logo

ވައިގެ ބަނދަރުގެ ސަލާމަތްތެރިކަމުގެ ދަންމަރު: އޭ.އާރް.އެފް.އެފް!

profile

އާމިނަތު ޝަޒްލާ - 28 ޖޫން 2026 - 09:39

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފޯރުކޮށްދޭ އެންމެ މުހިންމު ކުއްލި ނުރައްކަލުގެ އެއް ހިދުމަތް ކަމުގައިވާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގަމުންދާ އެއަރޕޯޓް ރެސްކިއު އެންޑް ފަޔަރ ފައިޓިންގ" (އޭ.އާރް.އެފް.އެފް) ގެ ޚިދުމަތަކީ، 12 އޭޕްރީލް 1966 ގައި ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި އަލިފާން ނިއްވުމުގެ ޚިދުމަތެވެ. މި ޚިދުމަތް ފެށުނީއްސުރެ، މި ދާއިރާ އަންނަނީ މެދުނުކެނޑި ފުޅާވެ، ޒަމާނީވަމުންނެވެ. އަދި މިއަދު މިއީ ރާއްޖޭގައި އޮތް އެންމެ ބޮޑު "އެއަރޯޑްރޯމް ފަޔަރފައިޓިންގ" ޚިދުމަތް ކަމުގައި ވަނީ ފާހަގަކުރެވިފައެވެ.

https://wamco.com.mv/

މި ޚިދުމަތް ކުރިއަށް ގެންދަނީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައި.ސީ.އޭ.އޯ) ގެ މިންގަނޑުތަކާއި ލަފާދީފައިވާ އުސޫލުތަކާ ފުރިހަމައަށް އެއްގޮތްވާ ގޮތުގެ މަތިންނެވެ. މީގެ ސަބަބުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ އޭވިއޭޝަން ސޭފްޓީ މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ އެއަރޕޯޓެއްކަން ކަށަވަރުކޮށްދެއެވެ.

އޭ.އާރް.އެފް.އެފް ގެ އެންމެ އިސް މަސްއޫލިއްޔަތަކީ، މަތިންދާބޯޓަށް ދިމާވާ ކުއްލި ނުރައްކާތަކުގެ ހާލަތްތަކުގައި އިންސާނީ ފުރާނަ ސަލާމަތްކޮށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ. އާންމުކޮށް ރަށްރަށުގައި ހަރަކާތްތެރިވާ ފަޔަރ ފައިޓަރުންނާ ހިލާފަށް، އެއާޕޯޓް ފަޔަރ ފައިޓަރުންނަކީ މަތިންދާބޯޓަށް ދިމާވާ އެކްސިޑެންޓްތަކާއި، އިންޖީނުގައި އަލިފާން ހިފުމާއި، ތެލުގެ ސަބަބުން ދިމާވާ އަލިފާނުގެ ހާދިސާތަކުގެ އިތުރުން، ރަންވޭގައި ހިނގާ އެކި ކަންކަމާއި ވައިގެ ދަތުރުފަތުރާ ގުޅުންހުރި އެހެނިހެން ކުއްލި ހާލަތްތަކަށް އިޖާބަދިނުމަށްޓަކައި ވައިގެ ދާއިރާގެ ހާއްސަ ތަމްރީނުތަކެއް ފުރިހަމަކޮށްފައިވާ ބަޔެކެވެ.

އެ ފަރާތްތަކުގެ މައިގަނޑު އަމާޒަކީ މަތިންދާބޯޓުގެ ދަތުރުވެރިންނާއި ފަޅުވެރިން ސަލާމަތްކުރުމާއި، އަލިފާން ކޮންޓްރޯލްކޮށް ނިއްވާލުމާއި، ބޯޓަށާއި އެއާޕޯޓުގެ ވަސީލަތްތަކަށް ލިބޭ ގެއްލުން ކުޑަކުރުމުގެ އިތުރުން، އެއާޕޯޓުގެ އޮޕަރޭޝަންތައް ވީ އެންމެ އަވަހަކަށް އާންމު ހާލަތަށް ގެނައުމެވެ. މީގެ އިތުރުން، ނުރައްކާތެރި މާއްދާތަކާއި، މަތިންދާބޯޓަށް އަޅާ ތެޔޮ ލީކުވުން ފަދަ ހާދިސާތަކާއި، ޞިއްޙީ ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ތަމްރީނު ވެސް އެ ފަރާތްތަކަށް ލިބިފައިވެއެވެ. އަދި ބޭނުންވެއްޖެ ކޮންމެ ހާލަތެއްގައި، އެއާޕޯޓުގެ އިމާރާތްތަކާއި، ބިމުގެ އޮޕަރޭޝަންތަކަށް ބޭނުންކުރާ ވަސީލަތްތަކާއި، އެއާޕޯޓުގެ އުޅަނދުފަހަރުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި ވެސް އެއާޕޯޓް ފަޔަރ ފައިޓަރުން ހަރަކާތްތެރިވާނެއެވެ.

މި ޚިދުމަތުގެ އެންމެ މުހިންމު އެއް ސިފައަކީ، ކޮންމެ ވަގުތަކުވެސް މަސައްކަތަށް ނުކުންނަން ތައްޔާރަށް އޮތުމެވެ. އޭ.އާރް.އެފް.އެފް އަކީ ހަފުތާގެ ހަތް ދުވަހު، 24 ގަޑިއިރު މެދުނުކެނޑި ޚިދުމަތް ދޭ ތަނެކެވެ. އެގޮތުން ފްލައިޓްތައް އޮޕަރޭޓްކުރާ ކޮންމެ ވަގުތަކުވެސް މި ޓީމުތައް ތިބެނީ ތައްޔާރީ ހާލަތުގައެވެ.

އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިސީއޭއޯ) ގެ މިންގަނޑުތައް ބަޔާންކުރާ ގޮތުން، ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވާ ހިނދު، އެއާޕޯޓް ރެސްކިއު ޓީމުތަކުން ކަނޑައެޅިފައިވާ ކުރު ވަގުތުކޮޅެއްގެ ތެރޭގައި އެ ސަރަހައްދަށް ހާޒިރުވާންޖެހެއެވެ. އެމްއޭސީއެލް އިން މި މިންގަނޑުތައް ހިފަހައްޓަނީ، މުވައްޒަފުން މެދުނުކެނޑި މަސައްކަތުގައި ބޭތިއްބުމާއި، ގަވާއިދުން އިމަޖެންސީ ޑްރިލްތައް ބޭއްވުމާއި، އާލާތްތައް ޗެކްކުރުމުގެ އިތުރުން އެއަރ ޓްރެފިކް ކޮންޓްރޯލާއި، އެއާޕޯޓް އޮޕަރޭޝަންސް، އެއާލައިންތައް، ފުލުހުން، އެމްބިއުލާންސް ޚިދުމަތް އަދި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ އެހެނިހެން އިދާރާތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ތެރެއިންނެވެ.

މި ޑިޕާޓްމަންޓުން ބޭނުންކުރަނީ މަތިންދާބޯޓަށް ދިމާވާ ހާދިސާތަކުގައި ހަރަކާތްތެރިވުމަށް ޚާއްޞަކޮށް ފަރުމާކޮށްފައިވާ "އެއަރކްރާފްޓް ރެސްކިއު އެންޑް ފަޔަރ ފައިޓިންގ" އުޅަނދުތަކެވެ. މި އުޅަނދުތަކަކީ އެތައް ހާސް ލިޓަރެއްގެ ފެނާއި، އަލިފާން ނިއްވުމަށް ބޭނުންކުރާ ފޯމާއި، ޑްރައި ކެމިކަލްގެ އިތުރުން، މީހުން ސަލާމަތްކުރުމަށް ބޭނުންވާ ސާމާނާއި، ނޭވާލާން އެހީތެރިވެދޭ އާލާތްތަކާއި، ހައިޑްރޯލިކް ކަޓިންގ އިކުއިޕްމަންޓާއި އަދި ކުއްލި ޞިއްޙީ އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ ތަކެތި ފުރިހަމައަށް ހިމެނޭހެން ތައްޔާރުކުރެވިފައިވާ އުޅަނދުތަކެކެވެ.

ރަންވޭ އާއި ޓެކްސީވޭތަކުގައި ދިމާވާ ކުއްލި ހާލަތްތަކުގައި ވަރަށް ހަލުވިކަމާއެކު ހަރަކާތްތެރިވެ، މަތިންދާބޯޓުގެ ތެލުން އުފެދޭ ގަދަ އަލިފާން މަދު މިނެޓުކޮޅެއްގެ ތެރޭގައި ކޮންޓްރޯލްކުރުމުގެ ފުރިހަމަ ގާބިލުކަން މި އުޅަނދުތަކަށް ލިބިގެންވެއެވެ. މީގެ އިތުރުން، ކުއްލި ހާލަތްތަކުގައި ކުރިއަށްގެންދާ އޮޕަރޭޝަންތައް ވަރުގަދަކުރުމަށްޓަކައި ކޮމާންޑް ވެހިކަލްތަކާއި، ކަނޑުމަތީގެ ސަލާމަތީ މަސައްކަތްތަކަށް ބޭނުންވާ އުޅަނދުފަހަރާއި، މުއާސަލާތީ ނިޒާމުތަކުގެ އިތުރުން މީހުން ސަލާމަތްކުރުމަށް ބޭނުންކުރާ ޒަމާނީ އާލާތްތައްވެސް މި ޑިޕާޓްމަންޓުން ބޭނުންކުރެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްޤީވެ ފުޅާވަމުންދާއިރު، ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި އެމްއޭސީއެލް އިން ވަނީ ބޮޑު އިންވެސްޓްމަންޓެއް ކޮށްފައެވެ. މިގޮތުން، އެއާޕޯޓުގައި މިހާރު ވަނީ ޒަމާނީ އޭ.އާރް.އެފް.އެފް ގެ އިމާރާތެއް ބިނާކޮށްފައެވެ. މި އިމާރާތުގައި ޚާއްޞަ ކޮންޓްރޯލް ރޫމަކާއި، ތަމްރީނުދޭ މަރުކަޒުތަކާއި، އިދާރީ އޮފީސްތަކުގެ އިތުރުން، މުވައްޒަފުން ތައްޔާރުވާނެ ކޮޓަރިތަކާއި ކުއްލި ހާލަތްތަކުގައި ބޭނުންކުރާ އުޅަނދުތައް ބަހައްޓާނެ ޖާގަ ހިމެނެއެވެ. މިފަދަ ތަރައްޤީގެ މަޝްރޫޢުތަކުގެ ސަބަބުން، އެއާޕޯޓަށް އަންނަ ފްލައިޓްތަކާއި ފަސިންޖަރުންގެ އަދަދު އިތުރުވަމުންދާ ދަނޑިވަޅެއްގައި، އޭވިއޭޝަން ސޭފްޓީ ނުވަތަ ދަތުރުފަތުރުގެ ރައްކާތެރިކަން އެންމެ މަތީ ފެންވަރުގައި ދެމެހެއްޓުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

ތަމްރީނު ދިނުމަކީ އޭ.އާރް.އެފް.އެފް އިން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ. މިގޮތުން، އަލިފާން ނިއްވާ މީހުން ގަވާއިދުން އަމަލީ ތަމްރީނުތަކާއި، މަތިންދާބޯޓަށް ދިމާވާ ހާދިސާތަކުން މީހުން ސަލާމަތްކުރުމުގެ ސިމިއުލޭޝަންތަކާއި، އަލިފާން ނިއްވުމުގެ ޑްރިލްތަކުގެ އިތުރުން، ފުރަތަމަ އެހީގެ ތަމްރީނުތަކާއި ޚާއްޞަ ވެހިކަލްތައް ދުއްވުމުގެ ކޯސްތަކުގައި ބައިވެރިވެއެވެ.

މީގެ އިތުރުން، މުވައްޒަފުންގެ ހުނަރާއި މަސައްކަތަށް އޮންނަ ތައްޔާރީތަކުގެ ފެންވަރު އިތުރަށް މަތިކުރުމަށްޓަކައި، މި އަހަރު އެމްއޭސީއެލް އިން ވަނީ ހަ ހަފުތާގެ "އެއަރޕޯޓް ރެސްކިއު އެންޑް ފަޔަރ ފައިޓިންގ ވެހިކަލް އޮޕަރޭޓަރ" ކޯހެއް ފަށާފައެވެ. މެދުނުކެނޑި ކުރިއަށްގެންދާ މިފަދަ ފަންނީ ތަމްރީނުތަކުގެ ސަބަބުން، ކޮންމެ ކުއްލި ހާލަތަކަށްވެސް ފުރިހަމައަށް ތައްޔާރުވެ، އެފަދަ ހާދިސާތަކުގައި އެންމެ އެދެވޭ ގޮތެއްގައި ހަރަކާތްތެރިވުމުގެ ގާބިލުކަން މުވައްޒަފުންނަށް ލިބިގެންދެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk