.jpeg&w=3840&q=75)
"ޢާއިލީ ބޯހިޔާވަހިކަން"، ބޯހިޔާވަހިކަމުގެ އިންސާފްވެރި ސިޔާސަތެއް: މިނިސްޓަރު މުއްތަލިބް

ޝަހްޒާ މުޙައްމަދު - 26 ޖެނުއަރީ 2026 - 09:33
ބޯހިޔާވަހިކަމުގެ މައްސަލައަކީ ދިވެހިރާއްޖޭގެ ގިނަ އާއިލާތަކަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މިހާރު ކުރިއަށްގެންދާ 'ޢާއިލީ ބޯހިޔާވަހިކަން' ޕްރޮގްރާމަކީ ވަރަށް ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ މަޝްރޫއެކެވެ. މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްތަލިބް ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ އެންމެ ބޮޑަށް ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ އާއިލާތަކަށް އިސްކަންދޭ ސިޔާސަތެކެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ މުއްތަލިބް ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް އިސްކަންދޭ ގޮތަށް ކަމަށާއި، މިއީ މުޖުތަމައުގެ ހަމަޖެހުމާއި ކަރާމާތް ރައްކާތެރިކުރުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ، ބޯހިޔާވަހިކަމަކީ ހަމައެކަނި މިލްކިއްޔާތެއް ނުވަތަ މުއްސަނދިކަން އިތުރުކުރަން އޮތް ވަސީލަތެއް ނޫން ކަމަށެވެ. އެއީ ތައުލީމާއި، ސިއްހަތާއި، ވަޒީފާ އަދި އިޖުތިމާއީ ބަދަހިކަމުގެ ބިންގާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމާއި ގުޅޭގޮތުން ވަޒީރު ވިދާޅުވީ، މި ޕްރޮގްރާމުގެ ދަށުން އެއްވެސް ބޯހިޔާވަހިކަމެއް ނެތް މީހުންނަށް އިސްކަންދެނީ ވަރަށް ސާދާ އުސޫލަކުން ކަމަށެވެ. އަދި ބިމެއް ނުވަތަ ގެއެއް ނެތް އާއިލާތަކަކީ ގިނަ ފަހަރަށް އެބައެއްގެ މުދަލާއި ތަކެތީގެ ރައްކާތެރިކަން ލިބިފައިނުވާ ބައެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ކިތަންމެ ކުޑަ ނަމަވެސް ބޯހިޔާވަހިކަމުގެ ފުރުސަތެއް އޮތް އާއިލާއެއްގެ ހާލަތު، އެއްވެސް ވަސީލަތެއް ނެތް އާއިލާއަކާ އަޅާބަލާއިރު ތަފާތުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ ބޭނުންތެރިކަން ވަޒަންކުރަނީ ވަކިވަކި ފަރުދުންގެ ގޮތުގައި ނޫން ކަމަށާއި، އެއީ އާއިލާތަކުގެ ނިސްބަތުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އާއިލާއެއްގެ ކޮންމެވެސް އެއް މެންބަރެއްގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތްނަމަ، އެ އާއިލާއަށް އިތުރު ޔުނިޓެއް ދިނުމުގެ ކުރިން އެއްވެސް އެއްޗެއް ނެތް އާއިލާއަކަށް ފުރުސަތު ދިނުމަކީ ފަރަގު ކުޑަކުރުމަށް ކުރަންޖެހޭ ކަމެއް ކަމަށް މިނިސްޓްރު ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ ދަށުން ކަނޑައެޅިފައިވާ ޝަރުތުތަކަކީ އެއްވެސް ބަޔަކަށް ބޯހިޔާވަހިކަން ނުދިނުމަށް ހަދާފައިވާ ހުރަސްތަކެއް ނޫންކަމަށާއި މިއީ ބޯހިޔާވަހިކަމަށް އޮތް ބޮޑު ޑިމާންޑާ އެއްވަރަށް ވަސީލަތްތައް ފޯރުކޮށްދިނުމަށްޓަކައި ގެންގުޅޭ އިންސާފުވެރި ތަރުތީބެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާއެއް ބާކީކޮށްފައި، މިލްކިއްޔާތުގައި ބޯހިޔާވަހިކަމެއް ހުރި އާއިލާއަކަށް ދެވަނަ ފުރުސަތެއް ދިނުމަކީ އިންސާފެއް ނޫންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، މިވަގުތުގެ ސިޔާސަތަކީ އެންމެ ފުރަތަމަ 'ޒީރޯ އެކްސެސް' ނުވަތަ އެއްވެސް ތަނެއް ނެތް މީހާއަށް އިސްކަންދިނުންކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ސޯޝަލް ހައުސިން، ގޯތި، އަދި އަތްފޯރާފަށުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދާވަރަކަށް އާންމު ބޯހިޔާވަހިކަމަށް އޮތް ބާރު ކުޑަވާނެ ކަމަށެވެ. އަދި ކޮންމެ އާއިލާއަކަށް މަދުވެގެން އެއް ބޯހިޔާވަހިކަން ކަށަވަރުވުމުން، މިހާރު ގެންގުޅޭ ސިޔާސަތުތަކަށް ބަދަލުތައް އަންނާނެ ކަމަށްވެސް މިނިސްޓަރ މުއްޠަލިބް ވިދާޅުވިއެވެ.
ސަރުކާރުގެ 'ބޯހިޔާވަހިކަން އެންމެނަށް' ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން ދޫކުރުމަށް ހަމަޖެހިފައިވާ 15،000 ގޯތްޗަށް އެދި ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. އަދި މި ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ސަރުކާރުން މިހާރު ވަނީ ހުޅުވާލާފައެވެ.
ހިޔާވަހި ޕޯޓެލް މެދުވެރިކޮށް މި ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅޭނީ އަންނަ މާރިޗު މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފެލްޓަށް އެދި ހުށަހެޅޭނީ އޭޕްރީލް މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށެވެ.
ގުޅުން ހުރި ޙަބަރުތައް

މެލޭޝިޔާ ކައިރިން 130 މިލިޔަން ޑޮލަރުގެ ތެޔޮ އަތުލައިގަނެފި
4 ގަޑިއިރު ކުރިން

އެމް.އޭ.ސީ.އެލްގެ ސެކިއުރިޓީ އޮފިސަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ފުރަތަމަ ބެޗް އިފްތިތާހުކޮށްފި
9 ގަޑިއިރު ކުރިން

ފަންނުވެރިޔާ ގުމޭރިއާ އަމިއްލަ އަތުން ވިޔެ ތައްޔާރުކޮށްފައިވާ ދިވެހި ފޭއްޔެއް ރައީސަށް ހަދިޔާކުރައްވައިފި
9 ގަޑިއިރު ކުރިން

ރައްކާ ރޯޑް ސޭފްޓީ ކެމްޕެއިން ކުރިއަށް ގެންދިއުމަށް އެލައިޑާއެކު އެއްބަސްވުމެއް
9 ގަޑިއިރު ކުރިން


