logo

ރައީސް ޑރ. މުއިއްޒު ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ހުޅުއްވައިދެއްވައިފި

profile

އައިމިނަތު ރޫޔާ - 03 ނޮވެމްބަރު 2024 - 11:50

---ރައީސް ޑރ މުޙައްމަދު މުޢިއްޒު ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ބައްލަވާލައްވަނީ

---ރައީސް ޑރ މުޙައްމަދު މުޢިއްޒު ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ބައްލަވާލައްވަނީ

ރައީސް ޑރ މުޙައްމަދު މުޢިއްޒު، ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ހުޅުވައި ދެއްވައިފިއެވެ.

އެމަނިކުފާނު މި މައުރަޒު ހުޅުވައިދެއްވީ އެކަމަށްޓަކައި ޚާއްޞަކޮށްގެން މިއަދު ހެނދުނު ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައެވެ.

ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ހުޅުއްވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ މި މައުރަޒު ބައްލަވާލައްވާފައެވެ.

ރައީސް ޑރ މުޙައްމަދު މުޢިއްޒު މިއަދު ހުޅުވައިދެއްވި ސިފައިންގެ މައުރަޒުން ފެނިގެންދާނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ލިބުނު ގެއްލުންތަކާއި އެދުވަހު ނަޞްރު ހޯދުމަށް ސިފައިން ދެއްކި ހިތްވަރެވެ.

މި މައުރަޒުގެ މައިގަނޑު އެއް ބޭނުމަކީ ނަޞްރުގެ ދުވަހުގެ މަޢުލޫމާތު އަދުގެ ޖީލަށް ބުނެދިނުމެވެ. މި މައުރަޒުން ގާތްގަނޑަކަށް 200 އަށްވުރެ ގިނަ ޑިސްޕްލޭ ފެންނަން ހުންނާނެއެވެ. އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ މައުރަޒުގައި ފޮޓޯގެ އިތުރުން ނަޞްރުގެ ދުވަހު ބޭނުންކުރެއްވި ބައެއް އަސްލު ހަތިޔާރާއި ބައެއް ތަކެތި އާންމުންނަށް ދައްކާލުމަށް ބަހައްޓާފައިވެއެވެ.

މި މައުރަޒު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

މި މައުރަޒު އާންމުންނަށް ބަލައިލުމަށް ހުޅުވާފައި ހުންނާނީ ހެނދުނު 09:00 އިން 12:00 އަށް، މެންދުރުފަހު 14:00 އިން 18:00 އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.

ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އިތުރުން ސިފައިންގެ އިސްވެރިންނާއި ވަޒީރުން އަދި ދަޢުލަތުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަހަރުގެ ނަޞްރުގެ ދުވަސް ފެށިގެން ދިޔައީ ބޮޑު ޖަމާޢަތުގައި ކުރެއްވި ފަތިސް ނަމާދުންނެވެ. އަދި އެއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ.

މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފް އިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި މިއަދު ހަވީރު 16:15 ގައި ޖުމުހުރީ މައިދާނުގައި "މިލިޓަރީ ޑިސްޕްލޭ" އެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިރޭ 20:15ގައި ދަރުބާރުގޭގައި ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހާއްސަ ޖަލްސާ އެއް އޮންނާނެއެވެ.

https://int.etukuri.mv/
tel:+9607331319