އަދި ޤާނޫނުއަސާސީއާއި ޤާނޫނެއްގެ ދަށުން އައްޔަން ކުރެވޭ މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކަށް އެ ޤާނޫނެއް ނުހިނގާނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
ރައީސް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މި ބިލުގެ މަގްސަދަކީ، މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް، 65 އަހަރު ފުރިފައިވީ ނަމަވެސް، ގާނޫނީ ހަމަތަކުގެ މަތީން 75 އަހަރާ ހަމައަށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
ގުޅުން ހުރި ޙަބަރުތައް

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެމީހުން ހައްޔަރުކޮށްފި
7 މިނިޓު ކުރިން

ރާއްޖޭގައި ތިބި ޙާފިޒުންގެ ޢަދަދު 291އަށް އަރައިފި
11 މިނިޓު ކުރިން
-79e1aa401c2c0196006b.webp&w=3840&q=75)
ކެންޑިޑޭޓުންގެ އެޕްލިކޭޝަން ފޯމު ފުރުމަށް ޕޯޓަލް ހުޅުވާލައިފި
15 ގަޑިއިރު ކުރިން

އެމް.އޭސީ.އެލް އަކީ ބޮޑެތި މަޝްރޫޢުތައް ހިންގުމުގެ ގާބިލްކަން ހޯދާފައިވާ ކުންފުންޏެއް: މިނިސްޓަރު މޫސާ ޒަމީރު
16 ގަޑިއިރު ކުރިން


